ރާއްޖެއަށް މިމަހުގެ މިހާތަނަށް އެވަރެޖުކޮށް ދުވާލަކު ޒިޔާރަތްކޮށްފައިވަނީ 5،035 ފަތުރުވެރިންކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރާތްކޮށްފައިވަނީ 1.48 މިލިއަން ފަތުރުވެރިންނެވެ.
މި މަހުގެ 1 އިން 25 ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރަތްކޮށްފައި ވަނީ 120،833 ފަތުރުވެރިންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް މިމަހުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ މި މުއްދަތަށްވުރެ 3.2 ޕަސަންޓް އިތުރުވެފަ އެވެ.
ރާއްޖެއަށް އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ އިތުރުވެފައެވެ. އެއީ 13.3 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް 174،140 ފަތުރުވެރިން އިތުރަށް ރާއްޖެ އައިސްފައިވެއެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ ގައުމުގެތަކުގެ ތެރޭގައި 1 ވަނައިގައި ހިމެނޭ ރަޝިއާއިން މިހާތަނަށް 169،398 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އެއަށްފަހު 2 ވަނަ އަށް ޗައިނާއިން 161،052 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، 3 ވަނަގައި އޮތީ އިންޑިއާއެވެ. އިންޑިއާއިން ރާއްޖެ ޒިޔާރާތްކޮށްފައިވަނީ 161،040 ފަތުރުވެރިންނެވެ.
އެއަށްފަހު ގަދަ 10 ގައުމުގެ ލިސްޓުގައި ދެން ހިމެނޭ ގައުމުތައް:
- އިނގިރޭސިވިލާތް – 119،231 ފަތުރުވެރިން
- ޖަރުމަނު – 104،042 ފަތުރުވެރިން
- އިޓަލީ – 88،762 ފަތުރުވެރިން
- އެމެރިކާ – 58،037 ފަތުރުވެރިން
- ފްރާންސް – 39،788 ފަތުރުވެރިން
- ސްޕެއިން – 31،771 ފަތުރުވެރިން
- ސްވިޓްޒަލޭންޑް – 28،848 ފަތުރުވެރިން
ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،268 ފެސިލިޓީއެއް ހިންގަމުންދާއިރު އޭގެ ތެރޭގައި 174 ރިސޯޓާއި 918 ގެސްޓްހައުސްގެ އިތުރުން 162 ސަފާރީ އަދި 14 ހޮޓާ ހިމެނެއެވެ.

