ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ކުންފުނީގެ ލިޔެކިޔުންތައް ނައްތާލަމުން ދަނީ ގާނޫނާ ހިލާފަށްކަމަށްވާތީ ފުލުހަށް ހުށައެޅުމަށް ގައުމީ އަރުޝީފު ނިންމައިފިއެވެ.
އެފްއެސްއެމް އިން އުވަ ގަށާ މެޝިނަކަށް ލިޔެކިޔުންތަކެއް އަޅައި ނައްތާލާ މަންޒަރު ފެންނަ ވީޑިއޯއެއް ދާދިފަހުން ވަނީ ސޯޝަލް މީޑިއާގައި ދައުރުކޮށްފައެވެ. މި ވީޑިއޯ ދައުރުކުރީ އެ ކުންފުނީގެ މުވައްޒަފެކެވެ. މިހާރު އެ މުވައްޒަފުން ސަސްޕެންޑު ކޮށްފައިވާއިރު، މިފަދަ ކަމެއް އިންތިގާލީ މަރުހަލާގެ ތެރޭގައި ކުރުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.
އެފްއެސްއެމްއިން މި ވާހަކަތައް ދޮގުކޮށް ބުނެފައިވަނީ އެ ލިޔެކިޔުންތައް ނައްތާލީ ގިނަ ދުވަސްވުމުގެ ސަބަބުންކަމަށެވެ.
އެއްވެސް ލިޔެކިޔުމެއް ނައްތާލެވޭނީ ގައުމީ އަރުޝީފަށް އަންގައިގެން ނަމަވެސް މިކަން މިގޮތަށްކޮށްފައިނުވާކަމަށް ގައުމީ އަރުޝީފުގެ ޑިރެކްޓަރު މުހައްމަދު އާމިރު އަހުމަދު ވަނީ ވިދާޅުވެފައެވެ. މައްސަލަ ފުލުހަށް ހުށައެޅުމަށް ނިންމި ސަބަބަކީ މިއީކަމަށް ބުންޏެވެ. އަދި މިއީ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނާއި މަޝްވަރާކޮށް ނިންމި ނިންމުމެއްކަމަށް ބުންޏެވެ.
ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު (މަނަދޫ ތޯރިގު) އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ގާނޫނާ ހިލާފަށް ބައެއް މުއައްސަސާތަކުން ލިޔެކިޔުން ނައްތާލާ މައްސަލަ ބަލަން ފުލުހަށް ގޮވާލައިފައެވެ. އަދި ދައުލަތުގެ އެއްވެސް ލިޔުމެއް ގާނޫނާ ހިލާފަށް ނައްތާލުމުގެ ޖާގަ ދެވިގެން ނުވާނެކަމަށް ވިދާޅުވިއެވެ. މި ޓުވީޓު ހިއްސާކުރައްވާ މިނިސްޓަރު ޔުމްނާ ވަނީ މި ވާހަކައަށް ތާއީދު ކުރައްވާފައެވެ.
ވަރަށް ރަނގަޅު ވާހަކައެއް ސްޓޭޓް މިނިސްޓަރ @ManadhooThoriq ތިޔަ ވިދާޅުވީ. ދައުލަތުގެ ލިޔެކިޔުން ނައްތާލަންވާނީ އަރުޝީފު ޤާނޫނު ބުނާ ގޮތަށް، ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނަރަލްގެ އިރުޝާދުގެ ދަށުން، އަރުޝީފު ޤާނޫނާއި ޤަވާއިދާ އެއްގޮތަށް. @faresAmiru @ArchivesMv https://t.co/nUsCtpgT6D pic.twitter.com/i2CP3MMz0r
— Yumna Maumoon 🇲🇻 🤝🇵🇸 (@yumna_maumoon) October 23, 2023
ދައުލަތުގެ ލިޔެކިޔުން ނައްތާލަންވާނީ އަރުޝީފު ޤާނޫނު ބުނާ ގޮތަށް، ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނަރަލްގެ އިރުޝާދުގެ ދަށުން، އަރުޝީފު ޤާނޫނާއި ޤަވާއިދާ އެއްގޮތަށްކަމަށް ފާހަގަކޮށް މިނިސްޓަރު ވަނީ ގާނޫނު ހިއްސާ ކުރައްވާފައެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ނައްތާލިކަމަށް ތުހުމަތުކުރާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް ވަނީ ފުލުހަށް ރިޕޯޓްކޮށްފަ އެވެ.
އޭސީސީން ނެރުނު ބަޔާނުގައި ވަނީ މިފަދަ ކަންކަން ކުރުން ހުއްޓާލުމަށް އަންގާފައެވެ. ސަބަބަކީ މިއީ އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ހުރަސް އެޅޭނެކަމަކަށްވާތީއެވެ.

