ތިލަފުށީގައި 34 އަހަރުވީ ކުނި ފަރުބަދައިގައިވާ ކުނިތަށް ކޮނެފިނަމަ އެތަން ގޮވާނެ ކަމުގެ ބިރު އޮތްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ނޫސްވެރިންނާއި އެކު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާއި ބެހޭ ވަޒީރު ތިލަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ކުނި އަންދައިގެން ހަކަތަ އިތުރުކުރުމަށް ގާއިމްކުރާ ޕްލާންޓްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރާއި އަދި އިތުރަށް އެމަސައްކަތް އަވަސްކުރުމަށް ކުރެވޭނެ ކަންކަންވެސް ވަނީ ބައްލަވާފައެވެ.
ތިލަފުށީގައި ކުނި އަންދައިގެން ހަކަތަ އިތުރުކުރުމަށް ގާއިމްކުރާ ޕްލާންޓްގެ މަސައްކަތް ނިމުނު ނަމަވެސް މިހާރު ތިލަފުށީގައި 34 އަހަރު ވެފައިވާ ކުނިފަރުބަދައިގައިވާ ކުނި އެ ޕްލާންޓްގައި އަންދައިގެން ހަކަތަ އިތުރު ނުކުރެވޭނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާއި ބެހޭ ވުޒާރާއިން ވަނީ މައުލޫމާތުދީފައެވެ. އަދި އެ ކުނި ފަރުބަދަ ކޮންނަން މަސައްކަތް ކޮށްފިނަމަ ގޮވާފާނެ ކަމުގެ ބިރު އޮތްކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.
ކުނި ފަރުބަދައިގައިވާ ކުނިތަކުގައި ގޭހާއި އަދި ވިހަ މާއްދާތަށް ވަރަށް ބޮޑަށް އެކުލެވޭ ކަމަށް ފާހަގަކޮށް އެ ވުޒާރާއިން ބުނީ އެކުނި ނައްތާލުމަށްވެސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކަމުގެ މާހިރުން ގެނެސް ފަރުބަދައިގައިވާ ކުނީގެ ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި ކުނި ނައްތާލުމަށް ބޭރުގެ އެކި ގައުމުތަކުގައިވެސް ކަން ކުރާ އުސޫލުން ސައެންޓިފިކް ގޮތްތަށް ބަލައި އެގޮތަށް އަމަލުކޮށް އެ ކުނިފަރުބަދައިގައި ގަސް އިންދޭނެ މަގެއް ފަހި ކޮށްްދެއްވާނެ ކަމަށް އެވުޒާރާއިން މައުލޫމާތުދެއެދެ.
މީގެއުތުރުން ތިލަފުށީގައި މަޝްރޫއުތަށް ހިންގާއިރު ތިމާވެއްޓަށް ހާއްސަ ސަމާލުކަމެއް ދޭ ކަމަށާއި އަދި ވަށައިގެންވާ މޫދު ލޮނުގެ ސާމްޕަލްވެސް މިހާރު ޓެސްޓު ކޮށްފައިވާކަމަށް މައުލޫމާތު ދެއްވިއެވެ. އަދި ކުރިއަށް ރާވައިފައިވާ މަޝްރޫއުތަކުގައިވެސް ތިމާވެއްޓަށް ހާއްސަ ސަމާލުކަމެއް ދީގެން ކުނި ނައްތާލުމާއި މެނޭޖެ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

