ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ގައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބެހެއްޓުމާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޒައާމަތާ ހަވާލުވެވަޑައިގެން ގައުމާ މުހާތަބު ކުރައްވައި ދެއްވި ތަޤުރީރުގައިވެސް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި އިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާންގެ ގޮތުގައި އެމަނިކުފާނު ދިވެހި ޤައުމީ ދިދަ ސިފަކުރައްވާފައިވެއެވެ.
އެމަނިކުފާނު ދެއްވި ތަގުރީރުގައި ގައުމީ ދިދައިގެ މުހިންމުކަން ފާހަގަ ކުރައްވާ ވިދާޅުވީ ގައުމީ ދިދައިން ދައްކުވައިދެނީ ގައުމު ދިފާއުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު ކަމަށެވެ. އަދި ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަނާއި އުންމީދާއި ދިރުމާއި އަދި ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަންވެސް ދިދައިން ދައްކުވައިދޭ ކަމަށް ފާހަގަކުރެއްވިއެވެ.
މީގެއުތުރުން ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި އަދި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ގައުމީ ދިދަ ހުންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

