ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އީވާ އަބްދުﷲ ވަކިކުރުމަށް އެމްޑީޕީއިން ހުށައެޅި އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބަލައިގަނެ، އެ މައްސަލައިގެ ނޯޓިސް އީވާއަށާއި، މެންބަރުންނަށް ފޮނުވައިފިއެވެ.
މީގެ ކުރިންވެސް އެމްޑީޕީއިން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅިއެވެ. އެފަހަރު މައްސަލަ ކުރިއަށް ނުގެންދެވުނީ، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށައަޅާފައި އޮތުމުން، ދެބޭފުޅުންވެސް ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަތުމުން، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރިޔާސަތުގައި އިންނެވުމުން އިހުތިޖާޖުކޮށް މަޖިލީހުގެ ނިޒާމު ގެއްލުވާލުމާއި ގުޅިގެންނެވެ.
ކުރިން އީވާގެ އިތުބާރު ނެތްކަމުގެ މަޖިލީހަށް ހުށައެޅީ 50 މެމްބަރުންގެ ސޮޔާއިއެކުއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ލިބިވަޑައިގެން ނާކާމިޔާބީއަށްފަހު އެމްޑީޕީއިން ވަނީ މި މައްސަލަ އަނބުރާ ގެނެސްފައެވެ.
މިފަހަރުވެސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ 50 މެންބަރުންގެ ސޮޔާއިއެކުއެވެ. ދެވަނަ ފަހަރަށް މި މައްސަލަ އެމްޑީޕީއިން މަޖިލީހަށް ހުށައެޅި ސަބަބުތަކުގެ ތެރޭގައި، އާއިލީ އަދި ޒާތީ މަސްލަހަތު ކުރެއްވުމަށްމާއި، އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެން، ނައިބު ރައީސްކަމުގެ މަގާމު ހޯއްދެވި ނަމަވެސް މިހާރު އަމިއްލައަށް އެ ޕާޓީން ވަކިވެވަޑައިގެންވުންވެސް ހިމެނެއެވެ. އެގޮތުން މަޖިލީހަށް ވާދަކުރެއްވިއިރު އީވާ ސޮއިކުރެއްވި ”ކެންޑިޑޭޓުންގެ އިގުރާރު“ ގައި ޕާޓީގައި ދެމިހުންނަވާނެ ކަމަށް އިގުރާރުވެވަޑައިގެންފައިވެއެވެ. ނަމަވެސް މިހާރު އީވާ މި ގަރާރާއި ހިލާފުވުންވެސް ހިމެނެއެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިގެންފައިވާކަން މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިޔުޝާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު މެންބަރުންނަށާއި އީވާއަށް ސިޓީއަކުން ދަންނަވައިފައެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ލިބޭތާ ތިން ދުވަހުގެ ތެރޭގައި އެ މައްސަލައިގެ ނޯޓިސް މެންބަރުންނަށް މަޖިލީހުގެ އަމީން އާންމު ފޮނުވަން ޖެހޭނެއެވެ.

