ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމީ ވޯޓުން އުފެދޭނީ ފިތުނަ އާއި، ފަސާދައިގެ އަލިފާން: ޖޭޕީ

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް: ފޮޓޯ/ ޖޭޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނެފިކަމަށާއި، އެހެންކަމުން ގައުމުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކުރައްވާ ވަކާލާތް ހުއްޓާލުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ގޮވާލައިފިއެވެ.

ޖުމްހޫރީ ޕާޓީން ނެރުން ބަޔާނުގައި ވަނީ މި އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކޮށް، އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައިވީ ނަމަވެސް، ރާއްޖޭގެ ޤާނޫން އަސާސީއާއި ޤާނޫން ތަކާއި އެއްގޮތަށް ރިޔާސީ އިންތިޚާބެއްގެ ދެ ބުރު ބޭއްވި، އެ އިންތިޚާބު މެދުވެރިކޮށް ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރައީސުލް ޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިޚާބު ކޮށްފައިވާކަމަށެވެ. އަދި ދިވެހިރައްޔިތުންނާއި، ބައިނަލް އަޤްވާމީ މުޖުތަމަޢުން އެ އިންތިޚާބުގެ ނަތީއްޖާ ޤަބޫލުކޮށްފައި ވަނިކޮށް، އިންތިޚާބީ ރައީސް އާއި ނާއިބު ރައީސް މަޤާމުގެ ހުވާކުރުމުގެ ކުރީން ވެރިކަން ކުރަންވީ ކޮންނިޒާމަކުން ތޯ ބެލުމަށް އަލުން ނިޒާމެއް ވޯޓެއް ނެގުމަކީ ޤާނޫން އަސާސީގެ ރޫޙާ ޚިލާފު އަދި ބައިނަލް އަޤްވާމީ މުޖުތަޢުގައި ޢަމަލު ކުރާ އުޞޫލު ތަކާއިވެސް މުޅިން ޚިލާފުކަމެއްކަމަށެވެ. އަދި މިއީ މިހާތަނަށް ދުނިޔޭގެ އެއްވެސް ޤައުމަކުން ޢަމަލު ކޮށްފައިވާ ގޮތެއް ނޫންކަމަށް ބަޔާނުގައިވެއެވެ.

‏ދިވެހި ރައްޔިތުން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ރައީސުލް ޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިޚާބު ކޮށްފައި ވަނިކޮށް، ވެރިކަމުގެ ބާރުވެރިކަން ލިބުމުގެ ނިޔަތުގައި، ބާރުހުރި ފަރާތްތަކުން ޤާނޫންއަސާސީ އާއި ޤާނޫނީ ވެރިކަމާއި، ޑިމޮކްރަސީގެ އަސާސްތަކާއި ޚިލާފަށް، ވެރިކަމުގެ ނިޒާމު ކުއްލި އަކަށް ބަދަލުކުރުމުގެ ވިސްނުމުގައި މުޅި ނިޒާމު ގަނޑުބަނޑުކުރުމަކީ ޤައުމަށް ހެޔޮ އެދޭ އެއްވެސް ރައްޔިތަކު ޤަބޫލު ކުރާނޭކަމެއް ނޫންކަމަށްވެސް މި ބަޔާނުގައިވެއެވެ. އަދި ކޮށްގެން ނުވާނެކަމަށް ބުނެފައިވެއެވެ.

އެހެންކަމުން އަމިއްލައަށް އެދޭގޮތް ހާޞިލް ކުރުމަށް މިފަދަ ވޯޓެއް ނެގުމަކީ ދިވެހި ޤައުމުގެ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ހަމަޖެހުން ގެއްލި ފަސާދައަށް މަގުފަހިވެގެންދާނޭކަމެއްކަމަށް ބަޔާނުގައިވެއެވެ.

މިފަދަ ދަނޑިވަޅެއްގައި އެފަދަ ވޯޓެއް ނެގުމަށް ކުރާ މަސައްކަތުގެ ސަބަބުން ޤައުމުގައި އުފެދިގެންދާނީ، ފިތުނައާއި ފަސާދައިގެ އަލިފާނުގެ ހުޅުގަނޑު ނޫން ކޮން އެއްޗެއްތޯއެވެ؟ މިކަމުގެ ސަބަބުން މުޅި ޤައުމާއި ރައްޔިތުންނަށް ލިބިގެންދާނޭ ނިކަމެތިކަން އަޅުގަނޑަށް ތަޞައްވުރު ކުރެވޭ. އެހެން ކަމުން މިކަމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން.

ޖުމްހޫރީ ޕާޓީއިން ނެރުން ބަޔާނުގައި ބުނެފައިވެއެވެ.

‏މި ވޯޓު ނަގަނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަކި ޕާޓީއަކުން މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުގެ ނާޖާއިޒު ފައިދާނަގައިގެންކަމަށާއި، އަދި މިއީ ރައްޔިތުން ނޫނެކޭ ބުނެފައިވާ ސަރުކާރެއްގެ ވެރިޔަކާއިއެކު ސިޔާސީ ޑީލެއްގެ ދަށުން ނަގަން އުޅޭ ވޯޓެއްކަމަށްވެސްވެއެވެ. އަދި މިއީ ރާއްޖޭގެ ގިނަ ރައްޔިތުން ޤަބޫލު ކުރާނެ ވޯޓެއް ނޫންކަމަށާއި ތާއީދު ކޮށްގެންވާނޭ ވޯޓެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީއިން ގަބޫލުކުރެއެވެ.

އެހެންކަމުން ޤައުމުގެ ހަމަޖެހުމާއި، ކުރިމަގަށްޓަކައި ވެރިކަމުގެ ބާރުތައް ރައްޔިތުން އިންތިޚާބު ކުރެއްވި ފަރާތްތަކާއި ހަވާލުކޮށް، އަމާން ކަމާއި އޮމާން ކަމާއި އެކު ޤައުމާއިގެން ކުރިއަށްދިއުމަކީ، މިއަދު ދިވެހި ޤައުމުގެ ހައްޤުގައި އެންމެ އިސް ވާޖިބު ކަމަށާއި، އަދި ޤައުމު ދަރަނިވެރިވެފައިވާ މިންވަރުން ސަލާމަތް ކުރަންޖެހޭކަމަށްވެއެވެ. ތަފާތު ރޮނގު ރޮނގުގައި ޤައުމު ކުރިއަށް ގެންދެވޭނީ ޤައުމުގައި ސިޔާސީ އަދި އިޖްތިމާޢީ ހަމަޖެހުން ޤާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

‏ޤައުމުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ކުރައްވާ ވަކާލާތު ހުއްޓާލެއްވުމަށް އެދިވަޑައިގެން މި ބަޔާނުގައި ވަނީ މުޅިޤައުމުގެ ހަމަޖެހުމަށްޓަކައި، ޤައުމު އިސްކޮށް ޤައުމާއިގެން ކުރިއަށް ދިއުމަށްވެސް އެދިވަޑައިގެންފައެވެ. ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރި ނަމަވެސް، ދިވެހި ރައްޔިތުންނަށް ލިބޭނޭ އިތުރު އެއްވެސް މަންފާއެއް ނެތްކަން ގިނަ ރައްޔިތުން ޤަބޫލު ކުރައްވާކަމަށް ފާހަގަކޮށް ބަޔާނުގައި ވަނީ، ބަރުލަމާނީ ނިޒާމަކުން ފައިދާވާނީ މަޖިލިސް މެންބަރުންނާއި، މަދު ވޯޓުކޮޅަކުން މަޖިލީހަށް ވަޑައިގެން ބޮޑުވަޒީރުކަން ހޯއްދަވާ ފަރާތަށާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ވަޒީރުންނަށް ޢައްޔަންކުރެވޭ މެންބަރުންނަށާއި، ސަރުކާރު ހިންގުމަށް ހަވާލު ކުރާ ފަރާތްތަކަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: