ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އަންނަ ހުކުރު ދުވަހު އައު ރިޔާސީ ދައުރެއް ފެށުމަށް ހަމަޖެހިފައިވާއިރު، ޑރ މުހައްމަދު މުއިއްޒު ރޭ ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފްތިތާހު ކުރައްވާފައެވެ. މި ރަސްމިއްޔާތު އޮތީ ރޭ ދަރުބާރު ގޭގައެވެ. ”ހަފްތާ 14“ ގެ ނަމުގައި 100 ދުވަހުގެ ޕްލޭނެއް އިފްތިތާހް ކުރެއްވިއިރު، މަސައްކަތްތައް ބަހާލާފައިވަނީ އަށް ދާއިރާއަކަށެވެ. މީގެ ތެރޭގައި ތައުލީމާއި ތަމްރީނުގެ ދާއިރާ ހިމެނެއެވެ.
އެގޮތުން އެ ދާއިރާގެ ދަށުން ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމުގެ ގައުމީ މަންހަޖުގައި ހިމަނާނެކަމަށްވެއެވެ. އަދި އެކަކު އަނެކަކަށް އިހްތިރާމުކުރުގެ އާދަ އަލުން އަށަގެންނެވުމަށްޓަކައި ތައުލީމުގެ ގައުމީ މަންހަޖަށް އިސްލާހު ގެނައުމުގެ މަސައްކަތް ފެށުންވެސް ހިމެނެއެވެ.
މީގެ އިތުރުން އެތައް ދުވަހެއްވީއިރުވެސް ހައްލު ނުލިބިފައިވާ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ފެށުންމަކީވެސް ޑރ މުއިއްޒު ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.
މީގެ އިތުރުން ތައުލީމާއި ތަމްރީނަށް 100 ދުވަހުގެ ތެރޭގައި ކޮށްދެއްވާނެ ކަންތައްތަކުގެ ތެރޭގައި ކަނޑައަޅާ ރަށްރަށުގައި ދަނާލު ބިނާކުރުމުގެ މަޝްރޫއެއްގެ ތާވަލު އެކުލަވާލައި އިއުލާނުކޮށް ތަންފީޒުކުރަން ފެށުމާއި، އެމްކިއުއޭ ގަބޫލުކުރާ ފެންވަރަށް ކުރެހުމާއި ފަންނުވެރިކަން ދަސްކޮށްދޭ ޕްރޮގްރާމެއް އެކުލަވާލުން ހިމެނޭއިރު، ޕެޝަން ޑިޒައިންގެ ދާއިރާއަށް ހާއްސަ ތަމްރީނުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުގެ ޕްރޮގްރާމެއް ފެށުންވެސް ހިމެނެއެވެ. އަދި ގައުމީ ފެންވަރުގައި ރީސާޗް ގްރާންޓް ފަންޑެއް ގާއިމްކުރުންވެސް ހިމަނާފައިވަނީ ފުރަތަމަ 100 ދުވަހުގެ ވައުދެއްގެ ގޮތުގައިވެއެވެ،
ރަށްރަށުގެ ތައުލީމީ ބިނާރު ތަރައްގީ ކުރުމަށްޓަކައި ސްކޫލްތަކުގެ ޖާގަ އިތުރުކުރުމާއި މަލްޓިޕާޕަސް ހީމް ފަދަ ވަސީލަތްތައް ގާއިމްކުރުމުގެ މަޝްރޫއެއްގެ ތާވަލު އެކުލަވާއި އިއުލާނުކޮށް ތަންފީޒު ކުރުންވެސް ހިމަނާފައިވަނީ ޑރ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއްގެ ގޮތުގައިއެވެ.

