ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ވޯޓުލުން މިހާރު އޮތްގޮތުން އެއް ބަޔަކު ލިސްޓުކޮށް ބާކީ ކުރެވޭނެ“

އިލެކްޝަން ކޮމިޝަންގެ ފަރާތުން ނޫސްވެރިންނަށް ވޯޓު ކަރުދާސް ދައްކާލަނީ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިގޮސްފިއެވެ. ނަތީޖާތައް ބެލުމުން ދިވެހިރާއްޖޭގެ ވޯޓު ލެވޭ އާބާދީގެ ބޮޑު އިންސައްތައެއް ވޯޓުލުމަށް ނުނިކުންނަކަން އެނގިގެންދެއެވެ. އެއް ބަޔަކު ބުނާގޮތުން އެއީ ރައްޔިތުންގެ ތެރޭގައި ސިޔާސީ މަސްރަހާއި ސަރުކާރުގެ ކަންކަމަށް އިތުބާރު ގެއްލިފައިވާކަން އަދި ހިނގަމުންދާ ކަންކަމަށް އަހިއްމިޔަދު ދޭ މިންވަރަށްވުރެ ފޫހިވެފައިވާކަން ފެނިގެންދާ ކަމެކެވެ.

ހައްގު ލިބިގެންވާ އާބާދީގެ 20 އިންސައްތައަށްވުރެ އިތުރު އަދަދެއް ވޯޓުލުމުގައި ޝާމިލުނުވާކަމަށްވުމުން ފޫހިވުމަށާއި އިތުބާރު ގެއްލުމަށް ދިމާވި ސަބަބު ދެނެގަތުމަކީ ދިވެހިރާއްޖޭގެ ޑިމޮކްރެސީގެ އަސާސްތައް ދިރި އޮތުމަށް ކޮންމެހެންވެސް ބޭނުންތެރިކަމެކެވެ.

ވޯޓު ނުލީ ސަބަބާއި ގުޅޭގޮތުން ސުވާލު ކުރުމުން ލިބޭ ޖަވާބުތަކުގެ ތެރޭގައި ކޮންމެ ވޯޓަކަށް ފެންނަ ވާހަކަ އަދި އެއަށްފަހު ކެންޑިޑޭޓުން ނުވަތަ ގައުމުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ނުފެންނަކަމުގެ ވާހަކަ ހިމެނެއެވެ. ކޮންމެ ވޯޓަކަށް އެތައް މޮޅެއް ލިއްބައިދޭނެކަމުގެ ވައުދުވެފައި އޭގެން އެއް ކަމެއްވެސް ހާސިލުނުވެ ދައުރު ނިމެންދެން ރައްޔިތުން ބިކަވެ ތިބެން ޖެހޭ ކަމަށްވެސް ބައެއް މީހުން ބުނެއެވެ. ބުނާ ގޮތުން ވަޒީފާވެސް ލިބެނީ ވަކި ބަޔަކަށެވެ. އަދި އެހެންމީހުން ތިބެނީ ފަސް އަހަރު ދުވަހު ބާކީވެފައިފަދަ ގޮތަކަށްކަމަށްވެސް ބައެއް މީހުން ބުޏްވެ.

ވަޒީފާ ދެނީ ވަކި ބަޔަކަށް ކަމަށް ބުނާ ވާހަކައަށް ބަލާއިރު، އެ މީހެއްގެ ކިބައިގައި އެ ބޭނުންވާ ޒާތުގެ ވަޒީފާއެއް އަދާކުރެވޭނެ ކަމަށް ބެލޭ ގާބިލުކަން ނެތްކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި އެ ބުނާގޮތަށް ކޮރަޕްޝަންގެ އަމަލުތައް ހިންގައިގެން ވަޒީފާ ދޭ ވާހަކަތައް ވެސް އިވިދާކަން ފާހަގަކުރުން މުހިންމެވެ. އަދި ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ޕްރައިވެޓު ސެކްޓާރގެ ވަޒީފާތައް މަދުވުމުންނާއި ލިބޭ މުސާރަތައް އެންމެ އެކަށީގެން ނުވުމުގެ ސަބަބުންވެސް ވަޒީފާ ދިނުމާއި ހޯދުމުގެ ދަތިތައް ކުރިމަތިވާކަމީވެސް ހަގީގަތެވެ. އެހެންނަމަވެސް ވަގުތުން ވަގުތަށް ފިޔަަވަޅުތަކެއް އެޅެން އޮތީ ޓާގެޓުކޮށްގެން އަޑި އަޑިން ވަޒީފާ ދޭކަމަށް ބުނާ މައްސަލަކަމަށްވުމުން ވަކި ބަޔަކަށް އެކަނި ވަޒީފާ ދިނުމަށާއި ވަކި ބަޔަކު ބާކީ ކުރުމަށް ޓާގެޓު ކުރެވިދާނެތޯ ކުރެވޭ ސުވާލަށް ޖަވާބު ހޯދުން މުހިންމެވެ.

މިހާރު ކަން އޮތް ގޮތުން އެކަން ކުރެވިދާނެއެވެ. މިހާރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވޯޓު ހޯދުމަށް ގުޅާއިރު، މިދިޔަ ބުރުގައި ވޯޓު ނާޅާކަން އެނގޭކަން ފާގަކުރެވެއެވެ. އެހެންކަމުން ވޯޓުގައި ބައިވެރިނުވާ މީހުންނަކީ ކޮބައިކަން ކަމާއި ބެހޭ މުއައްސަސާ އަދި އިންތިހާބީ ކަންކަމުގައި ހަރަކާތްތެރިވާ މީހުންނަށްވެސް އެނގޭކަން ކަށަވަރެވެ. ވޯޓުލުމަށް ކަރުދާސް ކޮޅު ދޫކުރުމުގައި ބަލާ ލިސްޓުންވެސް ވޯޓު ނުލާ މީހުން އެނގޭނެއެވެ. ހަމަ ދެވަނަ ބުރުގައިވެސް އެނގޭނެއެވެ. އެހެންކަމުން ވޯޓު ނުލާ މީހުންނަކީ ކޮބައިކަން ދެނެގަނެ ލިސްޓުކުރުމާއި އެ މައުލޫމާތުގެ މައްޗަށް އަމަލުކުރުމުގެ ފުރުސަތު އޮވެއެވެ. އަދި ޔަގީނުންވެސް ވޯޓު ނުލާ މީހުންނަކީ ކޮބައިކަން އެނގުމުން ބާރުވެރި މަގާމެއް ނުވަތަ ހައިސިއްޔަތެއް ހުރި ބަޔަކަށް ފިއްތުންތަކެއް ކުރިމަތިކުރެވިދާނެއެވެ. މިހާރުވެސް ލޯނުތައް ހިފަހައްޓައިގެން މީހުންނަށް ފިއްތުންތައް ކުރިމަތިކޮށް މަޖުބޫރުކުރުވާކަމަށް ބުނެ ތުހުމަތުތައް ކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

އެހެންކަމުން ސަންގުއިންވަނީ އިންތިހާބީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި މިކަމާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. ފުއާދު ވިދާޅުވީ، ވޯޓުލާއިރު ނަން ގޮވާނެކަމަށްވުމުން ޕާޓީތަކުގެ މީހުން އެ މީހުންނަށް ދީފައިވާ ލިސްޓުގައި އަންނަ މީހުން ފާހަގަކުރާކަމަށެވެ. އެހެންކަމުން ނުލާ މީހުން އެނގިގެންދާކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ ތެރެއިން ވަކި ބަޔަކާއިމެދު ސިޔާސީ މަގުސަދެއްގައި ތަފާތުތަކެއް ގެންގުޅުމަށް ބޭނުންކުރެވިދާނެ މައުލޫމާތުތަކެއް ފަސޭހަކަމާއިއެކު ލިބޭ ގޮތަށް އޮތުމަކީ ކަންބޮޑުވުމެކެވެ. ސިޔާސީ ޕާޓީތަކާއި މަސައްކަތްތަކުގެ ބޭނުމަކީ އިންތިހާބުތައް ކާމިޔާބުކުރުންކަމަށްވުމުން، އެފަދަ ލިސްޓަކަށް ބަލައި ރައްޔިތުންގެ މެދުގައި ތަފާތުކުރުންތަކެއް ގެންގުޅުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން ވަޒީފާ ދިނުމާއި އެހެނިހެން ކަންކަމުގެ ތެރެއިންވެސް ވޯޓު ނުލާ މީހުން ސްކްރީން ކުރެވި އެއްކިބާކޮށް، ވަޒީފާ ދިނުމުގެ ސަބަބުން ވޯޓު ކަށަވަރުކުރެވި ސިޔާސީ މައިދާނުގައި ހަރަކާތްތެރި ކުރުވޭނެ މީހުންނަށް އެ ފުރުސަތު ދީގެން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ބޭނުން ކުރެވިދާނެ ހަތިޔާރެކެވެ.،

އެހެންކަމަން ވޯޓުނުލާ މީހުންގެ މައުލޫމާތު ސިޔާސީ ޕާޓީތަކަށް އެނގެން އޮތުމުން އެ މީހުން ބާކީކޮށްލުމުގެ ފުރުސަތު ފަހިވާކަމާއިމެދު ސަންގުންވަނީ ފުއާދު އާއި ސުވާލުކޮށްފައެވެ. އޭނާ ވިދާޅުވީ، އެއީ އޮތް ފުރުސަތެއްކަމަށާއި އެ މުއައްސަސާއިން އެ މައުލޫމާތުތައް ދޫނުކުރާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެތަނުގައި ހާޒިރުވެތިބޭ ސިޔާސީ ޕާޓީތަކުގެ މީހުން ގެންގުޅޭ ލިސްޓެއްގައި ގޮވާ ނަންތައް އަދި ހާޒިރީ ފާހަގަކުރާކަމަށެވެ.

ފުއާދު ވިދާޅުވީ، ޝައްކެއްވެސް ނެތް ގޮތުގައި އެ ފުރުސަތު އޮތްކަމަށާއި އެކަމަކީ ކަންބޮޑުވުމެއްކަމަށެވެ. އޭނާވަނީ މި މައްސަލައާއިމެދު އެ ކޮމިޝަންގެ މެމްބަރުނާއި މަޝްވަރާތައް ކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. އެހެންނަމަވެސް މި އިންތިހާބުގައި ގަވައިދަށް ބަދަލެއް ނުގެނެވޭނެކަމަށާއި އެކަމަކު ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބާއި ހިސާބަށް ދާއިރު، މަޝްވަރާތައް ކުރެވި ގަވައިދަށް ބަދަލެއް ގެންނަން ޖެހޭނަމަ އެ މަސައްކަތްތައްވެސް ކުރެވިގެންދާނެކަމަށެވެ. ފުއާދު ވިދާޅުވީ، މިވަގުތު މިހާރު ނިންމާފައިވާ ނިންމުންތަކުގެ މަތިން ކުރިއަށް ދާނެކަމަށެވެ.

ރައްޔިތުންގެ ތެރޭގައި މި ވޯޓުގެ ސިއްރުކަމަށް އަދި ވޯޓުލުމުގެ ނިޒާމަށް އޮންނަ އިތުބާރު ގެއްލިގެންދިއުމަކީ އެ މުހިންމު ޒިންމާ އަދާކުރުމަށް ނުކުންނަ މީހުން މަދުވެ، ގައުމުގެ ކުރިމަގާއިމެދު ނިންމާ ނިންމުންތަކަށް ސުވާލު އުފައްދައި ހަަމަނުޖެހުންތަކެއް ހިނގުމުގެ ފުރުސަތު ފަހިވެގެންދާ ކަމެކެވެ. އެހެންކަމުން މި މައްސަލައަށް ފަރުވާ ހޯދުމަކީ ކޮންމެހެންވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: