ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށް ޑރ މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުވެގެން ދިޔައީ ގިނަ ބައެއްގެ ތައުރީފު ލިބުނު، ކަމުދިޔަ ތަގުރީރަކަށެވެ. ގައުމުގައި ހުރި ގިނަ މައްސަލަތަކެއް ހައްލު، އަދި އެމަނިކުފާނުގެ ވެރިކަމުގެ އަމާޒު ސާފުވެގެން ދިޔަ ތަގުރީރެއްގެ ގޮތުގައި މި ތަގުރީރު ފާހަގަކުރެވުނެވެ.
އެގޮތުން ގައުމެއްގެ ތަރައްގީއަށް ކުރިއަރުވަން ބޭނުންވާ ހުރިހާ ދާއިރާއެއް ފާހަގަކުރެއްވި މި ތަގުރީތުގައި އަންހެނުންނާއި، ދިވެހި ޒުވާނުންނަށް އަމާޒުކޮށް ދެއްކެވި ވާހަކައިގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ އެއީ ޤައުމު ހިންގުމުގެ އިންޖީނުކަމަށާއި، ޤައުމު ދެމިއޮތުމުގެ ހަކަތަކަމަށެވެ. އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާ ރައީސް ޑރ މުއިއްޒު ވިދާޅުވީ ޒުވާނުންނާއި ކަނބަލުންނަށް، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދޭކަމަށެވެ.
ސިޔާސީގޮތުން ބާރުވެރި ކުރުވާނެކަމަށާއި، ޒުވާނުންގެ ހުނަރުވެރި އާ އީޖާދުތަކާއި އުފެއްދުންތަކުން ވިޔަފާރިކުރުމަށް، ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް ދުނިޔެއާ ގުޅުވައިލާނެކަމުގެ ޔަގީންކަން ރައީސް ޑރ މުއިއްޒު ވަނީ ދެއްވާފައެވެ.
އިރާދަކުރެއްވިއްޔާ، ދިވެހި ޒުވާނުންނަކީ، ކްރިއޭޓަރ އިކޮނޮމީގެ މަހުޖަނުން ކަމުގައި ހަދައިދޭނަން.
ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ދިވެހި ޒުވާނުންނަކީ ކްރިއޭޓަރ އިކޮނޮމީގެ މަހުޖަނުންކަމުގައި ހަދައިދޭނެކަމަށް ރައީސް ޑރ މުއިއްޒު ވިދާޅުވީއިރު، ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި ބާރާއި، ޤަދަރާއި އިޙްތިރާމު ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބާވަތެއްގެ ބިނާކުރުމެއް ބިނާކުރޭކަމަށް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އެގޮތުން އެއީ، ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުންކަމަށް ވިދާޅުވިއެވެ. ނުވަތަ ގެދޮރާއި، ދިފާޢީ ބުރުޒުތަކާއި، މަގުތަކާއި، ފާލަންތަކާއި، އޮފީސްތައް ބިނާކުރުމާއި، ހެޔޮވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ، އަޚްލާޤު ރަނގަޅު މުޖުތަމަޢެއް ބިނާކުރުންކަމަށް ވިދާޅުވިއެވެ. އެހެންކަމުން، އެއީ ޤައުމުގެ ފަސްގަނޑު ބިނާކުރުމާއި، ޤައުމުގެ ސިކުނޑިތައް ބިނާކުރުންކަމަށް ވިދާޅުވިއެވެ.
އަޅުގަނޑު އެކުލަވައިލާ ސަރުކާރު ކުރިއަށްދާނީ، އިރާދަކުރެއްވިއްޔާ މި ދެ އަސާސުގެ މަތީގައި.
ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީއިރު، އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތްތައް ބައްޓަން ކުރައްވާނީ މި މަގްސަދުތައް ހާސިލްވާނެ ގޮތަށްކަމަށެވެ. ރާއްޖޭގެ ބިނާވެށްޓަށް އާދަޔާ ޚިލާފު އިންޤިލާބީ މުއްސަނދިކަމެއް ގެންނަވާނެކަމަށް ވިދާޅުވިއެވެ. ޢިލްމާއި ހުނަރާއި، އަޚްލާޤާއި ދީން، އަދި އުޅުންތެރިކަމާއި މަސައްކަތްތެރިކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުމަކީ މުހިންމު އަމާޒެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

