ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަދޫމްވެސް ބަންޑުން ޖަހާލީ މިކަމަށް!

އަންހެން ހެދުން އަޅައިގެން ހުރި ދިވެހި ފިރިހެނަކު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ރާއްޖޭގައި މަސްތުވާތަކެއްޗެކޭ އެއްފަދައިން އެހެން ބޮޑު ވަބާއެއްވެސް އެބަ ފެތުރެއެވެ. ޒުވާނުންނާއި ހަރު އުމުރުފުރައިގެ މީހުންގެ ތެރޭގައިވެސް ހުޅަނގުގެ ޑިމޮކްރެޓިކް ލިބަރަލް ވިސްނުންތައް އަށަގަނެ އެއް ޖިންސުން ޖޯޑު ހަދައިގެން ރާއްޖޭގައި ގިނަ އަދަދެއްގެ މީހުން އެބަ އުޅެމުންދެއެވެ. މިއީ ހައްލު ނުކޮށްފި ނަމަ ރާއްޖެއަށް ބޮޑު ކާރިސާއެއް ކުރިމަތިކުރުވަފާނެ ފަދަ ނުރައްކާތެރި މައްސަލައެކެވެ.

ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި އެއްޖިންސުން ގުޅުން ހިންގުން ފަދަ ހުތުރު އަމަލަކަށް އަރައިގަތުމުގެ ވިސްނުން ގެންގުޅޭ އަދި އެފަދަ އަމަލުތައް ހިންގަމުންދާ މީހުން ގިނަވަމުންދާކަމަކީ ހައިރާން ކުރުވަނިވި ކަމެކެވެ. ރާއްޖެއަކީ މަދު މީސްކޮޅަކުން އެކުލެވިފައިވާ ގައުމެއްކަމަށްވުމުން، ގާތް ގަނޑަކަށް މުޅި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އާންމު އިޖްތިމާއީ މިންގަނޑުތައް ކަނޑައެޅިފައިވަނީ އެއް ރޮނގަކުންނެވެ. އެ މިންގަނޑުތައްވެސް ކަނޑައެޅިފައިވަނީ އިސްލާމީ އަސާސްތަކާއި ދިވެހި އާދަކާދައިގެ މައްޗަށެވެ. ދަރިންނަށްވެސް ދޭނީ ދާދި އެއް ތަރުބިއްޔަތެކޭވެސް ބުނެވިދާނެއެވެ. މުޖުތަމައުގެ ތެރޭގައި އެފަދަ އަމަލުތައް ބަލައިނުގަންނާނެ ނަމަވެސް އެކަންކަމަށް ފިޔަވަޅެއް ނާޅާ ކަމަށްވުމުން ބައެއް މީހުން މިހާރު އުޅެމުންދަނީ ފާޅުކަން ބޮޑު ގޮތެއްގައޭ ވެސް ބުނެވިދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގައިވެސް މި މައްސަލައިގައި މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ އެއްޖިންސުން ގުޅުން ހިންގާ މައްސަލައިގައި ދައުވާކުރެވޭ މީހުން ހުކުމުގެ މުއްދަތުކުރު ކުރުމަށް ޕީޖީ އޮފީހުން ވަކާލާތުކުރާކަަން ފާހަގަ ކުރައްވާފައެވެ. އަދި އެއީ އެ އޮފީހުގައިވެސް އެފަދަ ތުހުމަތުތައް އަމާޒުވެފައިވާ މީހުން ތިބުމުން ކަންވެގެންދާ ގޮތްކަމާއިމެދު އޭނާ ސުވާލު އުފެއްދެވިއެވެ. ސަބަބަކީ ދާދި ފަހުން އެ އޮފީހުގެ ވަކީލެއްކަމަށް ތުހުމަތުކުރެވޭ މީހަކު ފެނިގެންދާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވެފައިވުންކަމަށްވާއިރު، ތުހުމަތުކުރެވޭ ވަކީލު ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

މެމްބަރު ނަޝީދު ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި އެއްޖިންސުން ގުޅުން ހިންގުން ފަދަ އަމަލުތައް އާންމުވެގެންގޮސްފައިވާކަމަށެވެ. އޭނާ ވިދާޅުވީ، 240 މީހުންނާއިއެކު ދިވެހިރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގިކަމަށް އެއްބަސްވި އަލަމްގިރި ކިޔާ ބަންގްލަދޭޝް މީހާއަށްވެސް އައީ ވަރަށް ކުޑަ ހުކުމެއްކަމަށެވެ. އޭނާ ވިދާޅުވީ، އެ މައްސަލައިގައި ދައުލަތުގެ އިސް މަގާމެއް ފުރުއްވަމުންދިޔަ މީހެއްގެ އާއިލީ މީހަކުވެސް ޝާމިލުވިކަމަށާއި އޭނާ ދިން އަދަބަކީ ކުރު މުއްދަތަކަށް ގޭބަންދުކުރުންކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރާއްޖެ މިހާރު އޮތް މިސްރާބުން ކުރިއަށް އޮތް ދުވަސްތަކުގައި ގައުމުގެ އިސްވެރިންގެ މަގާމަށް ފާޅުކަން ބޮޑުގޮތެއްގައި އެފަދަ އަމަލުތައް ހިންގާކަން ފެނިގެންދާ މީހުން އައްޔަނުކުރުމަށް ފަސްނުޖެހޭނެކަމަށެވެ. އަދި އެފަދަ މައްސަލަތައް ލުއި ގޮތްގޮތަށް ދޫކޮށްލާނަމަ މީގެ 10 ވަރަކަށް އަހަރު ފަހުން ރާއްޖެއަކީވެސް “އެއްޖިންސުން ގުޅުން ހިންގާ މީހުންގެ” ގައުމަކަށްވެގެންދިއުން ދުރު ނޫންކަމަށް އޭނާ ފާހަަގުރެއްވިއެވެ.

ކުރިމަގުގައި ފާޅުކަން ބޮޑު ގޮތެއްގައި ރާއްޖޭގައި އެފަދަ އަމަލުތައް ފެނިގެންދާނެކަމަށް މަޖިލީހުން އަންދާޒާތައް ކުރަމުންދާއިރު، މިއަދު ވެސް މަޑު މަޑުންނަމަވެސް އެފަދަ އަމަލުތައް އަންނަނީ ގިނަވަމުންނެވެ. އެހެންނަމަވެސް ގިނަ މީހުން އުޅެނީ ފިލައިގެންނެވެ. މީހުންނާއި އިނދެ ދަރިން ހޯދައިގެން ސްމޯކްސްކްރީނެއްގެ ގޮތުގައި ބޭނުންކުރާ ގިނަ އަދަދެއްގެ މީހުން އުޅެމުންދާކަން، އަލަމްގިރި ކިޔާ ބަންގްލަދޭޝް ފިރިހެނަކާއިއެކު ގިނަ އަދަދެއްގެ ދިވެހި ފިރިހެނުން އެއްޖިންސުން ގުޅުން ހިންގިކަން ހާމަވެގެންދިޔަ މައްސަލައިން އެނގިގެންދެއެވެ. އެއް ޖިންސުން ގުޅުން ހިންގުމަކީ ނުރައްކާތެރި އެތައް ބައްޔެއް ޖެހުމަށް މަގުފަހިކުރާ އަމަލެއްކަމަށްވާއިރު، ގިނަ އަދަދެއްގެ މީހުން އެކަކާއިއެކު އެ އަމަލު ހިންގުމުން ބައްޔެއް ފެތުރިގެންދިއުމުގެ ފުރުސަތު އިންތިހާއަށް ފަހިވެގެންދެއެވެ. އަލަމްގިރި މައްސަލައިގައި އޭނާ އާއިއެކު 250 ވަރަކަށް މީހުން އެއް ޖިންސުން ގުޅުން ހިންގިކަމަށް ބެލެވެއެވެ.

އެ މީހުންގެ ތެރޭގައި އާންމު އާއިލީ ދިރިއުޅުންތައްވެސް ދިރިއުޅުމުންދިޔަ ބައެއް މީހުން ހިމެނެއެވެ. އިނދެގެން އުޅޭ މީހަކު ނުރައްކާތެރި ބައްޔެއް ޖެހޭފަދަ އަމަލެއް ހިންގުމުން އެކަމުގެ ނޭދެވޭ އަސަރުތައް އެ މީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށްވެސް ކުރުމުގެ ފުރުސަތު އޮވެއެވެ. އެހެންނަމަވެސް އަލަމްގިރި މައްސަލައިގައި ހިމެނޭ މީހުންގެ ސިއްހީ މައުލޫމާތު ހިއްސާކުރުން ނުވަތަ އެ މައްސަލައިގެ ތެރެއިން ދިވެހިރާއްޖޭގައި ނުރައްކާތެރި ބަލިތަކެއް ފެތުރިގެން ގޮސްފައިނުވާކަމުގެ ޔަގީންކަންވެސް ސަރުކާރުން ދީފައިނުވެއެވެ. އަމަލުތައް ހިންގި ކަން ހާމަވެގެންދިޔައިރުވެސް އަލަމްގިރިއަކީ އެފަދަ ނުރައްކާތެރި ބަލިތަކަށް ޓެސްޓުކުރެވިފައިވާ މީހެއް ނޫންކަމަށްވެސް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި މައްސަލައިގައި މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އެގޮތުން ޕީޕީއެމްގެ ނައިބުރައީސް ނައިފަރު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި މިހާރުގެ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމްވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އެކްޓިވޭޓުވެ އަލަމްގިރިޔަށް ޒިޔާރަތްކުރި މީހުންގެ ސިއްހީ ހާލަތު ދެނެގަތުމަށް ގޮވާލާފައެވެ. އެމްޑީޕީގެ މެމްބަރުންވެސް މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރިއެވެ. އެގޮތުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުވަނީ ބަލި ބަލިން ރައްޔިތުން ރައްކައުތެރިކުރުމަށް، އަވަސް ހާލަތެއްގައި އެމެޖެންސީ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށް ވިދާޅުވެފައެވެ. އޭރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމުވެސްވަނީ އެއިޑްސްގެ މައްސަލަ ބޮޑުވެގެންދިއުމުގެ ފުރުސަތު އޮތްކަން ހާމަކުރައްވާފައެވެ.

ހަގީގަތުގައިވެސް ރާއްޖޭގައި މި މައްސަލައާއިމެދު ވާހަކަ ދެކެވޭ މިންވަރު ވަރަށްވެސް މަދެވެ. އަޑު އަހަން ދަތި ވާހަކަތަކެއްވުމުން ގިނަ މީހުންނަށް އެ ވާހަކަތައް ދައްކަންވެސް ދައްޗެެވެ. އެހެންނަމަވެސް ރާއްޖޭގައި މިއަދު ޒުވާނުންގެ ތެރޭގައިވެސް އެފަދަ ކުލަވަރުތައް ޖެހެމުންދާވަރު ސާފުކޮށް ފެންނަން އޮތުމުން ވިސްނުން ގޯސްވެގެންދާން ދިމާވާ ސަބަބު ދެނެގަނެ ހައްލުކުރުމުގެ އިތުރުން ސިއްހީ ކާރިސާއެއްގެ ތެރެއަށް ވެއްޓި ފަރުވާއެއް ނެތް ބަލިތަކެއްގެ ވޭން ތަހައްމަލުކުރަމުންދާ ގިނަ ބަޔަކު ނުއުފެދޭކަން ކަށަވަރުކުރުމަށް ކޮންމެވެސް ތަނަވަސް ހިޔާލެއް އެބަ ބޭނުންވެއެވެ.

ޒުވާނުންގެ ތެރޭގައި މިއަދު މި ވިސްނުން އަށަގަންނަމުންދާ ސަބަބުތައްކަމަށް ފެނިގެންދާ ކަންކަމަށް ބަލާއިރު، ގާތުގައި ހިނގާ ކަންކަން ބޮޑު ރޯލެއް އަދާކުރާނެކަން ކަށަވަރެވެ. ނުބައި އަމަލުތައް ހިންގައި ސޯޝަލްމީޑިއާގައި އާންމުކުރާ މީހުން ރާއްޖޭގައި އެބަ އުޅެއެވެ. ފިލްމީ ދާއިރާގެ ބައެއް މީހުންނާއި، ރާއްޖޭގެ ސަރުކާރާއި މުއައްސަސާތަކުގެ ބައެއް އިސް މީހުންވެސް އެފަދަ އަމަލުތައް ހިންގާކަމަށް  ތުހުމަތުކުރެވެއެވެ. ގިނަ މީހުން އުޅެނީ އަދަބެއް ނުލިބޭނެކަން ކަށަވަރުވާ ފަދަ ގޮތަކަށެވެ. ގިނަ މީހުން ފެނިގެންދަނީ އަތްމަތި ތަނަވަސްކޮށެވެ. ޒުވާނުންނަށް އެ އަމަލުތައް ފެނިގެންދަނީ އެލީޓިސްޓު ލައިފްސްޓައިލުން ބައެއް ފަދަ ގޮތަކަށެވެ. ދާދި ފަހުން މާލޭގެ ރަސްފަންނު ސަރަހައްދުގައި ޒުވާން ފިރިހެން ކުދިންތަކެއް އަންހެން ނުވަތަ ޖިންސާއި ނުގުޅޭ ހެދުން އަޅައިގެން ހަރަކާތްތެރިވި މައްސަލައެއްވެސް ފެންމަތިވެފައިވެއެވެ.

މިހާރުގެ ޒުވާނުންނާއި ހަރު އުމުރުފުރައިގެ ޖީލުތަކުގެ ވިސްނުމަށް އައިސްފައިވާ މި އުނިކަން ބަދަލު ކުރަން ޖެހެއެވެ. އެއީ އަންނަން އޮތް ޖީލުގެ މުސްތަގުބަލަށްޓަކައެވެ. އަންނަނިވި ޖީލުތަކާއި މިހާރުގެ ތުއްތުކުދިން ރަނގަޅު ގޮތެއްގެމަތިން ތަރުބިއްޔަތުކޮށް ދިވެހިރާއްޖެފަދަ ގާތް ގާތުން މީހުން އުޅޭ ގައުމެއްގައި ސިއްހީ ކުއްލި ހާލަތެއް ކުރިމަތިނުވާކަން ކަށަވަރުކުރުމަކީ ދިވެހި ކޮންމެ ފަރުދެއްގެ މައްޗަށާއި ސަރުކާރުގެ އިސް މަގާމުތަކާއި ހަވާލުވާ މީހުންގެ ބޮލުގައި އެޅިފައިވާ ވާޖިބެކެވެ.

އެހެންކަމުން މި ފަހުގެ ތާރީހުގައި މިފަދަ މައްސަލައެއް އުފެދިގެން އައިސްދާނެކަމަށް ފެނިގެންދާ އަލަމްގިރި މައްސަލައިގެ ތަހުގީގުތައް އެންމެ ރަނގަޅަށް ކުރެވި އެކަމުގައި ޝާމިލުވާ އެންމެނަށްވެސް ހައްގު އަދަބު ދެވެންޖެހެއެވެ. އެންމެ ކުޑަމިނުން އަލަމްގިރި ފަދައިން ރާއްޖެއަށް އައިސް ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ އަންހެނުންނާއި ފިރިހެނުން ދެނެގަނެ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ސިއްހީ ދުޅަހެޔޮ ކަން ކަށަވަރުކުރުމަކީ ރާއްޖެ ފަދަ މީހުން މަދު ގައުމެއްގެ އާބާދީގެ ދެމެހެއްޓިނިވިކަމަށްވެސް އިންތިހާ މުހިންމު ކަމެކެވެ.

ރާއްޖޭގައި އެއް ޖިންސުން ގުޅުން ހިންގުން ފަދަ އަމަލުތަކަށް ފައުޅުގައި އަރައިގަންނައިރު، އެކަމަށް ފިޔަވަޅެއް ނޭޅިދިއުމަކީ، އެފަދަ އެހެން ހުތުރު އަމަލުތައް ހިންގާ މީހުންނަށްވެސް ހިތްވަރު ލިބިގެންދާނެކަމެކެވެ. އަދި ތުއްތު ކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ބެލިނަމަވެސް ގިނައީ އެފަދަ އަމަލުތައް ހިންގާކަމަށް މުޖުތަމައުގެ ތެރޭގައި ތުހުމަތުކުރެވިފައިވާ ނުވަތަ ރެކޯޑުކުރެވިފައިވާ މީހުންކަމަށްވުމުން މި މައްސަލައަށް އަވަސް ޝިފާއެއް ހޯދުމަކީ ރާއްޖޭގެ އަންނަނިވި ޖީލުތައް އެ ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި މިހާރުގެ ވިސްނޭ އުމުރުފުރައިގެ ކޮންމެ މީހަކުގެ މައްޗަށްވެސް އެޅިފައިވާ މަސްއޫލިއްޔަތެކެވެ.

ދިވެހި ދަޢުލަތަކީ އިސްލާމީ ދަޢުލަތެކެވެ. އެހެންކަމުން އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތާއި ހިލާފު ހަޑިހުތުރު އަމަލުތަކަށް ރާއްޖޭގައި ޖާގަ ދެވިގެނެއް ނުވާނެއެވެ. ރާއްޖެ އިސްލާމީ ދައުލަތެއްގެ ގޮތުގައި ކަށަވަރުވެ ދެމި އޮންނަކަން ޔަގީންކުރުމަކީ ވަލިއްޔުލް ޢަމްރު އާއި މި ދިވެހި ދަޢުލަތް ހިންގަވަން ތިއްބެވި އެންމެހާ ފަރާތްތަކުގެ މައްޗަށް ވާޖިބުކަމެކެވެ. ސަދޫމްވެސް ބަނޑުން ޖަހާލީ މި ފަދަ ނުބައި ފާހިޝް ޢަމަލުތަކުގެ ސަބަބުންކަން ހަނދާނުގައި ބަހައްޓައިގެން މި ކަންކަމަށް އަވަސްހައްލެއް ހޯދުން ކޮންމެހެން ބޭނުމެވެ.

ވަރަށް ގަދަ
32%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 36%ވަރަށް ދެރަ 27%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: