ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އުޅެނީ ސިޔާސީ މައްސަލައެއްކަމުގެ ބަހުސެއް

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުން ފެށުމުގެ ކުރިން އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުންތަކެއް ކޯޓު ބޭރުގައި މަޑުކޮށްލައިގެން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު ކުރިޔަށް ނުގެންދެވިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި އެ ކޯޓުގެ އިހުތިސާސާއި ގުޅޭ ބަހުސެއް މިއަދުކޮށްފި އެވެ.

49 މެންބަރުންގެ ސޮޔާއިއެކު އެމްޑީޕީއިން މަޖިލީހަށް ވެއްދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ މަޑުޖެހިފައެވެ. އަދި މިކަމާއި ގުޅިގެން މުޅި މަޖިލީސްވެސް ހުއްޓުމަކަށް އައިސްފައިވާތީ އެމްޑީޕީއިން ވަނީ ހައްލު ހޯދުމަށް ސްޕްރީމަށް ކޯޓަށް މައްސަލަ ހުށައަޅާފައެވެ.

މި މައްސަލައިގެ 2 ވަނަ އަޑުއެހުމުގައި މަޖިލީހުގެ އިދާރާއިން ފާހަގަކުރާ ކަމެއްގެ ގޮތުގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާއި ބެހޭ މައްސަލައެއްގެ ރިޔާސަތު ބެލެހެއްޓުމާއި ގުޅޭ ހާއްސަ އިޖުރާޢަތުތަކެއް ކަނޑައަޅާފައިވަނިކޮށް، އެ އިޖުރާޢަތުތަކަށް އަމަލު ނުކުރެވޭ ހާލަތެއްގައި އެ އިޖުރާޢަތާއި ދުރަށް ގޮސް މަޖިލީހުގެ ގަވާއިދުގައި ޖަލްސާތަކާއި އާންމު އިޖުރާޢަތުތަކުގެ ދަށުން ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ މީހަކު ކަނޑައެޅުމަކީ މަޖިލީހުގެ އިދާރާއަށް ލިބިގެންވާ ބާރެއް ނޫންކަމަށެވެ.

ސިޔާސީ ސުވާލުތަކެއް އުފެދިފައިވާ މި މައްސަލަ ބޮޑަށް ބިނާވެފައިވަނީ، ޒާތީ ކަންތަކެއްގެ މައްޗަށްކަމަށް ވާތީ ސުޕްރީމް ކޯޓަށް މައްސަލަ ނުބެލޭނެކަމަށް ބުނެފައި ވަނީ ޑިމޮކްރެޓްސްގެ ވަކީލު އަބްދުﷲ ޝާކިރެވެ. އަދި އެ ނުކުތާއަށް ބާރުދެއްވައި ޑިމޮކްރެޓްސްގެ ވަކީލު ހަސަން ލަތީފް ވެސް ވިދާޅުވީ މިހާރު ކޯޓުގައި އޮތް މައްސަލައަކީ، ސިޔާސީ ވާދަވެރިކަމެއްގެ ސަބަބުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައިވާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސްކަމެއް ހިނގި ގޮތުގެ ސައްހަކަން ބެލެހެއްޓުމަށްޓަކައި، އެއްވެސް ކޯޓަކަށް މައްސަލައެއް ހުށައެއް ނޭޅޭނެ ކަމަށެވެ. އެކަމަކު ސުޕްރީމް ކޯޓުން ނިންމާފައި ވަނީ 88 ވަނަ މާއްދާގެ (ށ) ގައި އޮތް އިސްތިސްނާއަކީ ގާނޫނުއަސާސީއާއި ހިލާފަށް ހިނގާ ކަމެއްކަމަށެވެ.

އެހެންވެ އެކަން ފާހަގަކޮށް ހަސަން ވިދާޅުވީ ރައީސް ނަޝީދުގެ ނަން ބޭނުންކޮށްގެން އެމްޑީޕީން ނަގަން އުޅެނީ ވަކި މަންފާއެއް ކަމަށެވެ. މިއީ މަޖިލީހުގެ ގަވައިދު ބަދަލުކޮށްގެން، ހައްލު ކުރެވެން އޮތް މައްސަލައެއްކަމަށާއި މިހާރު ވެސް އެ ފުރުސަތު އެމްޑީޕީއަށް އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދަޅުވީ މިއީ ސިޔާސީ ޕާޓީތަކާއި ވެސް ގުޅުން ހުރި މައްސަލައެއްކަމަށާއި، މަޖިލީހުގައި ހައްލު އެބައޮތް ކަމަށެވެ. އެ ނުކުތާއަށް އިއުތިރާޒު ކުރައްވައި އެމްޑީޕީގެ ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވެފައި ވަނީ ކޯޓުތަކާއި ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓަށް މައްސަލަ ބެލުމުގެ އިހުތިސާސް އެބައޮތް ކަމަށެވެ. އޭނާ ފާހަގަކުރީ ގައުމު ދުސްތޫރީ ހުސްކަމަށް ގޮސްފާނެ، ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުމާއި އަދި ގައުމުގެ އާންމު މަސްލަހަތާއި ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށްވުމެވެ.

ހަސަން ވިދާޅުވީ މައްސަލައަކީ ކުރެވެން އޮތްކަމެއް ނުކުރުންކަމަށާއި، އެހެންކަމުން ސުޕްރީމް ކޯޓަށް އަންނަން ޖެހުނީ އެކަމުގެ ހައްލެއް ހޯދުމަށް ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވެސް އެމްޑީޕީން ބުނީ، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ މަޖިލީހުގެ އެންމެ ފުރަތަމަ މަސައްކަތަށް އެޖެންޑާ ކުރާ ކޮންމެ ޖަލްސާއަކަށް ވާން ޖެހޭނެ ކަމަށެވެ. ހުވާ ކުރައްވާ ޖަލްސާއަކީ މަޖިލީހުގެ ޖަލްސާއެއްކަމުން އަފީފް ވިދާޅުވެފައި ވަނީ، ނެތީ ޖަލްސާ ނުބޭއްވޭނެ ހާލަތެއް ނޫންކަމަށާއި ރައީސް ނަޝީދުގެ މައްސަލަ އެޖެންޑާ ނުކޮށް ޖަލްސާ ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތީ ކަމަށެވެ. އެހެންކަމުން އިންތިހާބީ ރައީސް ހުވާ ކުރައްވާ ޖަލްސާގައި ވެސް، މިހާރު ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ ދެން އަފީފް ފާހަގަކުރެއްވީ، 205 ވަނަ މާއްދާގައި މަޖިލީސް ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރާ މެދު ގޮތެއް ނިންމައިގެން ނޫނީ އެހެން މަސައްކަތެއް ނުކުރުމަށް ބަޔާންކޮށްފައި އޮތުމެވެ. އެކަމަކު އެއަށް ދެކޮޅު ހައްދަވައި ޕީޕިއެމްގެ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ މައްސަލައިގައި ގޮތެއް ނުނިމި އިތުރު ޖަލްސާއެއް ނުބޭއްވޭނެކަމަށް މަޖިލީހުގެ މައްޗަށް އަމުރުކްދޭން އެމްޑީޕީން ބުނާ ބުނުން ގޯސް ކަމަށެވެ.

އާޒިމާ ވިދާޅުވީ ގާނޫނުގައި ބަޔާން ކުރާ ވަކި ހަމަތަކެއް އެބައޮތްކަމަށާއި، ގާނޫނު އަސާސީއަށް ބަލާއިރު މަޖިލީހުގެ ކަންކަން ނިންމޭ ގޮތުގެ މަހުފޫމުގެ ތެރެއަށް ހުވާ ކުރުމުގެ ޖަލްސާ ނުހިމެނޭ ކަމަށެވެ. އަދި ދެވަނަ ފަރުވާގެ ގޮތުގައި އެދިފައިވާ އަމުރު ނެރެވޭނެ ހާލަތެއް ވެސް ނެތްކަމަށް އޭނާ ވިދާޅުވި އެވެ. އާޒިމާ ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) ބޭނުންކޮށްގެން އެފަދަ އަމުރަކަށް އެދިގެން ދުސްތޫރީ އޮނިގަނޑެއް ނުހުއްޓުވޭނެ ކަމަށެވެ.

އަފީފަށް ރައްދު ދެއްވައި އާޒިމާ ވިދާޅުވީ، މަޖިލީހަކީ ސިޔާސީ މަސައްކަތް ކުރާތަނެއް ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް ސިޔާސީ މައްސައްކަތުގެ ތެރެއިން، އަނބުރާ ގެންދިއުމަށް ފަހު އަނެއްކާވެސް ހުށަހެޅީ ކަމަށެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: