ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައާއި ގުޅޭ މައްސަލަތައް ރައީސް އޮފީހާއި، އެސްއޯއީ ކޮމިޓީއަށް އޭސީސީން ފޮނުވި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ފެނަކައިގެ ކުރީގެ އެމްޑީ އަހްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާފައިވާ އަމަލުތަކުގެ 75 މައްސަލައެއްގެ ތަހުގީގުތައް ކުރިޔަށްދާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ސަރުކާރުގެ އެކި ކުންފުނިތަކަށް ހިޔާނާތުގެ ތުހުމަތުތައް ކުރެވޭއިރު، މީގެތެރެއިން އެންމެ ބޮޑަށް އެ ވާހަކަ ދެކެވެނީ ފެނަކައަށް އަމާޒުކޮށެވެ. ގިނަ ދުވަސްވެފައިވާ މީޑިއާ ރިޕޯޓުތަކާއި، އަދި މަޖިލީހުގައި ކުރިޔަށް ދިޔަ އެކި ބަހުސްތަކަށް ފަހު އޭސީސީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ކުންފުންޏާއި ގުޅޭ 75 މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ކުރިޔަށް ދާކަމަށެވެ.

ބަޔާނުގައި ވަނީ އެ މައްސަލަތަކުގެ ތެރޭގައި، ކުންފުނި ހިންގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި، ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭ ކަމަށެވެ. އަދި ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ހިލާފުވުމުގެ މައްސަލަތަކާއި، ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުސޫލުތަކާ ހިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭކަމަށެވެ.

މީޑިއާތަކަށް އޭސީސީން ބުނީ މިހާތަނަށް ފެނަކައާއި ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20.5 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ.

މީގެއިތުރުން ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރުމަށް، ކޮމިޝަނުން މިހާތަނަށް އެ ކުންފުންޏަށް އަންގާފައިވާކަމަށާއި، އެކަންކަމުގެ ތެރޭގައި ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާހުކުރުމާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުން ހިމެނޭކަމަށް ބަޔާނުގައި ވެއެވެ. އެއާއި އެކު ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 6 ކަމަކާއި، ކުންފުނިން ބަލައި ތަހުގީ ގުކުރުމަށް 6 ކަމެއް މިހާތަނަށް ކޮމިޝަނުން ވަނީ އަންގާފަ އެވެ.

މީގެއިތުރުން ބަޔާނުން އެނގޭ ގޮތުގައި އޭސީސީ ހިންގުމުގައި ކޮރަޕްޝަންގެ ހިރާސް ހުރި މިންވަރާއި، އެ ހިރާސްތައް ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި، ތަހުގީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލައި، އެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަމާލުކަމަށް ވަނީ ގެނެސްފަ އެވެ.

ފެނަލައިގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ސަރުކާރުގެ މެމްބަރުން ވަނީ ކުންފުނި ދިފާއުކޮށް ވާހަކަ ދައްކާފަ އެވެ. ފެނަކައިން ކުންފުނި ތަކަށް ލާރި ނުދޭ މައްސަލަ ހޫނުވެ އެވާހަކަ މަޖިލީހުގައި މެމްބަރުން ވެސް ވަނީ ދައްކާފައެވެ. އެގޮތުން ބައެއް މެމްބަރުން ބުނި ގޮތުގައި ފެނަކައިން މަސައްކަތް ކުރުވާފައި ފައިސާ ނުދީ 8 މަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ވެފައި އެބަހުއްޓެވެ. އެކި ކުންފުނިތައް ލައްވާ އެކި މަސައްކަތް ކުރުވުމަށްފަހު ނުވަތަ އެ ހިދުމަތް ނުދޭ ކަމަށް ބުނެ ފެނަކައިން ފައިސާ ނުދީގެން އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށް އެކި ބަސްތައް ލިޔެފައިވާ ބެނާތަކާ އެކު ފެނަކައިގެ މައި އޮފީސް ހުންނަ ޕޯޓް ކޮމްޕްލެކްސް ދޮރުމަތީގައި މުޒާހަރާއެއް ވެސް ކުރި އެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ކޮރަޕްޝަނުގެ ތުހުމަތުތަކަށް އޮންނާނީ ޒީރޯ ޓޮލަރެންސް ކަމަށެވެ. އެކަމަކު ފަސް އަހަރުގެ ތެރޭގައި ފެނަކަ މައްޗަށް ކުރެވުނު ތުހުމަތުތައް އެއްވެސް ވަރަކަށް ތަހުގީގު ނުކުރެވެ އެވެ. އަދި އޭސީސީން ވެސް މި މައްސަލަތައް ބަލަން ފަށާފައި މި ވަނީ އިންތިގާލީ މަރުހަލާ ވެސް ފެށުނު ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: