ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ތޯ ފަސްޓު ތޯ 2023ގެ ވޯޓު އެނގިގެންދާނެ!

ރައީސް ސާލިހު އަދި މޭޔަރު މުއިއްޒު: ފޮޓޯ/ ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

2023ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރަކަށް ވޯޓުލާ ދުވަސްވެސް ގާތްވެއްޖެއެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނީ އެންމެ ފަހުން ރޭހުގައި ބައިވެރިވި ކެންޑިޑޭޓަށެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މާލޭގޭ މޭޔަ ޑރ މުހައްމަދު މުއިއްޒު އެންމެ ގިނަ ވޯޓު ހޯއްދެވިއިރު، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގަތީ ދެވަނަ އެވެ.

ދެވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީއަކީ އިދިކޮޅު ވިސްނުންތަކެއް ގެންގުޅޭ ޕާޓީތަކެކެވެ. އެގޮތުން ޕީއެންސީ އިން އިންޑިއާ އައުޓް ޝިޔާރުގެ ދަށުން މަސައްކަތްކުރަމުންދާއިރު، ރައީސް ސާލިހުގެ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ އިންޑިއާ ފަސްޓު ސިޔާސަތުކަމަށް ފެނިގެންދެއެވެ.

ވޯޓު ލުމާއި ގާތްވެގެންދާވަރަކަށް ގަދަވެގެންދާ އެއް އަޑަކީވެސް ރައީސް ސާލިހުގެ ސަރުކާރާއި އިންޑިއާ ދެމެދު އޮތް ގުޅުމުގެ ވާހަކައެވެ. އެއާއިއެކު އެ ގުޅުމުގެ ނޭދެވޭ އަސަރުތައް ރާއްޖެއަށް ކުރާކަމާއި ނިމުމަކަށް ގެންނާނެކަމުގެ ވާހަކަތައްވެސް އިވިގެންދެއެވެ. އެހެންކަމުން އިންޑިއާ އާއިއެކު ސަރުކާރުން ހިންގަމުންދާ އަސްކަރީ މުއާމަލާތްތަކަކީ ކޮބައިކަން ބަލާލުން މުހިންމެވެ.

އިންޑިއާ އަދި ރާއްޖޭގެ ދެމެދު ކުރެވެމުންދާ އަސްކަރީ މުއާމަލާތްތައް އެހެނިހެން ދައުރުތަކަށްވުރެ ގިނަކަން އަދި ދެ ގައުމު އެކުގައި ކުރަމުންންދާ މަސައްކަތްތަކާއި ހާސިލުކޮށްފައިވާ ކާމިޔާބީތައްވެސް ގިނަކަމަކީ ފެންނަން އޮތް ހަގީގަތެކެވެ. އަދި ތުހުމަތުތަކެއް ކުރެވި މަގާމުން ދުރުކުރި އިންޑިއާގެ ކުރީގެ ސަފީރު ސަންޖޭ ސުދީރުއަށްވުރެވެސް މިހާރު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރަކީ ހަރަކާތްތެރި މީހަކަށް ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ.

ރާއްޖޭގެ ތަހުތުގައި އެކި މީހުން އިޝީންނަމުންދާތާ އަހަރުތަކެއް ވެފައިވާއިރު، އިންޑިއާ އަދި ރާއްޖޭގެ ދެމެދުގެ ގުޅުމަށް ބަދަލުތަކެއް އައިސްފައިނުވެއެވެ. އިންޑިއާ އައުޓް ހަރަކާތުގެ އިސް މޭސްތިރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ޗައިނާ ކުރިނެގިނަމަވެސް އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް ނެތްކަަމަށް ނުބުނެވޭނެއެވެ. އެ ގައުމާއި ދެމެދު ކުރި އަސްކަރީ މުއާމަލާތެއް ހުއްޓުމަކަށް ގެނައުމަށް ބޭނުންވުމުން އެ ދައުރުގައި އެކަން ނުކުރެވުނުކަން ދާދި ފަހުން އެނގިގެންދިޔައެވެ.

މިއަދުގެ ހަލަބޮލި ދުނިޔޭގައި ދިވެހިރާއްޖެގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޕާޓުނަރުގެ ގޮތުގައި ސަރުކާރުގެ ޕާޓުނަރަކީ އިންޑިއާއެވެ. ދެ ގައުމުގެ ދެމެދު ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު، ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައި އިންޑިއާ އަދި ރާއްޖޭގެ ދެމެދު އޮންނަ އަސްކަރީ ގުޅުމުުގެ ތެރެއިން ކުރެވުނު އެންމެ ފުރަތަމަ އެއް މަސައްކަތަކީ ޅ މާފިލާފުށީގައި ކޮމްޕޮސިޓް ޓްރެއިނިންގް ފެސިލިޓީއެއް ގާއިމުކުރުމެވެ.

ޓްރެއިނިންގް މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރެވުނު އެ ތަނުގައި އިންޑިއާއިންވަނީ އިދާރީ އިމާރާތް އަދި އަސާސީ ވަސީލަތްތަކުގެ އިތުރުން އެކޮމޮޑޭޝަން އާއި ޓްރެއިނިންގް ވަސީލަތްތައް ގާއިމުކުރުމަށް އެއް މިލިއަން ޑޮލަރުގެ ގްރާންޓެއް ދީފައެވެ. 2019 ވަނަ އަހަރުގެ ތެރޭގައި ދަ ބޭސިކް ސުކޫލުގެ ނަމުގައި މި މަޝްރޫޢު އިފްތިތާހުކޮށްދެއްވީ ރައީސް ސާލިހުއެވެ.

ރާއްޖޭގެ ސަލާމަތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި އިންޑިއާއިންވަނީ ރާއްޖާގައި 10 ރާޑާރ ސްޓޭޝަން ބިނާކޮށްފައެވެ. މިއީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ 15.8 މިލިއަން ޑޮލަރުގެ ގްރޭންޓެއްގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

ރާއްޖޭގައި އަސްކަރީ ވަސީލަތްތައް ބިނާކުރުމަށްވެސް އިންޑިއާއިންދަނީ އަތެއް ފޯރުވަމުންނެވެ. އެގޮތުން އުތުރު ތިލަފަޅުގައި ”އެކްތާ ހާބާރ“ ގެ ނަމުގައި އަސްކަރީ ބަނދަރެއް ފަރުމާކޮށް ބިނާކުރުމުގައި އެ ގައުމުން ރާއްޖެއަށް އެހިތެރިކަން ފޯރުކޮށްދިނުމަށްވަނީ ނިންމާފައެވެ. އެކަން އިފްތިތާހުކުރުމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރަކުވެސް ރާއްޖެ ވަޑައިގެންނެވިއިރު، ދިވެހިންގެ މަންދޫބެއްގެ ގޮތުގައި ހުންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ރާއްޖޭގެ ޑިފެންސް މިނިސްޓްރީގެ އައު އިމާރާތް އެޅުމަށް ކަނޑައެޅިފައިވާކަންވެސް ފާހަގަކުރެވެއެވެ.

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ އުޅަނދުތަކާއި ވަސީލަތްތަކަށް ބަލާއިރު، 2019 ވަނަ އަހަރުގެ ތެރޭގައި އެ ގައުމުން ރާއްޖެއަށް ސީޖީއެސް ކާމިޔާބުގެ ނަމުގައި އަސްކަރީ ކަނޑު އުޅަނދެއް ހަދިޔާކުރިއެވެ. އަދި 2020 ވަނަ އަހަރުގެ ތެރޭގައި ޑޯނިއާރ އެއަރކްރާފްޓުތަކެއް ދިން އިރު 2022 ވަނަ އަހަރުގެ ތެރޭގައި ޔޫޓިލިޓީ ވެހިކަލްތަކެއް އަދި 2023 ވަނަ އަހަރު ތެރޭގައި ސީއެމްބިއުލާންސްއެއްގެ އިތުރުން އަސްކަރީ ހަރަކާތްތަކަށް ބޭނުންކުރާ ލޭންޑިންގް ކްރާފްޓެއް އަދި ޕެޓްރޯލް އުޅަނދެއްވެސް ރާއްޖެއަށް ދީފައިވެއެވެ. ދެ ގައުމުގެ ސިފައިން ގުޅިގެން އެތައް ތަމްރީނުތަކެއްވެސް ހިންގާފައިވާކަން ފާހަގަކުރެވެއެވެ.

އެމްއެންޑީއެފްގެ އިތުރުން އިންޑިއާއިންދަނީ ދިވެހިރާއްޖޭގެ ފުލުހުންގެ މުއައްސަސާ މެދުވެރިކޮށްވެސް ރާއްޖޭގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އައްޑޫގައި ބިނާކުރީ އިންޑާއާގެ ފައިސާގެ އެހީގައެވެ. އަދި އެ ގައުމުންވަނީ އެ ގައުމުގެ ފުލުހުންގެ އެކަޑަމީގައި ދިވެހިންނަށް ހާއްސަ ސްލޮޓުތަކުގެ އަދަދުތައްވެސް އިތުރުކޮށްފައެވެ.

ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ ގޮތުން އިންޑިއާގެ އެގްޒިމް ބޭންކުންވަނީ ރާއްޖެއަށް 40 މިލިއަން ޑޮލަރުގެ ކްރެޑިޓް ފޯރުކޮށްދީފައެވެ. އެ ފައިސާގެ ބާރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން 61 ފުލުހުންގެ މަރުކަޒު އަދި ޑިވިޝަނަލް ސެންޓަރާއި ޑިޓެންޝަން ސެންޓަރުތަކުގެ އިތުރުން ބެރެކްސްވެސް ބިނާކުރުމަށް ކަނޑައެޅިފައިވެއެވެ. މިއީ ސަރުކާރުގެ ލިއެކިއުންތަކާއި ހާމަ މައުލޫމާތުތަކުން ފެންނަން ހުރި ކަންކަމެވެ.

ދެން ހުރީ، އިންޑިއާގެ ސަރުކާރުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި، އެ މީހުން ރާއްޖޭގައި ހިންގަމުންދާ ހަރަކާތްތަކާއި ގުޅޭ ތުހުމަތުތަކެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގައުމުން ދިއުމަށް އެދުނު ކަމަށާއި، ނުފައިބާ ތިއްބާ މި ސަރުކާރުން އެ މީހުންނަށް ތިބެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިންކަމަށް ބުނެއެވެ. ތުހުމަތުކުރެވޭ ގޮތުން ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާގެ ސިފައިން ތިބީ މި ގައުމާއި ހަވާލުވާންޖެހޭ ފަދަ ހާލަތަކަށް ތައްޔާރަށެވެ. ދާދި ފަހުންވެސް ރާއްޖޭގައި ހަމަނުޖެހުމެއް ހިންގުމަށް މަސައްކަތްކުރަމުންދާކަމުގެ ވާހަކަތައް ބައެއް ނޫސްތަކުގައި ޝާއިއުކުރެވުނެވެ. އެހެންނަމަވެސް ކަމާއި ބެހޭ މުއައްސަސާތަކުންވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

ދެކެވެމުންދާ ބައެއް ވާހަކަތަކުގެ ހަގީގަތް ނޭނގޭއިރު، އުފައްދާ ޝައްކުތައް އިތުރުވެގެންދަނީ ސަރުކާރުން ދެމުންދާ ބައެއް ޖަވާބުތަކުގެ ސަބަބުންނެވެ. ލޯނެއްގެ އިންޓްރެސްޓު ރޭޓު ހާމަވެއްޖެ ނަމަ ގައުމީ ސަލާމަތަށް ނުރައްކާވާނެކަމަށް ބުނުމާއި އެއްވެސް ނޭދެވޭ ނުރައްކާތެރި ވާހަކައެއް ނުވަތަ ސިއްރުކުރަންޖެހޭ ވާހަކައެއް ނެތްކަމަށް ބުނިނަމަވެސް މޮރިޝަސްއަށް ފޮނުވި ސިޓީ ސިއްރުކުރުން ފަދަ އަމަލުތަކަކީ މި ސަރުކާރަށް ކުރެވޭ ޝައްކުތައް ހަރުލާފައިވާ އެންމެ ބޮޑު އެއް ސަބަބެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނީ އިންޑިއާ އައުޓް ސިޔާސަތުގެ ކެންޑިޑޭޓަށްކަަމަށްވުމުން އިންޑިއާ ފަސްޓަށްވުރެ ގިނަ މީހުންނަށް އެ ސިޔާސަތު ކަމުދާކަންވެސް މިއަދު ސާފެވެ. ކުރިންވެސް މި އިންތިހާބުގައި އެ ގުޅުމުގެ ނޭދެވޭ އަސަރުތައް ކުރާނެކަން އެނގޭނެއިރު، އެކަން ބަދަލުކުރުމަށް އިންޑިއާ އާއިއެކު މަޝްވަރާތަކެއް ކުރުމަށްވެސް އޭރު އުޅެފައިވުމުން އެފަދަ އިހުތިޔާރެއް އޮތްކަމާއިމެދުވެސް ސުވާލު އުފެދެއެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިހާބުގައި ރާއްޖޭގެ ތަހުތާއި ހަވާލުވާނެ މީހެއްގެ އިތުރުން އިންޑިއާ ފަސްޓުގައި ބާއްވައިގެން ކުރިއަށް ދާނީތޯ ނުވަތަ ދިވެހިންގެ ގައުމު ދިވެހިންނަށް ހޯދައި އިންޑިއާ އައުޓުކުރާނީތޯވެސް ފެނިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: