މިއަދަށް ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާވެސް ކެންސަލްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލްކޮށްފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާކުރެވިފައިވަނިކޮށެވެ. މިއަދުގެ ޖަލްސާވެސް ކެންސަލް ކުރީ ރިޔާސަތު ބަލަހައްޓަވަންޖެހޭ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲގެ ބަލި ހާލަތާއި ގުޅިގެން ސަލާމް ބުނުމުންނެވެ. މީގެ ކުރިން ބޭއްވުމަށް ޝެޑިއުލްކުރި ޖަލްސާވެސް ކެންސަލް ކުރަންޖެހުނީ އީވާގެ ބަލި ހާލަތުގެ ސަބަބުންކަމަށް ފާހަގަކުރެވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުން، މިއަދުގެ ޖަލްސާ ކެންސަލްކުރިކަން އެންގީ ހެނދުނުގެ ވަގުތެއްގައި މެސެޖުގެ ޒަރިއްޔާއިންނެވެ. މަޖިލީހުގެ އިދާރާއިންވަނީ އީވާ ސަލާމް ފޮނުއްވާފައިވާކަމަށް މެމްބަރުންނަށް އަންގާފައެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް އެތައް ފުރުސަތެއްގެ މަތިން އެޖެންޑާކުރެވިފައިވާނަމަވެސް އީވާ ބަލިކޮށް އުޅުއްވުމުގެ ސަބަބުން ޖަލްސާތަކަށްވަނީ ހުރަސްތަކެއް އެޅިފައެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން، އެކަން ކުރައްވަނީ ރައީސް ނަޝީދަށް ދައުރެއް ފުރިހަމަ ކުރެއްވުމަށް ފުރުސަތު ފަހިކުރުމުގެ މަގުސަދުގައެވެ.
އީވާ ސަލާމުގައި ހުންނެވުމާއިއެކު ރައީސް ނަޝީދަށް ރިޔާސަތުގައި އިންނެވުމަށް އިތުރު ދުވަސްތަކެއް ލިބިވަޑައިގެންފައިވާއިރު، އެމްޑީޕީގެ ޕީޖީ ގުރޫޕުންވަނީ އެ މަނިކުފާނު ރިޔާސަތުގައި އިންނެވި ހިނދު މަޖިލީހުގެ އެހެން މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެކަމަށް ބުނެފައެވެ. މަޖިލީހުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކުގެ ތެރޭގައި އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފްގެ ހުވާކުރުމުގެ ޖަލްސާ ކުރިއަށް ގެންދިއުން ހިމެނެއެވެ.

