ޖާހް އިންވެސްޓުމެންޓު ޕްރައިވެޓު ލިމިޓެޑުން ހަދަމުންދިޔަ ދަ ގާޑަންސްގެ މަސައްކަތްތައް އަލުން ފަށާފައިވާކަމަށް އާބަންކޯއިން ބުނެފިއެވެ.
އާބަންކޯއިން ހަމަކޮށްފައިވާގޮތުން އެ ކުންފުނިންވަނީ ހުޅުމާލޭގެ ޕްލޮޓް D2-1a ގައި ތަރައްގީކުރަމުން އަންނަ ދަ ގާޑަންސްގެ މަސައްކަތްތައް ނުނިމި ހުރި ހިސާބުން ފެށިގެން ކުރިއަށް ގެންދިއުމަށް ހަވާލުވެފައެވެ. އެގޮތުން ކުރަން ކަނޑައެޅިފައިވާ މަސައްކަތްތަކުގެ ތެރޭގައި ދިހަ ވަނަ ފަންގިފިލާއިން ތިރީގެ ފިނިޝިންގް މަސައްކަތްތައް ކުރުމަށް ހިމެނޭކަމަށާއި އެކަމުގެ ތެރޭގައި ފްލާސްޓަރިންގް، ޕުޓީއިން އަދި ސީލިންގް ކުރުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ބުނެފައިވެއެެވެ.
އެ ކުންފުނިން ބުނެފައިވާގޮތުން ޖާހް އިންވެސްޓުމެންޓުގެ އަތުން އެ ކުންފުނީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފްލެޓުތަކުގެ މަސައްކަތްތައް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ހަމަޖެހިފައެވެ.

