އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މާލެ ސިޓީގެ މޭޔަރު ކަމަށް ގެނައުމަށް މީސް މީޑިއާގައި ކެމްޕެއިން ފަށައިފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެންމެ ހަރަކާތްތެރި، އަދި އެންމެ ގިނަ މަޝްރޫއުތަކެއް އެއް ފަހަރާ ކުރިއަށް ގެންދިއުމުގައި އެމްޓީސީސީގެ ވެރިއަކަށް ހުންނެވި އާޒިމް މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމާ ގުޅޭ ގޮތުން މިހާތަނަށް އައިއިރު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން ”ވަގުތު“ ނޫހުން ސުވާލު ކުރުމުން ވެސް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
އެކަމަކު، އެމްޑީޕީގެ ބައެއް ސަޕޯޓަރުންނާއި އާންމުން ގެންދަނީ މީސް މީޑިއާގައި އާޒިމަށް އޮތް ތާއީދު ހާމަކުރަމުންނެވެ. އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އެންމެ ގާބިލް ބޭފުޅަކީ އާޒިމް ކަމަށް ވެސް އެ މީހުން ދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ރައީސް ސޯލިހް ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާޒިމަކީ މާލޭ މޭޔަރު ކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށެވެ. އާޒިމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށާއި އާޒިމް އެ މަގާމަށް އިންތިހާބު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.
އާޒިމަށް އޮތް ތާއީދު ގިނަ ބަޔަކު ހާމަ ކުރަމުން އަންނަ އިރު، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އެމްޑީޕީ ޓިކެޓުގައި މޭޔަރު ކަމަށް ވާދަކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އާޒިމަށް ތާއީދުކޮށް އެމްޑީޕީ ބައެއް މެމްބަރުން ބުނަމުން ގެންދަނީ އާޒިމަކީ ކެރޭ ކުޅަދާނަ ހިންގުންތެރި މީހެއް ކަމަށާއި އޭނާ އަށް ފުރިހަމަ ތާއީދު އެބައޮތް ކަމަށެވެ. އާޒިމް މީގެ ކުރިން ވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަންވެސް ކުރައްވައިފައެވެ.
މާލެސިޓީގެ މޭޔަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމުންނެވެ.
މާލޭ ސިޓިގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މޭޔަރު ކަމުގެ އިތުރުން އެ ކައުންސިލުން ހުސްވި ތިން ގޮނޑިއަކަށް ވެސް މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ.

