މިހާރު ވެރިކަން ކުރާ މައި ޕާޓީ ބަލިކޮށް އިދިކޮޅު ޕީއެންސީ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްފައިވާއިރު ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ކުރިއަށް ގެންދެވުމަށް ހާއްސަ ކޮމިޓީއެއް އުފައްދަވައިފިއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިޙް މިއަދު ވަނީ ޑރ މުއިއްޒުއާއި ރައީސް އޮފީހުގައި ބައްދަލު ކުރައްވާފައެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ޑރ. މުޢިއްޒާ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ރައްޔިތުންގެ މި ނިންމުން ގަބޫލުކުރައްވައި، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނު ކަމަށްވާ ”ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ޤާނޫނު“ ގައިވާ ގޮތުގެ މަތިން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވާނެ ކަމަށެވެ.
މިގޮތުން މިކަންކަން ކުރިއަށް ގެންދެވުމަށްޓަކައި ޚާއްޞަ ކޮމިޓީއެއް މިއަދު އުފައްދަވައިފި ކަމަށާއި، އެ ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ، ރައީސް އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރު ކަމުގައެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ހުރިހާ ކަމެއް ހިންގަމުންދާ ގޮތް، ރައީސް އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ، ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރު ކަމަށާއި، އިންތިޚާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސް އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަންވެސް، ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
އެ ބައްދަލު ކުރެއްވުމުގައި، ޗީފް އޮފް ސްޓާފް އަލްއުސްތާޛު ޢަލީ ޒާހިރާއި، ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރާއި، ޕީ.އެން.ސީ.ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

