2024 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓާއި އައު ސަރުކާރުން މަޖިލީހަށް ހުށަހަޅާ ފުރަތަމަ ބަޖެޓު އެކުލަވާލުމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮމިޓީއެއް އެކުލަވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ދެން ކުރިޔަށް އޮތް އެންމެ މުހިންމު މަސައްކަތަކީ، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ފާސް ކުރުމެވެ. އަދި މިނިސްޓްރީތަކާއި، މުވައްސަސާތަކާއި ބައްދަލުކޮށް ބަޖެޓާއި ގުޅުން ހުރި ބައްދަލުވުންތައް ކުރިޔަށް ގެންދަން ޖެހޭނެ އެވެ.
ސިލްސިލާކޮށް ބާއްވާ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ބަޖެޓުގެ މަސައްކަތަށް އެކުލަވާލީ އަށް މެމްބަރުންގެ ކޮމިޓީއެއް ކަމަށެވެ. އަދި ވިދާޅުވީ ކޮމިޓީގައި ތިއްބަވަނީ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި، ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު، ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، އިކޮނިމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މުހައްމަދު ލުވޭޒް، އެމްއެމްއޭގެ ކުރީގެ ގަވަނަރު އަހުމަދު ނަސީރު އަދި ޕެންޝަން އޮފީހުގެ ކުރީގެ ބޯޑު މެމްބަރު އަބްދުލް ހަލީލް އަބްދުއްލަތީފްގެ އިތުރުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫންނެވެ. ކޮމިޓީ ޗެއާރ ކުރައްވާނީ ފިރުޒުލް ވިދާޅުވި ގޮތުގައި ސައީދެވެ.
ފިރުޒުލް ވިދާޅުވީ ކޮމިޓީގެ މަސައްކަތް މިދިޔަ ހަފްތާގެ ތެރޭގައި ފަށާފައިވާކަމަށާއި، ބަޖެޓު އެކުލަވާލާނީ އިންތިގާލީ ކޮމިޓީތަކުން މުވައްސަސާތަކަށް ގޮސް އެއްކުރާ މައުލޫމާތުތަކުންނާއި، އިންތިހާބީ ރައީސްގެ 100 ދުވަހުގެ ވައުދުގެ މައްޗަށް ކަމަށެވެ.
މިވަގުތު ބަޖެޓުގެ ސީދާ އަދަދު ދަންނަވަން ދަތި ނަމަވެސް، ފިރުޒުލް ވިދާޅުވީ އެ މަސައްކަތް ބިނާވާނީ އެއް ކުރެވޭ މައުލޫމާތުތަކާއި އަދި ވައުދުތައް ފުއްދުމަށް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މުއިއްޒު ވަނީ ރާއްޖެ ދަރަނިން ސަލާމަތްކުރުމާއި އިގްތިސާދީ ގިނަ ހަރަކާތްތަކާއި އެކު ޖީޑީޕީ 150 ބިލިއަން ރުފިޔާއަށް ބޮޑު ކުރުމަށް ވައުދުވެ އިގްތިސާދީ ހާއްސަ މެނިފެސްޓޯއެއް ވެސް މުއިއްޒު އިއުލާނު ކުރެއްވި އެވެ. މުއިއްޒުގެ އެ ޕްލޭންގައި ވަނީ ދަރަނި ބޮޑުވެ، އިގްތިސާދުގެ ހާލަތު ގޯސްވެފައިވާތީ، އިގްތިސާދު ކޮޅަށް ޖަހަގައި ބަޖެޓުގެ ޑެފިސިޓް ޑަބަލް ޑިޖިޓުން، ސިންގަލް ޑިޖިޓަކަށް ދަށް ކުރުމަށެވެ.

