ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިސްޓަށް އިހުތިރާމް ކުރަން، އެކަމަކު ވަކި ބަޔަކަށް ބޭއިންސާފު ނަމަ ފިޔަވަޅު އެޅޭނެ: ފިރުޒުލް

އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރި ފްލެޓުތައް ނުވަތަ ގޯތިތައް ދޫރިކުރީ ބޭއިންސާފުންކަމަށް ކަމާއި ބެހޭ އިދާރާއަކުން ކަނޑައަޅައިފި ނަމަ އެކަމަށް ފިޔަވަޅު އަޅާނެކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

މި ދެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް، ފިރުޒުލްއާ ނޫސްވެރިން ކުރި ސުވާލަކީ ފްލެޓުތައް ދިނުމުގައި ޕޮއިންޓު ދީފައިވާ އުސޫލާއި މެދު ސުވާލާއި، ޝައްކުތައް އުފެދިފައިވާއިރު އެކަމުގައި އިންތިހާބީ ރައީސް ގެންގުޅުއްވާ ވިސްނުމާއި ގުޅޭގޮތުންނެވެ. މާލޭގައި ދިރިނޫޅޭ، ނުވަތަ މާލޭގައި އުޅޭތާ މާ ގިނަ ދުވަސް ނުވާ މީހުންނަށް ފްލެޓުތައް ލިބިފައިވާ މައްސަލަ ސޯޝަލް މިޑިއާގައި އާންމުވެ ބައެއް ބޭފުޅުންގެ އާއިލާ މެމްބަރުންގެ ނަންތައް ވެސް ދަނީ ލިސްޓުގެ ފޮޓޯތަކާއި އެކު ދައުރުވަމުންނެވެ.

4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި އާންމު ކުރުމާއި އެކު، ޖެހިގެން އައި ދުވަހު ގިނަ ބަޔަކު ޕްލޭނިން މިނިސްޓްރީއަށް އެއްވެ އިހުތިޖާޖު ކުރި އެވެ. ޕޮއިންޓު ދީފައިވާ ގޮތް ސާފުކޮށްދޭން ކޮންމެ މީހަކު ވެސް ސުވާލު ކުރިއިރު، ޝަކުވާއަށް ހުޅުވާލާފައިވާ ވަގުތު މާދަމާއަށް ހަމަވާނެ އެވެ. އެކަމަކު ލިސްޓު ގެޒެޓު ކުރުމުގެ ކުރިން، އިންތިހާބީ ރައީސް ވަނީ އެ މަސައްކަތް އައު ސަރުކާރަށް ދޫކޮށްލުމަށް ވެސް އެދިފަ އެވެ.

މި މައްސަލައިގައި މިއަދު ވެސް ފިރުޒުލް ވިދާޅުވީ މާލެ ސަރަހައްދުން ގޯތި ދޫކުރުމުގައި، ގަވައިދާއި އުސޫލުތަކާއި ހިލާފަށް ހިންގާފައިވާ އެއްވެސް އަމަލެއް ފާހަގަކުރެވޭނަމަ އެކަމެއް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ދައުރު ހަމަވާތީ، އަވަސް އަރުވާލައިގެން އާންމު ކުރި ލިސްޓަކަށް ވާނަމަ ނުވަތަ ވަކި ބަޔަކަށް ފްލެޓު ދިނުމަށް މަސައްކަތް ކުރިކަން ތަހުގީގުތަކުގެ ތެރެއިން ހޯދިއްޖެ ނަމަ ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އާންމު ކުރި ލިސްޓަށް އިހުތިރާމް ކުރާކަމަށާއި، ލިސްޓާއި އެއްގޮތަށް ގޯތި ދިނުން ނުވަތަ ސަރުކާރުން ފްލެޓު ދޭން ނިންމި އެއްވެސް މީހެއްގެ އަތުން ފްލެޓު އަތުނުލުމަކީ މުއިއްޒުގެ ވައުދެއްކަން ފިރުޒުލް ފާހަގަކުރި އެވެ. އެކަމަކު އެކަމުގައި ޖިނާއީ ނިޒާމުގެ ތެރެއިން ގޯހެއް ވާނަމަ އެއީ ބަލަން ޖެހޭ ކަންކަމުގައި ފިރުޒުލް ވިދާޅުވި އެވެ.

ގާނޫނުން ވަކި ގޮތެއް ކަނޑައެޅީމަ.. ގާނޫނުގެ ވެރިކަން ކުރާ ފަރާތައް ލާޒިމް ވާނެ، އެ ގާނޫނަކުން ކަނޑައަޅާފައި ވާ ގޮތަށް އަމަލު ކުރުމަށް… އެހެންވީމަ އެއީ ނުހައްގުން ކުރެވިފައިވާ ކަމަކަށް ވާނަމަ.. އަދި ނާޖާއިޒް ގޮތެއްގައި ހޯދައިވާ މަންފާއެއްކަމުގައި ވެސް ވަނީނަމަ، އެކަމަކާ ގުޅޭ ގޮތުން ނިންމޭ ނިންމުންތަކެއްގެ މައްޗަށް އަމަލު ކުރުން އަޅުގަނޑުމެންނަށް ލާޒިމްވާނެ..

ފިރުޒުލްގެ ޖަވަބާއި އެކު ނޫސްވެރިން ވަނީ، އެހެންކަމުން ބޭއިންސާފުން ގޯތި ނުވަތަ ފްލެޓު ލިބިފައި ވާނަމަ އައު ސަރުކާރުން އަތުލާނަން ތޯ ތަކުރާރުކޮށް ސުވާލުކޮށްފަ އެވެ. އެކަމަކު ސީދާ ޖަވާބެއް ނުދެއްވައި ފިރުޒުލް ވިދާޅުވީ އެފަދަ ގޮތަކަށް ކަމާއި ބެހޭ މުވައްސަސާއަކުން ނިންމާ ހާލަތެއްގައި، އެ އެންގުމަކަށް އަމަލު ކުރާނެ ކަމަށެވެ.

ބޭއިންސާފުން ލިބޭ ގޯތި އެ ފަރާތެއްގެ އަތުން އަތުލާނެ ކަމަށް އޭނާ ސީދާ ވިދާޅުނުވާތީ އެ ސުވާލު ތަކުރާރުކުރުމުން ވެސް ފިރުޒުލް ވިދާޅުވީ އެ ގޮތަށް ކަމާ ގުޅޭ މުއައްސަސާއަކުން ނިންމައިފި ނަމަ، އެ ނިންމުމަށް އަމަލުކުރަން ސަރުކާރަށް ލާޒިމް ވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: