ބޭރުގެ މީޑިއާއެއްކަމަށްވާ އަލްޖަޒީރާއަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި އިންޓަވިއުއަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތައުރީފު ކުރައްވައިފި އެވެ.
އަލްޖަޒީރާއަށް ޑރ. މުއިއްޒު ދެއްވި ގާތްގަނޑަކަށް 30 މިނެޓުގެ އެ އިންޓަވިއު އާންމުކޮށްފައި ވަނީ އިއްޔެ އެވެ. ރާއްޖޭގެ މީޑިއާތަކުން ވެސް މި އިންޓަވިއު ކަވަރ ކުރިއިރު މައިގަނޑު ގޮތެއްގައި މުއިއްޒު ވާހަކަ ދައްކަވާފައި ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު، އަދި އިންޑިއާގެ ސިފައިންނާއި އެ ގައުމަށް ރާއްޖެއިން އަނބުރާ ދައްކަން ޖެހޭ ލޯނުތަކުގެ އިތުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ޗައިނާގެ ބައިވެރިވުމާއި އަދި ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ އިތުރުން ރާއްޖޭގެ ކުރިމަގާ ގުޅޭގޮތުންނެވެ.
ނޫސްވެރިޔާ ވެސް ސުވާލު ކުރި ދާއިރާތަކުގެ ތެރޭގައި، މުއިއްޒު އެއްވެސް ވަރަކަށް ސިޔާސީ ފާޑުކިއުން ސަރުކާރަށް އަމާޒު ކުރައްވާފައި ނުވާތީ އެކަން ބައެއް އެހެން ބޭފުޅުން ވެސް ފާހަގަކުރައްވާފައި ވެއެވެ.
ރައީސް މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑރ. މުއިއްޒު އަލްޖަޒީރާއަށް ދައްވާފައިވާ އިންޓަވިއު ބެއްލެވިކަމަށާއި، އެމަނިކުފާނުގެ ވާހަކަފުޅު ވަރަށް ފުރިހަމަ ކަމަށެވެ. އަދި ޑރ. މުއިއްޒު ރައީސެއްގެ ހައިސިއްޔަތުން ގައުމަށް ކުރަވާ ހިދުމަތުގައި، ކާމިޔާބީއަށް އެދޭކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ތައުރީފު ކުރައްވައި ރައީސް މައުމޫން ލިޔުއްވި ޕޯސްޓަށް، ޑރ. މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
Congratulations Excellency @MMuizzu I watched the interview you gave to Al Jazeera English. It was quite impressive. I wish YE every success in serving our nation as our next President.
أعانك الله وسدد خطاك يا فخامة الرئيس المنتخب— Maumoon Abdul Gayoom (@maumoonagayoom) October 15, 2023
އަލްޖަޒީރާއަށް ޑރ. މުއިއްޒު ދެއްވި އިންޓަވިއުއަކީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ބޭރުގެ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުއެވެ.
އަލްޖަޒީރާގެ ނޫސްވެރިޔާ އެންމެ ފުރަތަމަ ވެސް އިންޓަވިއު ފައްޓަވަމުން ފާހަގަކުރީ މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައިވީ އެންމެ ބޮޑު ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުން ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތަކީ ކޮބައިތޯ އާއި އެ އޮފިސަރުން ރާއްޖެ ދޫކޮށް ދާނީ ކޮން އިރަކުންތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް މިވަގުތު ހުރީ ގައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރުވަނި ގޮތަކަށް ނޫން ކަމަށެވެ.
އޭގެ ސަބަބެއްކަމަށް މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި، އިސްތިގުލާލާއި މެދު ސުވާލު އުފެދޭ ގިނަ މައްސަލަތަކެއް ފެންމަތިވަމުން ދިއުމެވެ. މުއިއްޒު ވިދާޅުވީ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި މިނިވަންކަމަށް ބުރޫއަރާ ގޮތަށް ތިބުމަކީ ދިވެހި ރައްޔިތުންނަށް ހުރި ގެއްލުމެއް ކަމަށެވެ.
މުއިއްޒު ވަނީ މަޝްވަރާގެ ތެރެއިން ރާއްޖެއިން އިންޑިއާގެ ސިފައިން ފޮނުވާލުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވޭނެކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަޝްވަރާތަކުން ދެ ގައުމުގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށާއި، މަޝްރޫއުތަކާއި ކުރާ އިންވެސްޓުމަންޓުތައް މަދު ނުވާނެކަމަށް ވެސް ވިދާޅުވި އެވެ.

