ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރުކަމުގައި ހުންނެވިއިރު ހިންގި 9 މިލިއަން ރުފިޔާގެ މުއާމަލާތަކާ ގުޅިގެން ރައީސް މުއިއްޒަށް ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް!

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެެއިން -- ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މޭޔަރު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު ސިޓީ ކައުންސިލުން ހިންގި ޑިޖިޓަލައިޒޭޝަން މަޝްރޫއެއްގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ތަހުގީގުކުރުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

2022 ވަނަ އަހަރު މާލޭގެ މޭޔަރުކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިރު މާލެ ސިޓީ ކައުންސިލުގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރުމަށް ހަވާލުކުރި ކުންފުންޏަށް އެ މަސައްކަތް ނުނިމެނީސް ފައިސާ ހަވާލުކުރި ކަމަށް ވިދާޅުވެ، މައްސަލަ ހުށައަޅާފައިވަނީ، މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާއެވެ.

އޭނާ ހުށަހެޅުއްވި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، ކައުންސިލުގެ ލިޔެކިޔުންތައް ޑިޖިޓަލައިޒްކުރުމަށް އޭރު ރައީސް ޑރ. މުއިއްޒު މޭޔަރުކަމުގައި ހުންނަވައި އެމަނިކުފާނުގެ އަރިސް ބޭފުޅެއްގެ ކުންފުންޏެއް ކަމަށްވާ އެކިޔުޓައިޒް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކުރައްވާފައިވެއެވެ.

ޒާޔާ ފާހަގަކުރެއްވި ގޮތުގައި ތިން ފަހަރެއްގެ މަތިން ސިޓީ ކައުންސިލުން އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ 17 މެއި 2022 އިން 16 އޮގަސްޓް 2022 އަށް މަސައްކަތް ހަވާލުކުރެވުނު ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެކިޔުޓައިޒް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރެވުނު މަސައްކަތް ނިންމާފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދެވަނަ ފަހަރަށް 15 އޮގަސްޓް 2022 އިން 14 ފެބްރުއަރީ 2023 އަށް އެ މަސައްކަތް ނިންމުމަށް އެކިޔުޓައިޒް ޕްރައިވެޓް ލިމިޓެޑްއަށް އަނެއްކާވެސް ހަވާލުކުރެވުނު ނަމަވެސް ހަވާލުކުރެވުނު މުއްދަތު ފަހަނައަޅައި ދިޔައިރުވެސް މަސައްކަތް ނިންމާފައިނުވާކަމަށް ޒާޔާ ވިދާޅުވިއެވެ.

ތިންވަނަ ތާރީހަކަށް 15 ފެބްރުއަރީ 2023 އިން 14 ޖޫން 2023 އަށް އަލުން މަސައްކަތް ނިންމުމަށް އެކުންފުންޏާ ހަވާލުކުރެވުނު ނަމަވެސް ހަވާލުކުރި މަސައްކަތް ނުނިމެނީސް، 9 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އެ ކުންފުންޏަށް ދޫކޮށްފައިވާކަމަށް ޒާޔާ ވިދާޅުވިއެވެ.

”މި ދެންނެވި ތާރީހުތަކުގައި އެކިޔުޓައިޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވުނު މަސައްކަތް ނުނިމެނީސް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ މި ދެންނެވި ކުންފުންޏަށް މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާކަމަށް މައުލޫމާތު ވަނީ ލިބިފައި،“ ޒާޔާ

މަސައްކަތް ހަވާލުކުރި ކުންފުންޏަކީ 2021 ވަނަ އަހަރު ރަޖިސްޓްރީކުރި ކުންފުންޏަކަށް ވާއިރު، އެ ކުންފުންޏަކީ އެ މަސައްކަތުގެ ތަޖުރިބާ ހުރި ކުންފުންޏެއްގެ ގޮތުގައި ފާހަގަނުވާ ކަމަށާއި، އެ ކުންފުނީގެ ބިޒްނަސް ލައިސަންސް ނުވަތަ ބިޒްނަސް ޕާމިޓް އެއްވެސް އޮތްކަމަށް ނުދައްކާކަމަށް ޒާޔާ ވިދާޅުވިއެވެ.

ޒާޔާ ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން އެ މަޝްރޫއު ހިންގުމަށް އެކިޔުޓައިޒް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރައްވައި މަސައްކަތް ނުނިމެނީސް އެ ކުންފުންޏަށް 9 މިލިއަން ރުފިޔާ ދިންއިރު މާލެ ސިޓީ ކައުންސިލުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އޭރުގެ މޭޔަރު، ރައީސް ޑރ. މުއިއްޒުގެ އަތްޕުޅުގައި ކަމަށް ވުމުން، މަސައްކަތް ނުނިމެނީސް އެހާ ބޮޑު އަދަދަކުން ފައިސާ ދޫކުރުމަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު މަންފާ ހޯދައިދިނުން ކަމަށް ބެލެވޭނެ ޖާގަ އޮތް ކަމަށެވެ. އަދި މިއީ ސުވާލު އުފެދޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޒާޔާ ވިދާޅުވީ، އެކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތުގައި ބަޔާންކުރާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ އަމަލެއް ކަމުގައި ތުހުމަތުކުރެވޭ ކަމަށެވެ. މިއީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ނުވަތަ މަންފާއެއް ހޯދައިދިނުމަށް ކުރެވުނު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އޭގެ އިތުރުން 2023 ވަނަ އަހަރު ރައީސް ޑރ. މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެކިޔުޓައިޒް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ މުހައްމަދު އަސްބާހު އަލީ ނަސީރަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ދެއްވާފައިވާކަން ވެސް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

ރައްޔިތުންގެ ޓެކްސް ފައިސާއިން 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ރައީސް ޑރ. މުއިއްޒުގެ އަރިސް ބޭފުޅަކަށް ދެއްވިކަން ވަރަށް ސާފުކަމަށް ޒާޔާ ވިދާޅުވިއެވެ. އޭނާ ވަނީ 9 މިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާ ހިމެނޭ އެ މައްސަލަ އަވަސް ގޮތަކަށް ތަހުގީގުކޮށްދިނުމަށް ގޮވާލާފައެވެ.

އިއްޔެގެ ޖަލްސާގައި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވަނީ މައްސަލަ ދިރާސާކުރަން ކައުންސިލްގެ އޮޑިޓް ކޮމިޓީއަށް ހުށަހަޅައި މައްސަލަ ހިނގައިދިޔަ ގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގައި ރައްޔިތުންނަށް އެކަން ސާފުކޮށްދިނުން މުހިންމު ކަމުގައި ވިދާޅުވެފައެވެ. އިއްޔެ ޖަލްސާގައި ވަނީ ކައުންސިލުގެ އޮޑިޓް ކޮމިޓީއަށް މައްސަލަ ބަލަން ފޮނުވައިގެން، ކޮމިޓީގެ ހޯދުންތަކުގެ މައްޗަށް މައްސަލަ ކުރިއަށް ގެންދަން ފާސްކޮށްފައެވެ.

ރައީސް ޑރ. މުއިއްޒުގެ މައްޗަށް ކުރެވޭ އެ ތުހުމަތާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)ގެ ބަހެއް ހޯދަން ގުޅުމުން ފޯނު ނަންގަވާފައި ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: