ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔެ ހޫނުވުމުގެ ސަބަބުން މަރުވާ ކޮންމެ މަހަކަށް ރާއްޖެއަށް ބަދަލު ލިބެންޖެހޭ: އިންތިހާބީ ރައީސް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ މުރަކައަކާއި، ތަޣައްޔަރުވެގެންދާ ކޮންމެ ފެނުގެ އާރަކީވެސް އަގު ހުރި އެއްޗެއްކަމަށާއި، ދުނިޔެ ހޫނުވަމުންދިއުމުގެ ސަބަބުން މަރުވެގެންދާ ކޮންމެ މަހަކަށްވެސް ރާއްޖެއަށް ބަދަލު ލިބެންޖެހޭކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޭފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ޑރ މުއިއްޒުވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެމަނިކުފާނުވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ބޭލުމުގެ އިތުރުން މޫސުމީ ބަދަލާއި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ.

އެގޮތުން، ރާއްޖެއިން އިންޑިއާގެ ސިފައިން ބޭލުމަށްފަހު، ޗައިނާގެ ސިފައިން ރާއްޖެއަށް ގެނައުމުގެ ޝައުގުވެރިކަމެއް ނުގެންގުޅުއްވާކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ސަރަހައްދީ ގޮތުން ބާރުވެރިކަން ހޯދުމަށް އޮންނަ ވާދަވެރިކަމުގެ ތެރޭގައި މެހިގެންދާވަރަށްވުރެ ކުޑަ ގައުމެއްކަމަށެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތުތައް އެ މަގުން ބައްޓަންކުރުމުގެ އެއްވެސް ޝައުގެއް ނެތްކަމަށް ހާމަކުރެއްވިކަމަށްވެސް ރިޕޯޓުގައިވެއެވެ.

އިންޑިއާގެ ބަދަލުގައި ޗައިނާ އަދި އެ ނޫން އެހެން ގައުމަކަށްވެސް ރާއްޖޭގައި ސިފައިން ގާއުމުކުރުމަށް ފުރުސަތު ނުދެއްވާނެކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ. އަދި އެމަނިކުފާނުވަނީ ޗައިނާ އާއި ގާތްވެދާނެކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވާ އެމަނިކުފާނު ގެންގުޅުއްވާނީ ރާއްޖެ އިސްކުރެއްވުމުގެ ސިޔާސަތު ކަމަށްވެސް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިން ހުރިހާ ގައުމަކާއި އެކުވެސް މަސައްކަތްތައް ކުރާނެކަމަށާއި އެހެންކަމުން ޗައިނާ އަދި އިންޑިއާ އާއިއެކުވެސް މަސައްކަތްތައް ކުރާނެކަމަށް ފާހަގަކުރެއްވިއެވެ. އިންތިހާބީ ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖެއިން އިންޑިއާގެ ފަންސާހާއި ހަތްދިހަފަހާކާއި ދެމެދުގެ އަދަދަކަށް އިންޑިއާގެ އަސްކަރިއްޔާގެ މުއައްޒިފުން ބޭލުމުގެ މަސައްކަތްތައް ރަސްމީގޮތުން ފެށުމަށް އުންމީދުކުރައްވާކަމަށެވެ.

އިންތިހާބީ ރައީސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އެމަނިކުފާނަށް ވޯޓުދިނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަށް ފުރުސަތު ދިނުމަކަށް ނޫންކަމަށާއި، އިންޑިއާގެ ސިފައިން ބޭލުމަށް އެ ގައުމުގެ ސަރުކާރުގައި ވިދާޅުވަމުންދަނީ އެ ސަބަބާއި ގުޅިގެންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސުލްހަވެރިކަމާއި އެކު ޑިމޮކްރެޓިކް އަސާސްތަކާއި އެއްގޮތަށް އެކަން ކުރެއްވޭނެކަން ޔަގީންވެވަޑައިގަންނަވާކަމަށެވެ.  އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިން އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައްވަމުންދަނީ ރާއްޖެއަށް އެހެން ގައުމެއްގެ އަސްކަރިއްޔާ ގެނައުމުގެ މަގުސަދުގއަި ނޫންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ގައުމުގެ އަމިއްލަ މަސްލަހަތާއި ޝައުގުތައް އިސްކުރުން މުހިންމުކަމަށެވެ. އަދި ރާއްޖެއިން ހުރިހާ ގައުމަކާއިއެކުވެސް މަސައްކަތްކުރުމަށް ބޭނުންވާކަމަށާއި އެދެނީ ބަދަހި އެކުވެރި ހަގީގަތާއި އެއްގޮތަށް ބަސްބުނުމުގެ ފުރުސަތު އޮތް ފިއްތުންތަކެއް ނެތް ގުޅުންތަކެއް ގާއިމުކުރުމަށްކަމަށްވެސް ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ވިދާޅުވީ، ރާއްޖެއަކީ މުހިންމު ސަހަރަހެއްދައި އޮންނަ ގައުމެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ ސަރަހައްދަކީ ކަނޑު ދަތުރުފަތުރަށް ހާއްސަ މަގުތަކެއްގެ ގޮތުގައި ބޭނުންކުރެވެމުންދާ ސަރަހައްދެއްކަމަށެވެ. އެހެންކަމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަނދަރުތައް ބިނާކުރުމަށާއި އެހެނިހެން ވަސީލަތްތައް ބިނާކުރުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ދައުވަތު އަރުއްވާކަމަށާއި ޓެކްސް ފްރީ ޒޯނެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރުމަށްވެސް އެމަނިކުފާމު ދައުވަތު އެރުއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެއަރޕޯޓުގެ ތަރަހައްގީގެ މަސައްކަތްތަކުން ރާއްޖޭގެ އިގްތިސާދަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބިލިއަނެއްހާ ޑޮލަރު ހަމަކުރުމަށް ފައިސާ ހޯދޭނެކަމަށް ބެލެވޭކަމަށާއި އެ މަޝްރޫޢުއަކީ ރާއްޖެއަށް ބޭރުގެ އިންވެސްޓުމެންޓުތައް ލިބުމަށް ހުޅުވިގެންދާ މަގެއްކަމަށް ދެކިވަޑައިގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

ޑރ މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބަލާއިރު، ދަރަނީގެ މައްސަލައަކީ ހައްލުކުރަންޖެހިފައިވާ މައްސަލައެއްކަމަށެވެ. އަދި މިވަގުތު އިންވެސްޓަރުންގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރު ކުޑަކަމަށްވެސް ވިދާޅުވިއެވެ. އެމަނިކުފާނުވަނީ ރާއްޖޭގެ ބަނދަރުތައް ބޮޑުކުރުމާއި އެތަންތަނުގައި ދެމުންދާ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައް ކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާކަން ހިއްސާ ކުރައްވާފައެވެ. އެހެންނަމަވެސް އެ މަސައްކަތްތައް ކުރެއްވުމަށް އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ ދަރަނިވެރިނުވާ ގޮތެއްގެމަތިންކަމަށްވުމުން އެފަދަ މަގެއް ހޯއްދެވުމުގެ މަސައްކަތްތައް ކުރައްވަމުންދާކަން ހާމަކުރެއްވިއެވެ.

އިންތިހާބީ ރައީސްވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ \ސަބަބުން ރާއްޖޭގެ ރަށްތަކަށް ލިބެމުންދާ ގެއްލުންތަކުން ދިފާއުވުމަށާއި ދުނިޔެ ހޫނުވަމުންދާ ދިއުމުގެ ސަބަބުން މަރުވަމުންދާ މުރަކަތަކާއި ރާއްޖޭގެ ބީޗުތައްވެސް ރައްކައުތެރިކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުގެ ފަރާތުން 500 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކޮންމެ މުރަކައަކީވެސް އަގުހުރި އެއްޗެއްކަމަށާއި، ތަޣައްޔަރުވެގެންދާ ކޮންމެ ފެނުގެ އާރަކީވެސް އަގުހުރި އެއްޗެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދުނިޔެ ހޫނުވަމުންދާ ދިއުމުގެ ސަބަބުން މަރުވެގެންދާ ކޮންމެ މަހަކަށް ރާއްޖެއަށް ބަދަލު ލިބެންޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: