ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސަތުގެ ކޮންޓްރޯލް ނަގަން، އެމްޑީޕީން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ!

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދުރު ކުރުމުގެ މަސައްކަތް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން އަނެއްކާވެސް ފަށައިފި އެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު، އެމްޑީޕީއާއި ރައީސް ނަޝިދުގެ ދެމެދުގައި އަމާޒު ކުރާ ބަހުގެ ހަމަލާތައް ވަނީ ގިނަވެފަ އެވެ. އަދި އެމްޑީޕީން ގަބޫލު ކުރާގޮތުގައި އެ ނަތީޖާ ލިބުމުގެ ޒިންމާ ނަގަން ޖެހޭ އެއްބޭފުޅަކީ ރައީސް ނަޝީދެވެ.

ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރުމާއި، ބޭނުން ވަނީ ”އިބޫ ނޫން ގޮތެއް“ ކަމަށް ތަކުރާރުކޮށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވިއިރު، ރައްދުގައި އެމްޑީޕީގެ މެމްބަރުން ވެސް ގެންދެވީ އެމަނިކުފާނަށް ފާޑުކިއުން އަމާޒު ކުރަމުންނެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ސަރުކާރަށް ދެވަނަ ދައުރެއް ކާމިޔާބު ކުރުމަށް ޑިމޮކްރެޓްސްގެ ތާއީދު ބޭނުންވާތީ ރައީސް ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިޔަ އެވެ. އެއީ މަސްލަހަތަށް ބަލައި ނިންމި ނިންމުމެއްކަމަށް އެމްޑީޕީން ބުނި ނަމަވެސް، ޑިމޮކްރެޓްސް ސިފަ ކުރި ގޮތުގައި އެމްޑީޕީ ގޮތް ހުސްވެ ބޭނުންވީ ތާއީދެވެ.

އެމްޑީޕީގެ ނިންމުމާއި އެއްގޮތަށް މައްސަލަ އަނބުރާ ގެންދިއުމުން ވެސް ޑިމޮކްރެޓްސް އެމްޑީޕީއަށް ތާއީދެއް ނުކުރެ އެވެ. އަދި އޭގެ ބަދަލުގައި ސަރުކާރުގެ ގޯސްތައް ފާހަގަކޮށް ވެރިކަން ބަދަލުވާން ޖެހޭކަމަށް ގޮވާލި އެވެ. ދެވަނަ ބުރުގައި ރައީސް ސޯލިހަށް ނާކާމިޔާބުވުމުން، އޭގެ ފަހުން ބަރުލަމާނީ ބަހުސެއް އުފެދި ގައުމީ މަޖިލީހުގައި ވެސް މެމްބަރުން ގޮވާލީ ”ނަޝީދު ނޫން ގޮތެއް“ އަދި ”ބަރުލަމާނީ ނޫން ގޮތެއް“ ހޯދުމަށެވެ. އަދި މިހާރު މިއޮތް ޓްރާންސިޝަނަލް މުއްދަތުގައި އެމްޑީޕީއަށް މަޖިލީހުގެ ކޮންޓްރޯލް ނެގުމަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަލުން އަނބުރާ ވެއްދުމަށް ވެސް ގޮވާލި އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް ގައުމީ މަޖިލީހުގެ މެމްބަރުން ވެސް ތާއީދުކޮށްފައި ވަނިކޮށް މައުލޫމާތު ލިބޭ ގޮތުގައި ޕާޓީގެ ޕާލިމަންޓް ގުރޫޕުން ވަނީ މިހާރު އެ މަސައްކަތް ފަށާފަ އެވެ. އަދި ހުރި މަސްދަރުތަކުން އެނގޭ ގޮތުގައި މައްސަލަ ވެއްދުމަށް ބޭނުންވާ ސޮއި ހަމަކޮށް މާދަމާގެ ވަގުތެއްގައި ޕީޖީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީން ތައްޔާރުވިއިރު، ކުރިޔަށް ހުރީ މުހިންމު މަސައްކަތްތަކެކެވެ. އޭގެ ތެރޭގައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ފާސް ކުރުން ހިމެނެ އެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 38%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޕާޓީއެއްތަ އެމްޑީޕީއަކީ ނުނީ އަކުންބަކުން ކުޅޭ ކުދިން އުޅޭ ކުޑަ ގުރޫޕެއްތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: