ރާއްޖޭގެ މަގުތައް މަތީ ހިނގަމުންދާ ހުރިހާ ނޭދެވޭ ކަމެއްގެ ޒިންމާ ޕީޕީއެމްގެ މައްޗަށް އަޅުވަމުންދިއުމަކީ ބޭއިންސާފެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީ ޕީޕީއެމްއަށް ވެރިކަން ލިބިއްޖެ ނަމަ ރާއްޖެ އަނެއްކާވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިގެންދާނެކަމަށް ކުރީގެ އޮޑިޓާރ ޖެނަރަލް ނިޔާޒް އިބްރާހިމް ވިދާޅުވުމާއި ގުޅިގެން އޭނާއަށް ޕާޓީގެ މެމްބަރުންގެ ފަރާތުން ފުރައްސާރަތަކެއް ކުރިމަތިވެފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއިމެދު ޝަހީމްވަނީ ސޯޝަލްމީޑިއާގައި ރައްދު ދެއްވާފައެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ މަގުތައް މަތީގައި ހިނގާ ހުރިހާ ކަމެއް ޕީޕީއެމްއަށް ނިސްބަތްކުރުމަކީ ހިންގޭ ބޭއިންސާފުވެރި އަމަލެއްކަމަށެވެ. ޝަހީމް ވިދާޅުވީ، ޕީޕީއެމްއަކީ ގައުމީ ހިދުމަތްތެރި އެތައް ބައެއް އުޅޭ ޕާޓީއެއްކަމަށެވެ. ނިޔާޒްގެ ތުހުމަތުތަކަށް ރައްދު ދެއްވުން މުހިންމު ނޫންކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ނިޔާޒްއަކީ ޕީޕީއެމްއިން ރައްދު ދޭންޖެހޭ ވަރުގެ ސިޔާސީ ބުރަދަނެއް ހުރި މީހެއްކަމަށް އެ ޕާޓީއިން ނުދެކޭކަމަށެވެ. އެހެންކަމުން ނިޔާޒް ބޭނުން ވާޙަކައެއް ދައްކަމުން ކުރިއަށް ވަޑައިގަތުމަށް ޝަހީމް ވިދާޅުވިއެވެ.

