އިގްތިސާދީ ހާލަތުން އަރައިގަތުމަށް އަވަސް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސްކަމުގެ ހުވާކުރައްވާ ތަގުރީރުދެއްވައި ޑރ މުއިއްޒު ވިދާޅުވީ، މިއަދަކީ ޒަމާންތަކަކަށްފަހު، ދިވެހިންގެ ރާއްޖެއަށް ދިއުމަށް ދަތުރުފަށައި ރިޔާ ކޮށާލި ދުވަސްކަމަށެވެ. އަދި މިވަގުތަކީ ދިވެހިންގެ އުންމީދުތައް ހާސިލުކޮށްދީ ކަންބޮޑުވުންތައް ހައްލުކުރުމުގެ ވިންދު ޖަހަމުންދާ ދުވަހެއްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ޖުމްހޫރީ މައިދާނަކީ ދިވެހިރާއްޖެއާއި އިސްލާމްދީނުގެ ނަމުގައި ޝަހީދުވެގެންދިޔަ އެތައް ބަތަލުންނާއި ގުޅިފައިވާ ޝަރަފުވެރި މައިދާނެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި ލިބިފައިވާ ގަދަރާއި އާރާއި ބާރު ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބިނާކުރުމެއް ބިނާކުރާކަމަށެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ، އެއީ އުމްރާނީ އަދި އިންސާނީ ބިނާކުރުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ ގެދޮރާއި ބަނދަރު ފަދަ ތަންތަން ބިނާކުރުމާއި ހެޔޮ ވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ އަހުލާގީ ރައްޔިތުން ބިނާކުރުންކަމަށެވެ. އެހެންކަމުން އެއީ ގައުމުގެ ފަސްގަނޑާއި ސިކުނޑިތައް ބިނާކުރުންކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ފެށޭ ރިޔާސީ ދައުރުގެ ސިޔާސަތަކަށްވާނީ އެ ދެ ބާވަތުގެ ސިޔާސަތުތައް ވަޒަން ހަމަކޮށް ކުރިއަށް ގެންދިއުންކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އިލްމާއި ހުނަރާއި އަހުލާގާއި ދީނަށް ލޯބި ޖެއްސުމުގެ އިތުރުން އުޅުންތެރިކަން ދިވެހި ދަރިންގެ ކިބައިގައި އަށަގެންނެވުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެއާއިއެކު ރާއްޖޭގައި ވަސީލަތްތައް ބިނާކުރުމުގައި އިންގިލާބީ ކުރިއެރުމެއް ހޯދުމަކީވެސް ސަރުކާރުގެ އަމާޒެއްކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ މަސައްކަތްތައް ބައްޓަންވާނީ އެ ދެ އަސާސްގެ މައްޗަށްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެ ދެ ކަމުގެ އިތުރުން ކަށަވަރުކުރަން ބޭނުންވަނީ ރާއްޖޭގެ މިނިވަންކަން ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ، އަދުލު އިންސާފުގެ ނިޒާމަށް ސަރުކާރު ނުފޫޒެއް ވަންނާނެ ފަދަ ކުޑަ ޖާގައެއްވެސް ނުދިނުމަކީވެސް ސަރުކާރުން ކުރާނެ މަސައްކަތެއްކަމަށާއި އެހެންނަމަވެސް އޭގެ މާނައަކީ ދިވެހިންނަށާއި ދައުލަތަށް ހިޔާނާތްތެރިވާ މީހުންނަށް ސަރުކާރުން ލޯ މަރާލުން ނޫންކަމަށް ފާހަގަކުރެއްވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެކަމުގެ މާނައަކީ މި ހިނދުން ފެށިގެން ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް އައުންކަމަށެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ އުންމީދުތަކާއި އެމަނިކުފާނު ސަރުކާރުގެ ވާޖިބުތައް އަދާކުރުމާއި ދެމެދުގައި ވަޅުގަނޑެއް ވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ ފުން އަނދަވަޅުކަމަށެވެ. އަދި ދައުލަތާއި ހަވާލުވާއިރު، ދައުލަތުގެ ދަރަނި 119 ބިލިއަނަށް އަރާފައިކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ ދިވެހިރާއްޖޭގެ މާލީ ހަޔާތް ދުށް އެންމެ ބޮޑު ދަރަނިކަމަށެވެ. އެހެންނަމަވެސް އެކަން ކަމުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އަޅާނެކަމަށް ވިދާޅުވިއެވެ.

