ރާއްޖެ ބިނާކުރާނެ ގޮތް ނިންމާނީ ދިވެހިންކަމަށާއި އެންމެ އިސް ދައުރެއް އަދާކުރެވޭނެ ބަޔަކީ އެ ދާއިރާއެއްގެ ހޭލުންތެރިކަން ލިބިފައިވާ ފަރާތްތައްކަމަށްވުމުން އިލްމީ ކޮންމެ ގަހަކީ މޭވާ ގަންނަ ވަރި ހެޔޮ ގަހަކަށް ވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުވާކުރެއްވުމަށްފަހު ދެއްވި ތަގުރީރުގައި ޑރ މުއިއްޒުވަނީ ދިވެހިރާއްޖެއަށް އިލްމީ މީހުންގެ ބޭނުންޖެހިފައިވާކަމަށް އަލިއަޅުއްވާފައެވެ. އިލްމުވެރިންނާއި ރާއްޖޭގެ އިލްމީ މުއައްސަސާތަކުގެ ފަރާތުން އެދިވަޑައިގަންނަވާ މުހިންމު ކަމެއް އޮތްކަމަށް ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، އެކަމަކީ ސަރުކާރުން ހިންގުމަށްޓަކައި ވަރަށް ބޭނުންވެވަޑައިގަންނަވާކަމެއްކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، އިލްމުވެރިން ހައްދަވާ ދިރާސާތައް ގިނަކުރައްވައި އާންމުކުރެއްވުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުމެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދިރާސާތައް ކުރުމަށް ބޭނުންވާ މަގުފަހިކޮށްދެއްވާނެކަމަށާއި ގައުމީ ތަރައްގީއާއި ބެހޭ ސިޔާސަތުތައް އެކުލަވާލުމުގެ ބިންގަލާއި އަސްލަކީ ދިވެހި އިލްމުވެރިންގެ ދިރާސާތައް ކަމަށް ހައްދަވަން ބޭނުންވެވަޑައިގަންނަވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ގައުމު ބިނާކުރުމުގައި ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިންކަމަށް ގަބޫލުކުރައްވާކަމަށާއި އެކަމުގައި އެންމެ އިސް ދައުރެއް އަދާކުރެވޭނެ ބަޔަކީ ކޮންމެ ދާއިރާއަކުން ނަމަވެސް ކަމުގެ ހޭލުންތެރިކަން ލިބިފައިވާ ފަރާތްތައްކަމަށެވެ. އެހެންކަމުން ކޮންމެ އިލްމީ ގަހަކީ މޭވާ ގަންނަ ވަރި ހެޔޮ ގަހަކަށްވުމަށް އެމެނިކުފާނުވަނީ އެދިވަޑައިގަންނަވާކަމަށެެވެ.

