ރައީސް އިބްރާޙިމް މުހައްމަދު ސާލިހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އަޅައި އުނދަގޫ ކުރުމަށް މަސައްކަތް ކުރައްވަފާނެކަމަށް ގަބޫލުނުކުރައްވާކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައި ފަހުން ބުނެފައި ވަނީ އެ މައްސަލަ އެޖެންޑާކޮށް ވޯޓަ ނާހާނަމަ އިންތިހާބީ ރައީސްގެ ހުވާ ކުރެއްވުން ގަބޫލު ނުކުރާނެ ކަމަށެވެ. އަދި މަޖިލީހުގެ އެއްވެސް މަސައްކަތަކަށް ވެސް އެއްބާރުލުން ނުދޭނެކަމަށާއި، ކެބިނެޓަށް ރުހުން ދިނުމުގައި ވެސް ”ނޯ“ ޖަހާނެކަމަށް ވަނީ އިންޒާރު ދީފަ އެވެ.
އާދީއްތަ ދުވަހު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ތާވަލު ކުރިނަމަވެސް އުފެދޭ އެންމެ ބޮޑު ސުވާލަކީ ރައީސް ނަޝީދު އެކަމަށް ޖާގަ ދެއްވާނެތޯ އެވެ. މީގެ ކުރިން ވެސް ނިޒާމު ގެއްލުވާލައި ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ހުރަސްއެޅުމުގެ ސަބަބުން ވެސް ދަތިތައް ދިމާވި އެވެ.
މިއީ ރައީސް ނަޝީދުގެ މައްސަލައާއި އެކު އިންތިހާބީ ރައީސަށް ވެސް ކުރާ ޖެއްސުމެއްކަމަށް ބެލެވިދާނެ ތޯ ސުވާލު ކުރުމުން ސަންގުޓީވީގެ ”2023ގެ ރައީސް“ ޕްރޮގްރާމުގައި ޝަހީމް ވިދާޅުވީ އިންތިގާލީ މަރުހަލާގެ ތެރެއިން ކުރެއްވިފައިވާ ތަޖުރިބާތަކަށް ބެއްލެވުމުން ރައީސް ސާލިހު މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތު ހަލާކުކޮށްލުމަށް މަސައްކަތްކުރައްވަފާނެކަމަށް ގަބޫލު ކުރަން ދަތި ކަމަށެވެ. ޝަހީމް ވިދާޅުވީ، އިންތިގާލީ މަރުހަލާގެ ތެރޭގައި ރައީސް ސާލިހުގެ ކިބައިން ފެނުނީ އެފަދަ އަމަލެއް ހިންގާވަރަށް ވުރެ ސުލްހަވެރި އަހުލާގީ ސިޔާސަތެއް ކަމަށެވެ. އަދި އައު ރައީސްއަކު ހުވާ ކުރުމަކީ ސިޔާސީ ކަމެއް ނޫންކަމަށާއި އެއީ އެއްވުރެ ބޮޑަށް ވަތަނީ އަދި ގައުމީ ރަސްމިއްޔާތެއްކަމަށް ޝަހީމް ވިދާޅުވި އެވެ. އެހެންވެ ޝަހީމް ގޮވާލެއްވީ އެމްޑީޕީގެ ޕީޖީ ވެސް ޒިންދާރުކަމާއި އެކު މަސައްކަތް ކުރުމަށެވެ.
ޝަހީމް ވިދާޅުވީ، ޑިމޮކްރެެޓިކް ހަމަތަކުގެ މަތިން ވެރިކަން އެކަކުގެ އަތުން އަނެކެއްގެ އަތަށް އިންތިގާލުވުމަކީ ގައުމީ ބޮޑު ހަފްލާއެއްކަމަށެވެ. އެހެންކަމުން އެ ހަފްލާގެ ގަދަރުވެރިކަން ދެމެެހެއްޓުމަކީ ދިވެހިރާއްޖޭގެ ގަދަރުވެރިކަން ދެމެހެއްޓުން ނޫންތޯ ސުވާލު ކުރެެއްވި އެވެ.
ޝަހީމް ވިދާޅުވީ، އެ ހަރަކާތަށް ސިޔާސީ ދެބަސްވުންތަކުގެ ހިޔަނި އެއްވެސް ވަރަކަށް އެޅިގެން ނުވާނެކަމަށެވެ. އަދ ވިދާޅުވީ އެ ހަފްލާއަށް ގޯސް ހިޔަންޏެއް އެޅުން ވެގެންދާނީ މުޅި ގައުމުގެ ހައިބަތަށްވެސް ލިބިގެންދާ ބޮޑު ދެރައަކަށްކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ދެބަސްވުންތައް އެފަދަ ކަމެއް ދިމާވުމުގެ ކުރިން ހައްލުކުރަންޖެހޭކަމަށާއި އެމްޑީޕީ އަދި މައްސަލަ ޖެހިފައިވާ އެ ބޭފުޅުންގެ އެންމެ ގާތް އެކުވެރިންވެގެން ނޮވެމްބަރު 17 ވަނަ ދުވަހުގެ ކުރިން ހައްލެއް ހޯދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުން ރައީސް މުއިއްޒުގެ ހުވާކުރުވާނެކަމަށެވެ.

