އދގެ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމުގައިވެސް ދިވެއްސަކު ހުރެފިއެވެ. އަދި ނިމި މިދާވެރިކަމަކީ ދިވެހިރާއްޖޭގެ ނަން ބައިނަލްއަގުވާމީ މައިދާނުގައި ވިދުވާލި ދުސްތަކެއް ކަމަށް ބުނާ އަޑު ތަކުރާރުކޮށް އިވިގޮސްފިއެވެ. ނަމަވެސް މައިދާނުގައި ރާއްޖޭގެ ރައްޔިތުންގެ ހިޔާލުތައް ހިއްސާކުރެވި ބަސް އިއްވިފައިވާކަމާއިމެދު ސުވާލު އުފެދެއެވެ.
ރާއްޖެއިން ބައެއް ގެއްލިގެންދާކަމަށް ބުނެ ރައްޔިތުންގެ އަގުލަބިއްޔަތު ކަންބޮޑުވުން ފާޅުކުރަމުންދިޔައިރު، އެ ވާހަކަ އެގޮތުގެ މަތީ ބޭރު ދުނިޔެއާއި ހިއްސާކުރުމުގައި ފާއިތުވެ ދިޔަ މަންދޫބުންވަނީ ފެއިލްވެފައެވެ. އެކަމެއް ހިނގާފައިނުވާކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެވިފައިވީނަމަ ވެރިކަން ގެއްލިގެން ނުދާނެއެވެ. ދިވެހިން ދަރަނިވެރިވެ ޒަމާނީ އިސްތިއުމާރީ އަޅުވެތިކަމުގެ ތެރެއަށް ވެއްޓިދާކަމުގެ ކަންބޮޑުވުން އޮތްއިރު އެ ވާހަކަވެސް ދިވެހިންގެ މަންދޫބުންނަށް ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަމަށް ގެނިފައިނުވެއެވެ.
އެހެންނަމަވެސް ދިވެހިން ދެއްކި ވާހަކަތަކާއި ދެކޮޅަށް ރައްދު ދީފައިވެއެވެ. ސަރުކާރުގައި ތިބި މީހުންނާއި ބާރުވެރިކަމުގައި ތިބި މީހުން ރައްޔިތުން ދައްކަމުންދިޔަ ވާހަކަތަކުގެ ފަހަތުގައި ހަގީގަތެއް ނެތްކަމަށް މިއަދުވެސް އެ ދަނީ ދުނިޔެއާއި ހިއްސާކުރަމުންނެވެ.
އެހެންކަމުން މިއަދު ދިވެހިންގެ ހިތަށް ފިނިކަމެއް ލިބިފައިވާނެކަމާއިމެދު ޝައްކެއްވެސް ނެތެވެ. އާންމުކޮށް ކާމިޔާބީ އާއިއެކު މީހާގެ ބަހާއި އަމަލާ ދިމާނުވާތަން ފެނިގެންދާއިރު، އަދި ރައީސްކަމުގެ ހުވާކުރައްވާފައިނުވާ 2023ގެ ރައީސް ޑރ މުހައްމަދު މުއިއްޒު ފެނިގެންދަނީ ހުވައެއް މަތީގައި ހުރި މީހެއްގެ ގޮތުގައެވެ. އެ މެނިކުފާނު ކެމްޕެއިންތަކުގެ ތެރޭގައި ވިދާޅުވި ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހުންނެވީ އާއިލާއާއިއެކު އަމިއްލަ ގެކޮޅުގައި އިންސާފުވެރި ޝަރީއަތަކުން މިނިވަންވެވަޑައިގެންނެވުމުގެ އިންތިޒާރުގައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަމުގެ ކަންބޮޑުވުން ހައްލުކޮށްދިނުމުގެ ވައުދާއިއެކު އިންތިހާބުވެވަޑައިގެންނެވި ޑރ މުއިއްޒު އެ މަސައްކަތްތަކުގައިވެސް ބުރަކޮށް އެބަ އުޅުއްވައެވެ. ރާއްޖެއަކީ ދުނިޔޭގެ މީޑިއާތަކުގެ ނަޒަރުވެސް ހުއްޓިފައިވާ ގައުމެއްކަމަށްވާއިރު އެމަނިކުފާނު ގެންދަވަނީ އެ ކަން ކުރައްވާނެކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އަދި އިންޑިއާ ސަފީރާއިއެކު ކުރެއްވި މަޝްވަރާތައްވެސް ބިނާކުރަނިވިކަން ސާފުކޮށް ހިއްސާކުރައްވާފައިވާއިރު އަމިއްލަ އެކްސް އެކައުންޓުން އިންޑިއާ އައުޓް ހަރަކާތްތަކުގެ ވީޑިއޯތައްވެސް ހިއްސާކުރައްވައެވެ.
ދިވެހިން ބޭރު މީޑިއާތަކަށް އިންޓަރވިއު ދިނުމަކީ އާކަމެއް ނޫނެވެ. އެހެންނަމަވެސް މަންދޫބުން ދައްކަވާ ވާހަކައާއި ހަގީގަތުގައި ދިވެހިން އެކަމަކާއިމެދު ދެކޭ ގޮތާއި ދިމާނުވާކަން 2023ގައި ރާއްޖޭގެ ވެރިން ބަދަލުކުރުމަށް ރައްޔިތުން ނިންމި ނިންމުމުން މުޅި ދުނިޔެއަށްވެސް ސާފުވެއެވެ. ދުނިޔޭގައި ބަސްވިކޭކަމަށް ބުނާ، ގައުމުތަކުގެ އިއްޒަތްތެރިންނާއި ގާތް ގުޅުމެއް އޮންނަކަމަށް ދައުވާ ކުރާ މީހުންވެސް ރާއްޖޭގައި އެބަ ތިއްބެވެ. އެހެންނަމަވެސް ގޮސް ތަންތަނުގައި ދީފައިވާ އިންޓަރވިއުތަކުގައި ދިވެހިންގެ އަގުލަބިއްޔަތު ދެކޭ ގޮތް ހިއްސާކުރެވިފައިނުވެއެެވެ.
އެހެންކަމުން މިއަދު ޑރ މުއިއްޒުގެ ފަރާތްޕުޅުން ފެނިގެންދަނީ ތަފާތު މިސާލުތަަކެއްކަން ޔަގީނެވެ. ދާދި ފަހުން އަލް ޖަޒީރާއަށް ދެއްވި އިންޓަރވިއުގައިވެސް އެމަނިކުފާނުވަނީ ދިވެހިންގެ ތެރެއިން ގިނަ މީހުންގެ ހިތުގައި އޮތް ޝުއޫރު ފާޅުކޮށްފައެވެ. އެމަނިކުފާނުވަނީ މުޅި ދުނިޔެއަށްވެސް އިވިދާގޮތަށް އަޑުހަރުކޮށް ދިވެހިންގެ ބަސް އިއްވާފައެވެ. އަލްޖަޒީރާއިން ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތާއި ގުޅޭގޮތުން ސުވާލުކުރުމުން ވިދާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ބަދަލުކުރަންޖެހެނީ ރައްޔިތުންގެ މަގުސަދުތަކެއް ހާސިލުނުވާތީކަމަށާއި ރައްޔިތުންގެ މަސްލަހަތުވެސް ހިމާޔަތްނުކުރެވޭކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމާއިމެދު ސުވާލު އުފެދިފައިވާކަން އެމަނިކުފާނުވަނީ ހިއްސާކޮށްފައެވެ.
އެމަނިކުފާނު ވިދާޅުވީ، އެއްވެސް ގައުމުގެ ސިފައިން ރާއްޖޭގައި ތިބުމަށް ދިވެހި ރައްޔިތުން ނޭދޭކަަމަށާއި އެއީ ރައްޔިތުންގެ ނިންމުންކަމަށެވެ. އަދި ކޮންމެ ގައުމެއްގެ ނަމަވެސް ރާއްޖޭގައި ސިފައިން ތިބުމާއިމެދު ރައްޔިތުން ނިންމާނީ އެގޮތަށްކަމަށް ވިދާޅުވިއެވެ.
ޑރ މުއިއްޒު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުވެސްވަނީ ރާއްޖޭގައި ސިފައިން ތިބިކަމަށް އެއްބަސްވެވަޑައިގެންފައިކަމަށާއި އެ މީހުން ރާއްޖޭގެ ފަސްގަނޑުގައި ހާޒިރުވެ ތިބި މަގުސަދުތަކެއް މުހިންމު ނޫންކަމަށް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން ރާއްޖޭގައި އެއްވެސް ބޭރު ގައުމެއްގެ ސިފައިން ތިބުމަށް ނޭދޭކަން އެމަނިކުފާނުވަނީ ތަކުރާރުކުރައްވާފައެވެ. ޑރ މުއިއްޒު ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަން ދެވަނަ ދައުރަކަށް ދެމިގެން ދިއުމަށް ރައްޔިތުން ބޭނުން ނުވީވެސް އެކަންކަން ބަލައިނުގަނެވޭތީކަމަށެވެ.
ޑރ މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ހާރިޖީ ސިޔާސަތުގެ ތެރޭގައި ހައްލުކުރަން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެޖެންޑާކޮށްފައިވަނީވެސް އެ މަސައްކަތްތައް ކަމަށެވެ. އަދި އިންޑިއާ ސަރުކާރާއިއެކު ޑިޕްލޮމެޓިކް މުއާމަލާތްތަކެއްގެ ތެރެއިން ރާއްޖޭގައި ތިބި ސިފައިން ވީހާވެސް އަވަހަކަށް ބޭލުވުމަށް މަގެއް ހޯއްދަވާނެކަމަށް ވިދާޅުވިއެވެ. އެމަނިކުފާނުގެ ވިދާޅުވީ، ރައީސްކަމުގެ ހުވާކުރެއްވުމާއިއެކު ފުރަތަމަ ދުވަހުން ފެށިގެންވެސް އެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަަމަށާއި އިންތިގާލީ މަރުހަލާގައި ބޭއްވިފައިވާ ބައްދަލުވުންތަކުގެ ތެރޭގައިވެސް އެމަނިކުފާނުވާނީ އެކަން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރެއްވުމަށް އިންޑިއާގެ ސަފީރަށް ދަންނަވާފައިކަމަށް އަލިއެޅުއްވިއެވެ. ޑރ މުއިއްޒު ވިދާޅުވީ އިންޑިއާއިން އެ ވާހަކަތައް ބަލައިގަތްކަަމަށާއި އެ މަސައްކަތްތައް ކުރިއަށް ގެންދާނެކަން ހިއްސާކޮށްފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހުވާކުރެއްވުމުގެ ފުރަތަމަ ހަފްތާގެ ތެރޭގައިވެސް އެކަން ކުރެއްވުމަށް ބޭނުންވެވަޑައިގަންނަވާކަމަށެވެ.
އިންޑިއާ ސިފައިން ތިބުމުން ނުރައްކާވާ ސަބަބުވެސް ޑރ މުއިއްޒުވަނީ ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ ޒަމާނުއްސުރެވެސް އަމާން ރައްކައުތެރި ގައުމެއްކަމަށާއި ބޭރު ގައުމެއްގެ ސިފައިން ނުތިބޭކަމަށެވެ. އަދި ރާއްޖޭގައި އަސްކަރީ ބާރުތައް އެކަށީގެންވާ މިންވަރަކަށް ވަރުގަދަކުރެވިފައިނުވާތީ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމުން ގައުމުގެ ރައްކައުތެރިކަން ކަށަވަރުކުރެވިފައިވާކަމަށް ރައްޔިތުންނަށް އިހުސާސްނުކުރެވޭކަމަށެވެ. އެހެންކަމުން އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަށް ރައްޔިތުން ނޭދޭކަަމަށް ވިދާޅުވިއެވެ.
ޑރ މުއިއްޒު ވިދާޅުވީ، މިވަގުތު ތިބީ ކިހާ އަދަދެއްގެ ސިފައިންކަމުގެ މައުލޫމާތުވެސް ނެތްކަަމަށެވެ. އެހެންނަމަވެސް ގިނަ އަދަދެއްގެ ސިފައިންތިބިކަމުގެ ރިޕޯޓުތައް ފެނިގެންދާއިރު މީޑިއާތަކުން މައުލޫމާތު ހޯދުމަށް އެދުމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އެކަމަށް ހުރަސްތައް އަޅާކަަމަށާއި ރިޕޯޓުތަކުގައި ފެނިގެންދާ ފަދަ އަދަދެއް ނެތްކަމަށް އެމަނިކުފާނު އުންމީދުކުރައްވާކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނުވަނީ ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު މީހުން ޗައިނާއަށް ރާއްޖޭގެ މައްޗަށް އަތް ގަދަވުމަށް ފުރުސަތު ދޭނެކަމަށް ބުނެ އެމްޑީޕީއިން ފެތުރި ބިރާއިމެދުވެސް ވާހަކަދައްކަވާފައެވެ. އެގޮތުން އިންޑިއާގެ އަސްކަރީ ބާރާއި ހަމަ ހަމަ ކުރުމުގެ ގޮތުން ޗައިނާ ފަދަ ގައުމެއްގެ އަސްކަރިއްޔާ ރާއްޖެއަށް ގެނައުމުގެ ސިޔާސަތެއް ނެތްކަމަށާއި ބޮޑެތި ގައުމުތަކާއި ގުޅި، އެ ގައުމުތަކުގެ މައްސަލަތަކުގައި ރާއްޖެ ޖެހިގެންދާން ބޭނުން ނުވާކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިން ތިބޭނީ ވަކިކޮޅަކަށް ނުޖެހިކަމަށެވެ.
ޗައިނާގެ ކޮޅަށް ބުރަވެފައިވާ ވެރިކަމެއް ކުރާނެކަމަށް ބުނެ ދެކެވޭ ވާހަކައަށްވެސް ޑރ މުއިއްޒު އަލިއެޅުއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ އެމަނިކުފާނު ރާއްޖޭގެ ވެރިކަން ކުރައްވާނެ ގޮތެއް ނޫންކަމަށެވެ. އަދި އެމަނިކުފާނު ގެންގުޅުއްވަނީ ”ޕްރޯ މޯލްޑިވްސް“ ނުވަތަ ރާއްޖެ އިސްކުރާ ސިޔާސަތެއްކަމަށް ވިދާޅުވިއެވެ. ޑރ މުއިއްޒު ވިދާޅުވީ، ގައުމެއް ނުވަތަ ބަޔަކު ރުއްސުމުގެ ގޮތުން ރާއްޖެއިން އެއްވެސް ކޮޅަކަށް ނުޖެހޭނެކަަމަށާއި ބޭނުންވެވަޑައިގަންނަވަނީ ރާއްޖޭގެ ސިޔާސަތުތައް އިސްކޮށް ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށްކަމަށެވެ.
ޑރ މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ސިޔާސަތަކީ އެއީ ކަމަށާއި އެ ސިޔާސަތަށް ފުރިހަމައަށް އިހުތިރާމްކުރާ ކޮންމެ ގައުމަަކަށްވެސް ރާއްޖޭގެ ގާތް އެކުވެރިޔަކަށްވެވޭނެކަަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ދަރަނީގެ ދެ ބައިކުޅަ އެއްބަޔަކީ އިންޑިއާގެ ދަރަނިކަމަށެވެ. އަދި އެފަދަ ގޮތަކަށް ރާއްޖޭގެ އިގްތިސާދު ވަކި ކޮޅަކަށް ބަރޯސާވެ ބުރަވެފައި އޮތުމަށް ބޭނުން ނުވާކަމަށެވެ. އެހެންކަމުން މި ކަންކަން ކުރިއަށް ގެންދާނެ ރަނގަޅު މަގެއް ހޯދަންޖެހިފައިވާކަން އިންޑިއާގެ ސަފީރަށް ދެންނެވިކަމަށާއި ރީފައިނޭންސް ކުރާނެ ގޮތެއް ހޯދައިގެންނާއި ދަރަނީގެ ބައެއް މާފުކޮށްދެވޭނަމަ އެކަންވެސް ކޮށްގެން ރާއްޖެއަށް އެންމެ ފަސޭހަ ލުއިގޮތަކަށް ކަންކަން އިންތިޒާމުކުރަންވީކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާއިންވަނީ އެ މައްސަލައަށް ހައްލެއް ހޯދައިދޭނެކަމަށް ބުނެފައިކަމަށެވެ.
ޑރ މުއިއްޒު ދެއްކެވީ އިންތިހާބުގެ ތެރޭގައި ޕީޕީއެމް ޕީއެންސީގެ މެމްބަރުންވެސް ދައްކަމުންދިޔަ ވާހަކަތަކެވެ. އިދިކޮޅުން ދައްކަމުންދިޔަ ވާހަކަތައް ހުއްޓުވުމުގެ ގޮތުން ރައީސް ސާލިހު ސޮއިކުރައްވާ ގަރާރެއްވެސް ފާސްކޮށް ނެރުއްވިއެވެ. ގައުމުތަކުގެ ދެމެދު ނަފްރަތު އުފެއްދުމާއި ދެކޮޅަށްކަމަށް ބުނެ ގާނޫނެއްވެސް ފާސްކުރިއެވެ. ރައްޔިތުންގެ ތެރެއިން ބަޔަކު މީހުން އަޑުކަނޑުވާލުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން އެތައް ބަޔަކަށް އަނިޔާތައް ލިބި ޖަލުގައިވެސް ދުވަސްތައް ތަހައްމަލުކޮށްފައިވެއެވެ.
އެހެންނަމަވެސް މިއަދު ޑރ މުއިއްޒުވަނީ އެ ވާހަކަތައް ރާއްޖޭގެ ރައީސްއެއްގެ ހައިސިއްޔަތުގައި ހުންނަވައިގެން ދުނިޔެއަށް އިއްވާފައެވެ. ދިވެހިންގެ ތެރެއިން އަގުލަބިއްޔަތު ދެކޭ ގޮތާއި ނިންމާފައިވާ ގޮތް ހިއްސާކޮށް އެމަނިކުފާނުވަނީ ބައިނަލްއަގުވާމީ މައިދާނުގައި ރައްޔިތުންގެ ބަސްއިއްވާފައެވެ. އެހެންކަމުން ބުރަ މަސައްކަތްތަކެއް ކޮށްގެން އެމަނިކުފާނު ހޮވި ޕާޓީގެ މެމްބަރުންނަށާއި އިދިކޮޅުގައި ތިބި ނަމަވެސް ކަންބޮޑުވެ ތިބި ރައްޔިތުންނަށް މިއަދު އެމަނިކުފާުގެ އަމަލުތައް ހުރި ގޮތް ފެނި ލުއިތަކެއް ލިބިގެންދާނެކަމާއިމެދު ޝައްކެއްވެސް ނެތެވެ.

