ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ މައްސަލައިގައި ގޮތެއް ނުނިމުމަކީ، މުއިއްޒުގެ ހުވާކުރެއްވުމަށް އޮތް ހުރަހެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތާވަލުކުރެވިފައިވާ، އެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ އެއްވެސް ސަބަބަކާއި ހުރެ ގޮތެއް ނުނިމި އޮތުމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، ގާނޫނުއަސާސީއާއި ގާގަވައިދުތަކާ އެއްގޮތްވާގޮތުގެ މަތިން ބޭއްވުމަށް އޮތް ހުރަހެއް ނޫންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ. 

އިއްޔެއިން ފެށިގެން މީޑިއާތަކުގެ އެންމެ ބޮޑު ސަމާލުކަމެއް މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ދުރުކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ނުކުރެވިއްޖެ ނަމަ އެއްވެސް އިތުރު ކަމަކަށް އެމްޑީޕީން އެއްބާރުލުން ނުދޭނެކަމަށް އެޕާޓީގެ ޕާލިމަންޓް ގުރޫޕުން ނިންމި ނިންމުމަށެވެ. އަދި އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ރައީސަކާއި އެކު އިންތިހާބީ ރައީސް ކުރައްވާ ހުވާ ގަބޫލު ނުކުރާނެކަމަށާއި، އެއީ ސައްހަ ހުވައެއްކަމަށް ވެސް ނުވާނެ ކަމަށެވެ. ޕީޖީން ނިންމާފައި ވަނީ އެފަދަ ހާލަތެއްގައި ވަޒީރުންނަށް ވެސް ރުހުން ނުދޭންށެވެ.

މި މައްސަލައިގައި ޑރ. ޑީޑީ ވިދާޅުވީ އިންތިހާބީ ރައީސްގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ހުރަސްއަޅައި، މަޖިލީސް އެކުލަވާލުމުގެ ދުސްތޫރީ ބާރަށް ހުރަސް އެޅުމަށް މަސައްކަތް ކުރާކަމަށް ދެކެވޭ ވާހަކައިގައި ފާހަގަ ކުރެވޭ ބައެއް ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 114 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ އެ މަޖިލީހުގެ ހިންގުމުގެ ގަވައިދާއި އެއްގޮތަށް ސައްހަ އިޖުރާއާތުގެ ދަށުން ބާއްވާ ޖަލްސާޔަކަށް ވާންވާނެ ކަމަށެވެ. އަދި، އެ ޖަލްސާޔައަށާއި، ޖަލްސާގެ އިޖުރާއާތަށް ހުރަސްއެޅުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަން ފާހަގަކުރި އެވެ.

ޤާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ރ)، (ބ)، (ޅ)، (ކ) އާއި ހަވާލާދެއްވައި ޑރ. ޑީޑީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ކަމާބެހޭ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ފާސްކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ދުސްތޫރީ ބާރެއްކަމުގައި ވާއިރު، އެކަމަށް ހުރަސްއެޅުމުގެ ގާނޫނީ ހައިސިއްޔަތެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާއި ބެހޭގޮތުން ބާއްވާ މަޖިލީހުގެ ޖަލްސާ މަޖިލީހުގެ ނާއިބު ރައީސްގެ ރިޔާސަތުގައި، ނުވަތަ އެނޫން ވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ބާރު މަޖިލީހުގެ ގަވައިދުގައިވާގޮތަށް، ލިބިގެންވާ ފަރާތެއްގެ ރިޔާސަތުގައި ކުރިއަށް ގޮސްގެން މެނުވީ ގާނޫނާ އެއްގޮތަށް އޮމާންކަމާއެކު މަޖިލީހުގެ އިޖުރާއާތު ކުރިއަކަށް ނުދާނެކަމަށް ވިދާޅުވި އެވެ.

ޑރ. ޑީޑީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަޢުލަބިއްޔަތު މެންބަރުން ސޮއިކޮށް މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅައި، ކަނޑައެޅިފައިވާ އިޖްރާއާތުގެ ދަށުން އެ މައްސަލަ މަޖިލީހުގައި ތާވަލުކުރުމަށް ފަހު، މަޖިލީހުގެ އެއްވެސް ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބެލެހެއްޓުމަކީ ޕާލަމެންޓަރީ ޕްރެކްޓިސްތަކާ ހިލާފުކަމެއްކަމަށެވެ. އޭގެ ސަބަބަކީ، ޑރ. ޑީޑީ ވިދާޅުވި ގޮތުގައި މަޖިލީހުގެ އަޢުލަބިއްޔަތު މެންބަރުންގެ އިތުބާރު އަމަލީގޮތުން ގެއްލިފައިވާ ފަރާތެއް މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމަކީ މަޖިލީހުގެ އޮތޯރިޓީއާއި ނިންމުންތަކަށް އުނިކަން ލިބިގެންދާނެ ކަމަކަށް ވާތީއެވެ.

މީގެއިތުރުން ޑރ. ޑީޑީ ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތާވަލުކުރެވިފައިވާ، އެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކޮންމެ ސަބަބަކާހުރެ ނަމަވެސް، ނުނިމި އޮތުމަކީ 17 ނޮވެމްބަރ 2023 ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސްކަމަށް އިންތިހާބު ކުރެވިފައިވާ އިންތިހާބީ ރައީސް މަގާމުގެ ހުވައިކުރުމަށް ބާއްވާ ރައްޔިތުންގެ މަޖލީހުގެ ޖަލްސާ، ޤާނޫނުއަސާސީއާއި ޤާނޫނީ ގަވައިދުތަކާ އެއްގޮތްވާގޮތުގެ މަތިން ބޭއްވުމަށް އޮތް ހުރަހެއް ނޫންކަމެވެ.

އިތުރުކަމެއްގެ ގޮތުގައި ޑރ. ޑީޑީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ފަހު، އެ ގަރާރާ މެދު ގޮތެއް ނިންމުމުގެ ކުރިން، މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ގޮތެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 205 ވަނަ މާއްދާގެ (ރ) ތަންދޭ ކަމަކަށް ނުވާއިރު، ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ހުށަހެޅޭ ކަންތައްތަކާ ގުޅިގެން ވެސް މަޖިލީހަށް ގޮތެއް ނިންމޭނީ ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައާ މެދު ގޮތެއް ނިންމުމަށް ފަހު ކަމަށެވެ. އެހެންކަމުން، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ މައްސަލައާމެދު ވީހާވެސް އަވަހަށް ގޮތެއް ނިމިގެންދިއުމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު އަމާންކަމާއި އޮމާންކަމާއެކު ހިންގުމަށް ކޮންމެހެން ޟަރޫރަތްތެރި ކަމެއްކަމުގައި ދެކޭކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެވަނަ ފަހަރަށް އެމްޑީޕީން މަޖިލީހަށް ހުށަހެޅީ އެ ޕާޓީއަށް ރިއާސަތުގެ ކޮންޓްރޯލް ބޭނުންވާކަމަށް ބުނެ އެވެ. އަދި އިންތިހާބުގެ ނަތީޖާގެ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ނަޝީދުކަމަށް ވެސް އެބޭފުޅުން ގަބޫލު ކުރައްވަ އެވެ.

އަންނަ އާދީއްތަ ދުވަހަށް އިތުބާރު ނެތްކަމުގެ ވޯޓު ތާވަލު ކުރިނަމަވެސް އުފެދޭ އެންމެ ބޮޑު ސުވާލަކީ ރައީސް ނަޝީދު އެކަމަށް ޖާގަ ދެއްވާނެތޯ އެވެ. މީގެ ކުރިން ވެސް ނިޒާމު ގެއްލުވާލައި ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ހުރަސްއެޅުމުގެ ސަބަބުން ވެސް ދަތިތައް ދިމާވި އެވެ.

މި މައްސަލައިގައި ޕާލިމަންޓް ގުރޫޕު ބައްދަލުވުމެއް ބޭއްވުމަށް ފަހު މީޑިއާތަކާ ބައްދަލު ކުރައްވައި އަސްލަމް ވިދާޅުވީ ރައީސް ނަޝީދު މަގާމުން ދުރު ކުރުމަށް ނަގާ ވޯޓު ކުރިޔަށް ގެންދަން ޖެހޭނެ ކަމަށެވެ. އަދި އެ ނޫން ގޮތަކަށް އިންތިހާބީ ރައީސްގެ ހުވައި ގަބޫލު ނުކުރާނެކަމަށް އަސްލަމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: