ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް އިންތިހާބަށް 381 ފޯމު، އެންމެ 10 އިންސައްތަ އަންހެން ކެންޑިޑޭޓުން!

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އަންހެނުންގެ ނިސްބަތަކީ އެންމެ 10 އިންސައްތަކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މަޖިލީހުގައި އަންހެނުންގެ އަދަދު އިތުރު ކުރަންޖެހޭކަމަށާއި، އަދި އަންހެނުން އިންތިހާބުގައި ވާދަކުރުމަށް ވާހަކަ ދެކެވެ އެވެ. އަދި މަޖިލިސް އިންތިހާބާއި އެކު އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން، އެ ފުރުސަތު ފަހިކޮށްދޭނެކަމަށް ސަރުކާރުން ވެސް ބުންޏެވެ. އެކަމަކު ޕާޓީތަކުން ބޭއްވި ޕްރައިމެރީތަކުގައި ވާދަކޮށް، އެ ކެންޑިޑޭޓުން ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާ އެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޖުމްލަ 381 ހުށަހެޅުން ލިބުނުއިރު، މީގެތެރޭގައި އަންހެން ކެންޑިޑޭޓުންގެ އިންސައްތައަކީ 10 އިންސައްތަކަމަށް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވި އެވެ.

އެންމެ 10 އިންސައްތަ އަންހެން ކެންޑިޑޭޓުން މަޖިލިސް އިންތިހާބުގައި ވާދަކުރާއިރު ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް އަދި ރިޔާސީ ކެމްޕެއިނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުން އަންހެނުންގެ ނިސްބަތް މަޖިލީހުގައި އިތުރު ކުރުމަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވެފަ އެވެ. އަދި ޕްރައިމެރީގައި ވާދަކުރުމަށް ބާރުއަޅުއްވާނެކަމަށެވެ. އެމަނިކުފާނު ވަނީ އަންހެން ކެންޑިޑޭޓުންނަށް މާލީ ގޮތުން ދިމާވާ ދަތިތަކުގައި، އެ އެހީތެރިކަން ދެވެން އޮތް ބޭފުޅުން އެ ކެންޑިޑޭޓުންނާ އެކު މަސަައްކަތް ކުރަން ގޮވާލާފަ އެވެ.

އެކަމަކު ޕީޕީއެމް/ޕީއެންސީގެ ޕްރައިމެރީގައި 32 ކެންޑިޑޭޓެއް ވާދަކޮށް ކާމިޔާބު ލިބުނީ މާފަންނު މެދު ދާއިރާގެ ޓިކެޓް ކަށަވަރު ކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު އަސްމާ ރަޝީދަށެވެ. ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަކާ ނުލައި 13 ދާއިރާއެއްގެ ޓިކެޓް ދިންއިރު، އެއީ ނިލަންދޫ ދާއިރާއަށް ވާދަކުރެއްވުމަށް ރައީސް މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އެވެ.

އެމްޑީޕީގެ ޕްރައިމެރީގައި 07 އަންހެން ކެންޑިޑޭޓަކު ވާދަކޮށް ކާމިޔާބު ކުރެވުނީ ފުވައްމުލަކު ދެކުނު ދާއިރާއަށް ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ އަނބިކަބަލުން އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު ނަޒްރާ ނަސީމާއި، ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރުމަށް މިދިޔަ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަންގެ އިތުރުން، ހުޅުމާލެ މެދު ދާއިރާއަށް، މިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ސަފާތު އަހުމަދު ޒާހިރަށެވެ.

ޕްރައިމެރީއަކާއި ނުލައި ޕާޓީން ޓިކެޓު ދިން އަންހެން ކެންޑިޑޭޓުންނަކީ، ހިންނަވަރު ދާއިރާއަށް މިހާރު ވެސް ދާއިރާގެ މެމްބަރު ޖީހާން މަހުމޫދާއި، ދަނގެތި ދާއިރާއަށް ރުގިއްޔާ މުހައްމަދުގެ އިތުރުން މާފަންނު އުތުރު ދާއިރާއަށް ވާދަކުރުމަށް މިދިޔަ ސަރުކާރުގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސެއިނެވެ.

މީގެއިތުރުން ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަނީ ހުޅުމާލެ ދެކުނު ދާއިރާއަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަބަލުން އައިޝަތު ނަހުލާ އާއި ދާންދޫ ދާއިރާއަށް މިދިޔަ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު އެކަންޏެވެ.

މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ނައިބު ރައީސް އާމިނަތު ނާދިރާ ގަލޮޅު އުތުރަށް ވާދަކުރައްވާއިރު އަމިއްލަ ގޮތުން ހުޅުމާލެ ދެކުނު ދާއިރާއަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި، ހުރާ ދާއިރާއަށް ވާދަކުރުމަށް، މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވާދަކުރައްވަ އެވެ.

ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ އަދަދު ސާފުނުވީ ނަމަވެސް ފާހަގަކުރެވޭ ކެންޑިޑޭޓުންގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާއަށް އީވާ އަބްދުﷲ، ހުޅުމާޅެ އުތުރު ދާއިރާއަށް ހަމްދާ މުހައްމަދު، މައްޗަންގޮޅި މެދު ދާއިރައަށް އައިޝަތު އަލައިކާ އަދުނާން، ހުޅުމާޅެ މެދު ދާއިރާއަށް ފާތިމަތު ނިއުމާ ހިމެނެ އެވެ.

ހަބީބު ވިދާޅުވީ ކެންޑިޑެސީއާ މެދު ކޮމިޝަނުން ނިންމި ނިންމުންތައް، މިހާރު އީމެއިލްގެ ޒަރިއްޔާއިން އަންގާފައިވާނެ ކަމަށެވެ. އަދި ސައްހަ ނޫން، ނުވަތަ ޝަރުތު ހަމަނުވާތީ ބަލައިނުގަތުމަށް ނިންމި ކެންޑެސީ ފޯމުތަކަށް ވެސް އެކަން އަންގާނެކަމަށް ހަބީބު ވިދާޅުވި އެވެ. އެހެން ނަމަވެސް، ބަލައިނުގަތުމަށް ނިންމި ފޯމުތަކުގެ އެއްވެސް މައުލޫމާތެއް ހަބީބު ނުދެއްވަ އެވެ.

93 ދާއިރާއަކަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ތާރީހު އަދި ކަށަވަރެއް ނޫނެވެ. އެއީ މިހާރު އޮތް ގޮތުން ރޯދަ މަހު އިންތިހާބު ބާއްވަން ޖެހޭތީ، ގާނޫނަށް އިސްލާހު ގެނެސް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވާތީ އެވެ.

ހަ ރޯދައަށް ފަހު، 10 ދުވަސް ތެރޭގައި އިންތިހާބު ބާއްވަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހާއި އެކު އިލެކްޝަންސް ކޮމިޝަނަށް ތާރީހެއް ކަނޑައެޅޭނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއު ކުރުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: