ޕީއެންސީގެ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ތާއީދުކުރާ މީހުންނަށް ބިރު ދެއްކުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހިންގަމުންދާ އަމަލުތައް ހުއްޓާލުމަށް އެމްއެންޕީގެ ރައީސް ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުގެ ކެމްޕެއިން ބައްދަލުވުމެގައި ނާޒިމްވަނީ ދިވެހިރާއްޖޭގެ އިގްތިސާދު ގޯސް ހާލަތެއްގައި އޮތްކަމަށް ވިދާޅުވެފައެވެ. އެގޮތުން ރާއްޖެ އޮތީ ބޭރު ގައުމެއްގެ މީހުންގެ ބަސް ހިނގަމުންދާ ގޮތެއްގެ މަތީގައިކަމަށާއި އޭނާ މުއިއްޒުއާއި ގުޅިގެން މަސައްކަތްކުރައްވަމުންދަނީ އެ ކަންކަން ހައްލުކުރުމުގެ ގޮތުންކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ތަފާތު ދޮގު ވާހަކަތައް ދައްކައި މުއިއްޒުއަށް ވޯޓުލާން ބިރު ގަންނަ ހާލަތަށް ރައްޔިތުން ގެނައުމުގެ ގޮތުން މަސައްކަތްތައް ކުރެވެމުންދާކަމަށެވެ. އެހެންކަމުން އެ ޕާޓީއިން ތިބީ ގައުމު ސަލާމަތްކުރުމަށްކަމަށް އޭނާ ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، ގައުމު ސަލާމަތްކުރަން އެކުލަވާލާފައިވާ އެއްބަސްވުމުގައި އެއްވެސް ޝަރުތެއް ނޯންނާނެކަމަށެވެ.
މުއިއްޒު ފަހަތަށް އެރުއްވީ އެއްވެސް ޝަރުތެއް ނުކުރައްވާ ނަމަވެސް ޝަރުތެއް އޮތްކަމަށް ބުނަމުންދާކަމަށެވެ. އޭނާ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރަން އެންމެ ބޭނުންވަނީ އޭނާކަމަށެވެ. އޭނާ ވިދާޅުވީ، ރައީސްކަމުގެ މަގާމު އަދާކުރައްވާފައިވާ މީހަކު ޖަލުގައި އޮތުމަށް ނޭދޭކަމަށާއި ސެލެކްޓިވް ޖަސްޓިސްގެ އުސޫލުގެ ދަށުން ވަކި މީހަކަށް ”ހަރާން ހުކުމެއް“ ކޮށްފައި ޖަލުގައި ބޭއްވުމަކީ އޭނާ ބަލައިގަންނާނެކަމެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީން މިނިވަންކަން މަތީ ހުންނަވާ ދުވަހެއް ދެކުމަށް އެދޭކަން ސާފުކޮށް ދަންނަވާކަމަށާއި ޕީއެންސީ ޕީޕީއެމް އަދި އެމްއެންޕީގެ ކޯލިޝަނަށް ތާއީދުކުރާ މީހުންނަށް ބިރު ދެއްކުމުގެ ގޮތުން ހިންގަމުންދާ އަމަލުތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލާކަމަށް ނާޒިމް ވިދާޅުވިއެވެ.

