އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިގާލީ މަރުހަލާގެ މައުލޫމާތުތައް އެއްކުރުމަށް އުފައްދާފައިވާ ކޮމިޓީތަކުގެ މަސައްކަތްތަކުގެ ރިޕޯޓުގެ މައުލޫމާތު ވަރަށް އަވަހަށް އާންމު ކުރާނެކަމަށް ޑރިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާއާއި ދެމެދު ބާކީ 30 ދުވަސް އޮތް އިރު، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި މީޑިއާތަކާއި ހިއްސާ ކުރެ އެވެ. އަދި ސަރުކާރުގެ ވުޒާރާތަކުންނާއި، އޮފީސްތަކުން މައުލޫމާތުތައް އެއްކުރުމަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު އެއްކުރުމަށް ވަކިވަކި ކޮމިޓީތަކެއް ވަނީ އުފައްދާފަ އެވެ.
އެ ކޮމިޓީތަކުން ވަނީ ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި ބައްދަލުކޮށް މައުލޫމާތުތައް އެއްކޮށްފަ އެވެ. އެ ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި ފާހަގަކުރެވުނު ބައެއް ކަންކަން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ހާމަކޮށްފައި ވެއެވެ.
އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތް ފެށީ 15 ދުވަހުން މަސައްކަތް ނިންމާލާ ގޮތަށް ނަމަވެސް ދިމާވި ބައެއް ގޮންޖެހުންތަކުގެ ސަބަބުން ކަނޑައެޅި ވަގުތަށް މަސައްކަތް ނިންމާ ނުލެވުނެވެ.
ސަންގު ޓީވީގެ ”2023 ގެ ރައީސް: ޑރ. މުހައްމަދު މުއިއްޒު“ ޕްރޮގްރާމުގައި ރޭ އަބްދުއްރަހީމް ވިދާޅުވީ ޖުމްލަ ގޮތެއްގައި އިދާރާތަކާއި، މުވައްސަސާތަކުން ދޭ އެއްބާރުލުމާއި މެދު ހިތްހަމަޖެހޭކަމަށާއި ބައެއް އިދާރާތަކުން އެއްވެސް އެހީއެއް ނުދޭ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ކޮމިޓީގެ ރިޕޯޓުތައް މި ހަފްތާގައި ނިމި އެ މައުލޫމާތުތައް މީޑިއާތަކާއި ބައްދަލުކޮށް ހާމަކުރާނެ ކަމަށެވެ. ދަތިތަކެއް ދިމާވީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ބައެއް އިދާރާތަކުން ދޭން ޖެހޭ އެއްބާރުލުން ނުދިނުމާއި، މައުލޫމާތުތައް ދިނުމުގައި ލަސް ކުރުމުގެ ސަބަބުންނެވެ.
ގިނަ އިދާރާތަކުން އެއްބާރުލުން ދިން.. ކޮމިޓީތަކުގެ މައުލޫމާތުތަކަށް ބަލައި ރިޕޯޓުތައް ވަރަށް އަވަށް ނިމޭނެ
މި ރިޕޯޓުތައް ވެގެން ދާނީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ފަސް އަހަރުގެ ހާލަތު ވަރަށް ބޮޑަށް އެނގިގެން ދާނެ މައުލޫމާތުތަކަށެވެ. ކުންފުނިތަކުގެ މާލީ ހާލަތު ދަށްވެ ބަނގުރޫޓުވެފައިވާ ހިސާބުގައި އޮތް އިރު މުޅި ގައުމުގެ ހާލަތު ވަޒަން ކުރެވެން އޮތީ އެ މައުލޫމާތުތަކުގެ ތެރެއިންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް މަސައްކަތް ނިންމާލެވޭނެ ތާރީހެއްކަމަށް ދެއްވީ، މި މަހުގެ 20 ވަނަ ދުވަހެވެ.
މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރެއް ބަދަލުވެ އާ ސަރުކާރެއްގެ މަސައްކަތް ފެށުމުގެ ކުރިން ދައުލަތުގެ ހާލަތު ވަޒަން ކުރުމަކީ މުހިންމުކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ޓްރާންސިޝަނަލް ކޮމިޓީތަކުން ކުރަމުން ދަނީ ބުރަ މަސައްކަތެއް ކަމަށެވެ.
އެއްބާރުލުން ނުލިބޭ މައްސަލައިގައި އަބްދުއްރަހީމް ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ ސަރުކާރެއް ބަދަލުވާއިރު ރައްޔިތުންނަށް ރަނގަޅަށްކަމެއް ކުރައްވަން ބޭނުންވާނަމަ މައުލޫމާތުތައް ދިނުން ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ބައެއް އިދާރާތަކުގައި ލިޔެކިއުންތަކަށް ބަދަލު ގެނައުމާއި، ވަޒީފާތަކަށް މީހުން ނެގުން އަދި ކުރިއެރުން ދޭ މައްސަލަތައް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

