ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގެ ދައުރުގައި އިންޑިއާ އާއިއެކު އުތުރުތިލަފަޅާއި ގުޅޭ ގޮތުން ގާއިމުކޮށްފައިވާ އެއްބަސްވުމެއް ނުދެއްކޭނެކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށް ފަހު“ ޕްރޮގްރާމްގައި އާދަމް ޝަރީފްވަނީ އުތުރު ތިލަފަޅު އެއްބަސްވުން ގާއިމުކުރެވުނީ ރައީސް ޔާމީންގެ ވެރިކަމުގައިކަމަށް ބުނެ ނެރެފައިވާ ބަޔާނާއިމެދު ވާހަކަދައްކަވާފައެވެ. އެގޮތުން ސަރުކާރެއް ހިންގާ ބަޔަކަށް އެގްރިމެންޓާއި ވޯކްޕްލޭނާއި ޓައިމްލައިން އަދި އެމްއޯޔޫ ފަދަ ލިޔެކިއުންތަކުގެ ތަފާތު ނޭނގިތިބި ކަންކަމާއި ގުޅޭގޮތުން ބަޔާން ނެރެން ލަދުވެތިވާންޖެހޭނެކަމަށެވެ.
އޭނާ ވިދާޅުވީ، އެއީ ޒިންމާދާރުކަން ކުޑަކޮށް ހިންގާފައިވާ އަމަލެއްކަމަށެވެ. އެހެންނަމަވެސް އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހިރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަމަކީ ރަނގަޅު ވާހަކައެއްކަމަށެވެ. އެގޮތުން އެއަރވިންގަކާއި އެކަމަށްޓަކައި ވިސްނުންތަކެއް ހިމަނައިގެން ކައްދޫގެ ވައިގެ ބަނދަރު ތަރައްގީކުރުމަށް ޕްލޭނެއް އެކުލަވާލިކަމަށްވެސް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ، އެގޮތުގެ މަތިން އުތުރު ތިލަފަޅު ތަރައްގީކުރެއްވުމަށްވެސް ރައީސް ޔާމީން ވިސްނުންތަކެއް ގެންގުޅުއްވިކަމަށެވެ. އަދި ރާއްޖޭގެ އަސްކަރީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އިންޑިއާ އާއި މަޝްވަރާތައްވެސް ކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިންޑިއާ އަށް ކުރެއްވި ދަތުރެއްގައި ރައީސް ޔާމީން ކުރައްވަން ހުރި ކަންކަމުގެ ލިސްޓެއް (ވޯކް ޕްލޭނެއް) އެކުލަވާލެއްވިކަމަށެވެ. އެހެންނަމަވެސް އެއީ އެއްބަސްވުމެއް ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީންގެ ދައުރުގައި އުތުރު ތިލަފަޅާއި ގުޅޭގޮތުން ސޮއިކޮށްފައިވާ އެއްބަސްވުމެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ދެއްކެން ނެތުމަކީ އެއްބަސްވުމެއް އެކުލަވާލާފައިނުވާކަމުގެ ހެއްކެއްކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ އެއްބަސްވުމެއް ނުދެއްކޭނެކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ، ދިވެހި އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ކުރަން ހުރި ކަންކަމާއި އިންޑިއާގެ އެހީ ބޭނުންވާނެ ކަންކަން ލިޔެކިއުމެއްގެ ސިފައިގައި އެކުލަވާލިކަން ދެއްކިދާނެކަމަށެވެ. އަދި ވިދާޅުވަމުންދަނީ ކުރަންވީ ކަންކަމުގެ ތެރޭގައި އިތުރު ތިލަފަޅުގެ ތަރައްގީކުރުމުގެ ހިމަނާފައިވާ ވާހަކަކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެއީ މިހާރުގެ ސަރުކާރުން ގެންގުޅޭ ވިސްނުމުގައި ކޮށްފައިވާ މަސައްކަތްތަކެއް ނޫންކަމަށެވެ. އެގޮތުން ރައީސް ޔާމީން ވިސްނެވީ އެ ތަނުގެ މަސައްކަތްތައް އަމިއްލައަށް ކުރެއްވުމަށްކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ، އެތަން ތަރައްގީ ކުރުމަށް އެއްބަސްވުމެއް ގާއިމުކުރިކަމަށް ބުނަމުންދަނީ ރައީސް ޔާމީން އިންޑިއާގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައި ރާއްޖޭގައި ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އެތަން ތަރައްގީކުރުމުގެ ވާހަކަތައް ދައްކަވާފައިވާތީކަމަށެވެ. އެހެންނަމަވެސް އެ ވާހަކަތައް ހިއްސާކުރުމަކީ އެއްބަސްވުމެއް ގާއިމުކުރުމެއް ނޫންކަން އާދަމް ޝަރީފްވަނީ ތަކުރާރުކުރައްވާފައެވެ.
އާދަމް ޝަރީފް ވިދާޅުވީ، އެއީ އެއްބަސްވުމެއް ނޫންކަމަށާއި އެތަނާއި ގުޅުވައި އެއްބަސްވުމެއް ހަދާފައިވަނީ ރައީސް ސާލިހުގެ ސަރުކާރުންކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރުން އުޅެނީ ވޯކް ޕްލޭނާއި އެމްއޯޔޫ އަދި އެއްބަސްވުން އޮޅުވާލައިގެންކަމަށާއި އެ ނޫން ނަމަ ތަފާތުކުރަން އެނގިވަޑައިނުގަންނަނީކަމަށް ވިދާޅުވިއެވެ.

