ރައްޔިިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި މަޖިލީހުގެ ތަޅުމުން ގަރާރު ބޭރުކޮށްލީ ގަވައިދާ ހިލާފަށް ކަމަށާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު މެމްބަރުންގެ އިމްތިޔާޒްތަކަށް އަރައިގަތް ކަމަށް އިމްތިޔާޒާއި، ސޫލުކު ކޮމިޓީން ނިންމައިފިއެވެ.
މިއަދު އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވީ މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވީ ގޯސްކަމަށް ނިންމާ މެންބަރުން ހުށައެޅުއްވި މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލައި ހުށައަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 182 ވަނަ މާއްދާގެ ދަށުންނެވެ.
މިއަދަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައިވާކަން ފާހަގަކޮށް، މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ނައިބު ރައީސް އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގަތުމުން ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ ގަވާއިދާއި ހިލާފަށްކަމަށާއި، އަދި މައްސަލަ އަލުން ހުށައެޅުމަށް އެންގުމަށް ބައެއް މެންބަރުން ނެންގެވި ނިޒާމީ ނުކުތާއަކަށްފަހު ރިޔާސަތުން ނިންމެވީ މުޅި މަޖިލީހުގެ ހައްގަށް އުނިކަން އަންނަ ގޮތަށްކަމަށްވެސް ބުނެފައިވެއެވެ.
ރައީސް ނަޝީދުގެ ރައީސްކަމުން ވަކިކުރުމުގެ މައްސަލައިގެ ޖަލްސާއަކީ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ އިދާރާއިން އެޖެންޑާކޮށް އިންތިޒާމްކުރާ ޖަލްސާއެއްކަމަށް ފާހަގަކޮށް މައްސަލައިގައި ބުނެފައިވަނީ މަޖިލީހުގެ ތަޅުމަށް ބިލެއް، މައްސަލައެއް ނުވަތަ ގަރާރެއް ގެނައުމަށްފަހު، އެ ބިލު، މައްސަލަ ނުވަތަ ގަރާރު ތަޅުމުން ގޮތެއް ނުނިންމައި އެ ބިލެއް ނުވަތަ މައްސަލައެއް ނުވަތަ ގަރާރެއް ނިންމާލުމުގެ ބާރު މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސަތަށް ލިބިގެން ނުވާކަމަށެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ މެންބަރަކަށްވެސް ލިބިގެންވާނީ މަޖިލީހުގެ ރައީސްއަށް ލިބިގެންވާ ބާރުތައްކަމަށް މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން އެނގޭކަމަށްވެސް މި މައްސަލައިގައި ބުނެފައިވެއެވެ. އެހެންކަމުން މިއަދު ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އަފީފް ޖަލްސާ ނިންމަވާލެއްވީ ގަވާއިދާއި ކަނޑައެޅިގެން ހިލާފަށްކަމަށްވެއެވެ.
މަޖިލީހުގެ ގަވާއިދުގެ 182 ވަނަ މާއްދާގެ (ށ) ގެ ދަށުން މުޅި މަޖިލީހުގެ ހައްގަށް އަދި އިމްތިޔާޒަށް ޖުމްލަ ގޮތުން އުނިކަން ލިބޭތީ އާއި މިއީ މަޖިލީހުގެ ގަދަރާއި މަޖިލީހުގެ ޖަލްސާތަކުގެ ސައްހަކަމަށް އުނިކަން އަންނަކަމެއްކަން ފާހަގަކޮށް ހުށައެޅި މި މައްސަލަ އާއި ގުޅޭ ގޮތުން ކޮމިޓީއިން ނިންމީ، އީވާ އާއި އަފީފްވެސް އިމްތިޔާޒްތަކަށް އަރައިގަތް ކަމަށެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ޖަލްސާ ނިންމަވާލައްވާފައިވަނީ އަމީން އާންމުގެ ލަފަޔާއި ހިލާފަށްކަމަށެވެ. އަދި ދެވަނަ ފަހަރަށް ޖަލްސާ 11:30 ގައި ބޭއްވީވެސް އެހެންވެގެންކަމަށް ވިދާޅުވިއެވެ.
އޭގެ ފަހުން ބޭއްވި ޖަލްސާ ވެސް އީވާ ކުރިއަށް ނުގެންދެވީ މަޖިލީހުގެ ގަވާއިދާ ހިލާފަށްކަން ފާހަގަކުރައްވަމުން އޭނާ ވަނީ އެ ކަމުން ހާމަވެގެންދިޔައީ މި މައްސަލާގައި އީވާގެ މަސްހަލަތު އޮންނާތީކަމަށް ވިދާޅުވެފައެވެ.

