ސަރުކާރެއް ހިންގޭނީ ރައްޔިތުންގެ ބައިވެރިވުމާއި އެކު ބާރުވެރި ކުރުވައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނު ގަޑިބުރު ޒަމާނީކޮށް އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރަސްމީކޮށް ސަރުކާރު ވުޒާރާތަކުގެ މަސައްކަތް މާދަމާ ފެށިގެންދާނެކަމަށެވެ. އަދި ރައްޔިތުންނަށް ވި ވައުދާއި އެއްގޮތަށް ބާރު ސްޕީޑުގައި މަސައްކަތް ފެށޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކެބިނެޓުގެ ހުރިހާ ވަޒީރުން ވެސް ބައިވެެރިވި މި ޖަލްސާގައި ރައީސް ވިދާޅުވީ މިނިސްޓަރުން ތިއްބެވީ ރައްޔިތުންނަށް ހިދުމަތް ކުރަން ތައްޔާރަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ އަބަދުވެސް އެގޮތުގައި ކުރިޔަށް ދިއުން ކަމަށެވެ.
ސަރުކާރެއް ހިންގޭނީ ރައްޔިތުންގެ ބައިވެރިވުމާއި އެކުކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އޭގެ އެންމެ މުހިންމު އަސާސަކީ ކައުންސިލްތައްބާރުވެރިވުން ކަމަށެވެ.
ލޯކަލް ކަައުންސިލްގެ ތަޖުރިބާ ހިއްސާކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ގޮންޖެހުންތައް ގިރާކޮށް ކާމިޔާބު ހޯދޭނެކަމަށެވެ. އަދި ކައުންސިލްތަކަށް ވަކިހާއްސަ މިނިސްޓްރީއެއް އުފެއްދީ އެ ސަބަބާއި ހުރެކަމަށް ވިދާޅުވި އެވެ.
މިރޭ ހުޅުވައިދެއްވި ގަޑިބުރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ގަޑިބުރު އަލުން ތަރައްގީ ކުރުމުގެ މަސައްކަތަކީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރކަމުގައި ހުންނެވިއިރު ފާސްކުރެވުނު އިސްތިރާޖީ އެކްޝަން ޕްލޭންގެ ދަށުން ކުރެއްވި މަސައްކަތެއް ކަމަށެވެ. އަދި މިހާރުގެ ގަޑިބުރު ތަރައްގީކޮށްފައި ވަނީ ހުރިހާ އުމުރެއްގެ މީހުނަށް ވެސް މަގުބޫލު ވިސްނުންތަކެއް ގެނެވޭނެ ގޮތަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އާ ގަޑިބުރުގައި ހިމެނޭ ކަންކަން ފާހަގަކުރައްވަމުން، ރައީސް މުއިއްޒު ވިދާޅުވީ ގަޑިބުރު ތަރައްގީކޮށްފައި ވަނީ 5 ވަގުތު ބަންގިވެސް އަޑުއިވޭ ގޮތަށް ކަމުގައެވެ.
މީގެއިތުރުން މުހިންމު މެސެޖުތައްވެސް ގަޑީގައިވާ ޑިޖިޓަލް ސްކްރީނުން ދެއްކޭނެ ކަމަށާއި، އެކި ކަހަލަ އިސްތިހާރުތައްވެސް ގަޑިބުރުގައިވާ ސްކްރީނުން ދެއްކޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

