ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކޮޅުވެރިކަމާއި ރުޅިވެރިކަމުން ލިބޭނެ ކާމިޔާބެއް ނެތް، ކުރިޔަށް ދާންވީ އެކުވެރިކަމާއި އެކު: މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ބޮޑު އަމާޒަކީ ހަރަދު ބޮޑު ނުކޮށް، ރައްޔިތުންނާއި ހަމައަށް ނަތީޖާ ނެރެދިނުންކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މުއިއްޒު ރައްޔިތުންނަށް އެންމެ ބޮޑަށް އިލްތިމާސް ކުރެއްވީ ދެކޮޅުވެރިކަމާއި، ރުޅިވެރިކަން ދޫކޮށް އެކުވެރިކަމާއި އެކު ކުރިޔަށް ދިއުމަށެވެ. ގައުމެއްގެ ހަމަޖެހުން ގުޅިފައި ވަނީ ރައްޔިތުންނާއިކަން ފާހަގަކޮށް މުއިއްޒު ވިދާޅުވެފައި ވަނީ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ގާބިލު ވެރިން އިދާރާތަކުގައި ތިބުން މުހިންމު ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި ފެންނާނެ އެންމެ މުހިންމު އަދި ބޮޑު ބަދަލަކީ އެއީކަން ވެސް ފާހަގަކުރެއްވި އެވެ.

އަންނަ ހުކުރު ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވާ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓުގައި 22 މިނިސްޓަރުން ތިއްބަވާނެ ކަމަށެވެ. އަދި އެބޭފުޅުން ވާނީ ހަރަދުތައް ބޮޑުނުކޮށް، ނަތީޖާ ނެރެދެއްވާނެ ކެބިނެޓަކަށްކަމަށް މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ވައުދުވީ، ތައުލީމީ ގާބިލު ކެބިނެޓެއް އެކުލަވާލުމަށްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ވަޒީރުކަމުގައި ތިއްބަވާނީ އެފަދަ ބޭފުޅުން ކަމަށެވެ. އަދި ވައުދުތައް ފުރިހަމަކޮށް، ފުއްދުމުގައި އަބަދުވެސް ދެމި ހުންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް އެމަނިކުފާނު ވައުދުވެވަޑައިގަތީ ރަނުން ރަނަށް ވައުދު ފުއްދުމަށް ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ކޮންމެ މަގާމެއްގައި ވެސް ތިބޭނީ، އެ މީހެއްގެ މައްޗަށް އެމަނިކުފާނަށް ބަސް ބުނެވޭ މީހުންކަމަށާއި އިސްކުރާނީ ރައްޔިތުންގެ މަސްލަހަތުކަމަށް މުއިއްޒު ވިދާޅުވި އެވެ. ކެބިނެޓުގައި ހުންނަވާ ކޮންމެ ބޭފުޅެއް ވެސް ވާނީ، މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހައްގުގައި ރެއާއި ދުވާލު މަސައްކަތް ކުރާނެ، އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ނޫނެކޭ ނުބުނާނެ ފެންވަރުގެ ބޭފުޅުންނެވެ.

މިއީ ރައްޔިތުން ފަހުރުވެރިވާނެ، ގާބިލު ޓީމެއްކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންވަނީ ގައުމަށް ހަމަޖެހުން އައިސް، ރައްޔިތުންނަށް ފަސޭހަކަމާއި އެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމު ކުރުމަށެވެ. އަދި ބައިބައިވުމާއި ބަދަލު ހިފުމުގެ ރޫހަށް ނޫނެކޭ ބުނުމަށް އާދަކުރުމަށް ގޮވާލައި މުއިއްޒު ވިދާޅުވީ ދެކޮޅުވެރިކަމުގެ ރޫހުގައި ކުރާ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާނެ ކަމަށެވެ. އަދި އެފަދަ ގަދަ ހިފުމަކަށް ދާން ބޭނުން ނުވާކަމަށާއި، ގައުމަށް ބޭނުންވަނީ އެކުވެރިކަމާއި ހަމަޖެހުންކަމަށް މުއިއްޒު ތަކުރާރު ކުރެއްވި އެވެ.

ސޯޝަލް މީޑިއާގައި މުއިއްޒުގެ ކެބިނެޓުކަމަށް ބުނާ ލިސްޓެއް ދައުރުވާއިރު، އޭގެ ތެރެއިން ބޮޑު އިންސައްތައެއްގެ ނަންތައް ސައްހަ ނަމަވެސް ބައެއް ނަންތައް ގޯސްކަމަށް މުއިއްޒު މިއަދު ވިދާޅުވި އެވެ.

މީގެއިތުރުން މުއިއްޒު ވަނީ އަންހެނުން ބާރުވެރިކުރުވުމަށް ކުރެވެން ހުރި މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި އަންހެނުންނަށް ޖާގަ އޮންނާނެކަމަށާއި، އަންހެނުންނަށް ވީތީ ބާކީކުރުމުގެ ސަގާފަތެއް ނޯންނާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: