ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން، މަގު ބައްތިތައް ރަނގަޅުކުރަން ކައުންސިލްތަކަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ދީފައިވާ މުހުލަތު އިތުރުކޮށްފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓާރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
މާލޭ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާގެ ގޮނޑިއަށް އިންތިހާބުވި ތިން މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނިމުނު ޖުލައި މަހުގެތެރޭގަ ކައުންސިލްތަކަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ 30 ދުވަހުގެ ތެރޭގަ ރަށްރަށުގެ މަގުބައްތިތަކުން ކަރަންޓު ކަނޑާލާނެ ކަމުގެ އަމުރު އައުމާ ގުޅިގެން ދިމާވި ގޮންޖެހުން ކަމަށެވެ.
މިކަމާ ގުޅިގެން މި މިިނިސްޓްރީން އިސްނަގައިގެން ފެނަކަޔާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ އަދި ސަރުކާރުގެ އެހެން މުއައްސަސާތަކާ އެކުގަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި މިހާރު މިވަނީ ހަ މަސް ދުވަހުގެ މުހުލަތެއް އަޅުގަނޑުމެންނަށް ލިބިފަ. ފެނަކަޔާ ރެގިއުލޭޓަރީ އޮތޯރިޓީ އަދި ފިނޭންސް މިނިސްޓްރީއާއެކުގަ މަސައްކަތް ކޮށްގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ތިން މަސް ނުވަތަ ހަ މަސް ދުވަހުގެތެރޭގަ ޕްލޭނެއް އެކުލަވާލެވި އެ ޕްލޭންގެ ދަށުން ރަށްރަށުގެ މަގުބައްތިތަކުން ކަރަންޓު ކަނޑާލުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން.
މިނިސްޓަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލް ވެސް ހިމެނޭހެން ކައުންސިލްތަކަށް ދިމާވާ އެފަދަ ކޮންމެ މައްސަލައެއްގަ ޚާއްސަކޮށް ރައްޔިތުން ތަކުލީފުތަކެއް އުފުލަންޖެހޭ ކޮންމެ ކަމެއްގަ ސަރުކާރުން ވަރުބަލިކަމެއް ނެތި ފުރިހަމައަށް އެ ޒިންމާ އަދާކުރާނެ ކަމުގެ ޔަގީންކަން ކައުންސިލްތަކަށް ދެއްވާ ކަމަށެވެ.
މި މަހުގެ ފަސް ވަނަ ދުވަހު މިނިސްޓަރު ވިދާޅުވީ މަގު ބައްތިތައް ރަނގަޅުކުރުމަށް ޔޫއާރްއޭއިން އެންގުމާއެކު ފެނަކައިން ރަށު ކައުންސިލްތަކަށް ދީފައިވާ މުހުލަތުގައި މައްސަލަ ހައްލު ކުރެވޭނެ ކަމަށް ނުފެންނާތީ އެ ކޯޕަރޭޝަން އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެކަމަށް 85 މިލިއަން ޚަރަދު ވާނެ ކަމަށް ފެނަކައިން ލަފާ ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ފައިސާ ފިނޭންސް މިނިސްޓްރީން ލިބޭގޮތް ހަމަޖެހުނު ނަމަވެސް އޮތޯރިޓީން ދީފައިވާ މުހުލަތުގައި މަސައްކަތް ނިމޭނެ ކަމަށް ނުފެންނާތީ އިތުރު މަޝްވަރާއަކަށް ދާން ޖެހޭ ކަމަށެވެ. ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް އެ މައްސަލަ ހައްލު ކުރަންޖެހޭ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމަށް އިތުރު ވަގުތާ ފައިސާ ބޭނުންވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުވަންދެން އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

