2024 ވަނަ އަހަރުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ ރޯދަމަހުގެ ކުރިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުށައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަަސާތަކާއި ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން އިލެކްޝަންސްގެ ނައިބުރައީސް އިސްމާއިލު ހަބީބު ވިދާޅުވީ، މަޖިލީހުގެ ދައުރު ހަމަވުމުގެ 120 ދުވަސް ފަހުން ދިހަ ދުވަހުގެ ތެރޭގައި މަޖިލީހުގެ އިންތިހާބަށް އީސީއިން ފުރުސަތު ހުޅުވާލައި އީސީއިން އިއުލާނުކުރަންޖެހޭކަމަށް މަޖިލީހުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، 19 ވަނަ މަޖިލީހުގެ ދައުރު ހަމަވުމުގެ ތިރީސް ދުވަސް ކުރިން އިންތިހާބު ކުރިއަށް ގެންގޮސް އެކަމާއި ގުޅުން ހުރި ހުރިހާ ކަމެއް ކޮމިޝަނުން ނިންމަންޖެހޭކަމަށްވެސް ގާނޫނުގައިވާކަމަށާއި އެ ތާރީހަކީ 2024ގެ އޭޕްރިލް 28 ކަމަށް ފާހަގަކުރެއްވިއެވެ.
ހަބީބް ވިދާޅުވީ 19 ވަނަ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން މަޖިލިސް އިންތިހާބު ބާއްވައި އިންތިހާބާ ގުޅޭ ހުރިހާ ކަމެއް އީސީއިން ނިންމަންޖެހޭނެ ކަމަށް ގާނޫނުން ބުނާ ކަމަށެވެ. އަދި އެ ތާރީހަކީ އަންނަ އަހަރު އޭޕްރީލް މަހުގެ 28 ވަނަ ދުވަސްކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ގާނޫނުގައިވާގޮތުން އިންތިހާބަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލެވޭނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގައިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއަށްފަހު ކުރިމަތިލުމަށް 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ކެންޑިޑޭޓު ނަންބަރު ތަރުތީބުކުރުމުގެ ކަންކަން ކުރިއަށް ގެންގޮސް އިއުލާނުކުރެވޭނީ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުގައިކަމަށެވެ.
ހަބީބް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އެންމެ ފަހު ތާރީހަކީ އަންނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަސްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ރޯދަމަހުގެ 20 ވަނަ ދުވަސްކަމަށާއި އެހެންކަމުން ދެވަނަ ބުރެއް ބާއްވާނަމަ، އެ ބުރުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އޭޕްރިލް 20 ވަނަ ދުވަހުގައިކަމަށެވެ. އެހެންކަމުން އިންތިހާބު ރަސްމީ ނަތީޖާ އޭޕްރިލް 27 ވަނަ ދުވަހު ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

