ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭރު ވެސް މިއަދު ވެސް ބޭނުން ވަނީ ކޮންޓްރޯލާއި، ގޮށްމުށުގެ ބާރު!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނދާނަށް އަންނަނީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ރޭވިފައި އޮތް ގޮތާއި މެދު ހިތްހަމަޖެހިވަޑައިނުގެން މީގެ ހަތް އަހަރު ކުރީން ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކައެކެވެ. ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރި ޖަލްސާއެއްގައި ވަރަށް ރުންކުރުމަކާއި އެކު އެމަނިކުފާނު ވިދާޅުވީ ގައުމު ހިންގުން ހުއްޓި މަރުތަޅު އެޅޭ ހިސާބަށް ދުސްތޫރީ ނިޒާމު ގޮސްފައިވާ ކަމަށެވެ.

އެދުވަހު އެމަނިކުފާނުގެ ވާހަކައިން ދޭހަވީ މިނިވަން މުވައްސަސާތައް ގުރުބާންކޮށް، ކުރިޔަށްގޮސްގެން ނޫން ގޮަތަކަށް މަގާމު ދިފާއު ކުރެވެން ނެތް ކަމަށެވެ. އެދުވަހު އެމަނިކުފާނު ކާމިޔާބީ ހޯއްދެވުމަށް ކުރެއްވި ކަމަކީ، ކޮންމެ ބައެއް ސައިޒުކޮށްގެން ވިޔަސް ބޭނުންވާ ކަމެއް ހާސިލު ކުރުން ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. އޭރު ވެރިކަމުގައި ދަންތުރައަކަށް ފަހު، ދަންތުރައެއް ޖެހުމުން ވެސް ގަދަފަދަކަމާއި އެކު އެބައެއްގެ ކަރުގައި އެޅުވީ ޖަލުގެ ތޭރިތަކެވެ. ކޮންމެވެސް ތުހުމަތަކާއި ބަންދެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަދަފަދަ ބާރު ބީވެގެން ދާން ފެށުމާއި އެކު ރައީސް ޔާމީނަށް ގަބޫލު ކުރެވުނު ހައްލަކީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނުކޮޅެއް ނަގާލުމެވެ. ފެހި ގާނޫނު އަސާސީން ދެއްކި އެ ވިދާޅުވި ދުސްތޫރީ ނިޒާމު އެއްފަރާތް ކުރުމަށް ފަހު ރައީސް ޔާމީން އަތުރާލެއްވީ އަމިއްލަ ކުޅިބައެކެވެ. މުޅި ނިޒާމު ވާނުވާއެއްގެ ތެރެއަށް ވައްޓާލައި އެބަޔަކަށް ތަރުޖަމާ ކުރެވުނު ގޮތަކަށް، ދެކެވުނުހާ ބާރަކަށް ވާހަކަ ދައްކަމުން ދިޔަ އެވެ.

ވާހަކަ މާ ދިގު ނުކޮށް، ބުނަން މިއުޅޭ ވާހަކައަށް ޖެހިލާނަމެވެ. ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމެއް ނިމިގެން ދިޔައީ ގައުމު ތަރައްގީން ޖަރީކޮށްދިނުމަށް ފަހު ނަމަވެސް އޭގެ ފަހަތުގައި ލައްކަ ގިނަ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިންނެވެ. ހުރިހާކަމެއްގެ ފެށުމާއި ނިމުމާއި ހަމައަށް ބަލާއިރު އެންމެ ފުރަތަމަ ދައްކަން ޖެހެނީ އޭރުގެ ވެރިކަން ކުރާ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭރު ކުރި ގޮތެވެ. ރައީސް ޔާމީނަށް އެ ޖެހުނު ދަތުރަކީ، ނުވަތަ އަމިއްލަފުޅަށް ހިންގަވަން ނިންމެވި އެ މަގަކީ އެމަނިކުފާނުގެ ސަބަބުން ރައީސް މައުމޫނަށް ޖެހުނު ދަތުރުކަމަށް ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

ކޮންމެއަކަސް މިއަދެކޭ އެއްގޮތަށް، މީގެ 10 އަހަރު ކުރިން ރައީސް ޔާމީން 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެ ރައީސް މައުމޫންއާއި ރައީސް ޔާމީންއާއި ދެމެދު ކުނިތައް ޖެހެން ފެށުނެވެ. ދެ ރައީސުންގެ ގުޅުން ގޯސްވީ، ރައީސް ޔާމީން ރައީސް މައުމޫން ބޭނުންފުޅުވާ ގޮތަށް މަސައްކަތް ނުކުރައްވާތީ އެވެ. ޕާޓީގެ ހިންގުން ބޭނުންފުޅު ގޮތަކަށް އަނބުރާލައްވައި، ކުރަމުން ދިޔަ މަސައްކަތުގެ ހުޅުގަނޑު ފަޅައިގެން ދިޔައީ 2016 ގަ އެވެ. އެއީ ޕާޓީގެ ކޮންޓްރޯލް މުށުތެރެއަށް ނެގުމަށް ދެ ފެކްޝަނުގައި ފެށުނު ކޯޅުމެކެވެ. ނަތީޖާއަކަށް ވީ ފާޅުގައި ނިކުމެ ދިޔަ ބާރު މިނުގައި ގޮސް، މައްސަލަ ކޯޓަށް ވައްދައި ބޭނުން ވި ގޮތަށް ހުކުމް ނެރެގެން އައިސް ބޮޑު ހާއިޖާނުގަނޑެއް އުފެއްދުމެވެ. އެއްރޭ ދަންވަރު ކުއްލި ގޮތަކަށް ޕީޕީއެމްގެ އޮފީހުގެ ތަޅު ހަލާކުކޮށްލައި، ބޭރު ފާރަށް ކަޅުތެޔޮ ޖަހައި އެކި ތަންތަނުގައި އަވަގުރާނަ ލިއުމަށް ފަހު ތަނުން އެއްޗެހި ނެރެގެން ގެންދިއުމެވެ.

މި ހުރިހާކަމަކާއި ދެކޮޅަށް މަގުތަކަށް ނިކުތް މީހުންނަށް ކިރިޔާ ވެސް ކުރިޔަށް ފަހަތަށް އެޅިޔަ ނުދޭން މުގުރިބުރިޔާއި، ޝިލްޑުތައް ހިފައިގެން ތިބީ ފުލުހުންނެވެ.

ޕީޕީއެމްގެ އޮފީހަށް ކަޅުތެޔު ޖެހުން!

ހެންވޭރު އާޓިފިޝަލް ބީޗު ކުރިމައްޗަށް ވާގޮތަށް، އެންމެ ފުރަތަމަ ޕީޕީއެމްގެ އޮފީސް ހިންގަމުން އައީ ހ. ތެމާގަ އެވެ. އެ އޮފީހުގެ ބޭރު ގޭޓުގައި ބޮޑު ތަޅު އެޅުވުމާއި، ކަޅުތެޔޮ ޖެހުމާއި ދިދަ ގެންދިއުމުގެ ކުޅިވަރު ފެށުނީ 2016، އޮކްޓޯބަރު މަހު އެވެ. ރައީސް މައުމޫންގެ ފެކްޝަނުން ބޭރު ދޮރުގައި ބޮޑު ތަޅެއް އަޅުވާފައި ވަނިކޮށް، ތަޅު ބުރުމާއަކުން ހަލާކުކޮށްލައިގެން އޮފީހަށް ވަދެ ތަން އެއްކޮށް ހުސް ކުރީ އެ މަސް ނިމެން ގާތްވެފައި ވަނިކޮށެވެ. ފުލުހުންގެ ހިމާޔަތުގައި އެ ހުރިހާ މަސައްކަތެއް ކުރިޔަށް ގެންދިޔައިރު، ފުލުހުން ތިބީ އެ ސަރަހައްދުގައި ފޯރިމެރުމުގަ އެވެ. ރައީސް މައުމޫނަށް ތާއީދު ކުރާ، އެމަނިކުފާނާއި އަރިސް އެއްވެސް ބޭފުޅަކަށް އޮފީހާއި ގާތްވުމަށް ފުރުސަތެއް ނުދިނެވެ. ފުލުހުން އެތަނުގައި ތިބީ ކީއްވެގެން ތޯ އާއި، ހިމާޔަތް ކުރަނީ ކާކުގެ މަސްލަހަތު ތޯ ސުވާލު ކުރުމުން ބުނީ ފުލުސް ހެޑްކުއާޓާސްއަށް ގޮސް މައުލޫމާތު ސާފު ކުރުމަށެވެ.

ރައީސް މައުމޫނަކީ ޕާޓީގެ އެންމެ އިސް ފަރާތަށް ވީނަމަވެސް، ޕާޓީގެ ހިންގުމުގެ ހުރިހާ ބާރެއް ސިވިލް ކޯޓުން އޮތީ ރައީސް ޔާމީނަށް ދީފަ އެވެ. ދަށު ކޯޓުގެ ނިންމުން ރައީސް މައުމޫންގެ ފަރާތުން އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައެއްނުގަތެވެ.

ރައީސް ޔާމިންގެ ފެކްޝަނުން ހ. ތެމާގައި ހުރި ޕީޕީއެމްގެ އޮފީސް ސާމާނުތައް ނެރެގެން ގެންދަނީ/ ފޮޓޯ: މިހާރު
ރައީސް ޔާމިންގެ ފެކްޝަނުން ހ. ތެމާގައި ހުރި ޕީޕީއެމްގެ އޮފީސް ސާމާނުތައް ނެރެގެން ގެންދަނީ/ ފޮޓޯ: މިހާރު

މިއީ ޕާޓީ އުފެއްދިތާ މާ ގިނަ ދުވަހެއް ނުވެ ވެރިކަމަށް އާދެވުނީތީ އެކަމުގެ އުފަލުގައި ތިއްބައި ދިމާވި ކަންތައްތަކެވެ. ޕާޓީގެ އަސާސީ ގަވައިދެއް އޮވެމެ، ހިންގާ ގަވައިދާއި ކޮމިޓީތަކަށް އަމަލު ނުކުރުމާއި ރައީސް މައުމޫން އެކަހެރިކޮށް ބާކީކޮށްލުމަކީ އެއީ އެ ޕާޓީގެ ނުބައި ސަގާފަތުގެ ފެށުމެވެ. އޭގެ ކުރިޔަށް ބޭއްވި ކޮންގްރެސްތަކާއި، މެމްބަރުންގެ ވާހަކަތަކަށް ރައީސް ޔާމީން ކޯފާ އިސް ކުރައްވައި ވާހަކަ ދެއްކެވި ވާހަކަތައް މީޑިއާތަކުގެ އެންމެ ފަލަ ސުރުހީގައި އޮތެވެ. އެދުވަސްވަރު މި ނޫން ވާހަކައެއް ވެސް ނެތީ އެވެ.

ރައީސް ޔާމީނަކީ ޕާޓީގެ މުސްތަޝާރަށް ވިޔަސް، އެއީ އޭރު ޕާޓީގެ އަސާސީ ގަވައިދު ދަންނަ މީހެއް ވެސް ނޫނެވެ. ހަމައެކަނި ތަފާތަކީ ޕާޓީގެ ބޭފުޅެއް ވެރިކަމުގައި ހުންނެވުމެވެ. މި ހުރިހާ މައްސަލަގަނޑެއްގެ ތެރޭގައި، ސާރުކާރުގެ ސާފު އަޣުލަބިއްޔަތު ގެއްލި ފަހަރަކު ޕާޓީގެ ޕާލިމަންޓު ގުރޫޕުގެ މެމްބަރަކު ވަކިވަމުން ދިޔަ އެވެ. އެ ސަބަބާއި ހުރެ އަނެއްކާ އިތުރު ކޯޅުންތަކެއް ފެށި، މެމްބަރުންގެ މެދުގައި ދެކެވިފައި ހުރި ވާހަކަތަކާއި ކުރެއްވި އެކި އެތައް ތުހުމަތުތަކެއް އާންމުވި އެވެ. އޭރު އޮތް މައްސަލަ ވަރަށް ވެސް ސާފެވެ. ރައީސް ޔާމީނަށް ކަމުނުދިޔައީ، ސަރުކާރު ހިންގަން ޖެހޭ ގޮތުގެ މަގު ޗާޓެއް ރައީސް މައުމޫން ދައްކަވާތީ އެވެ. އިރުޝާދުތައް ދީ، މަގާމުތަކަށް އައްޔަނު ކުރަންވީ ކޮންބައެއްކަމާއި އަދި ސަރުކާރު ހިންގަން ޖެހޭ ގޮތުގެ ލަފާ އެހެން ބަޔަކު ނުވަތަ މީހެއް ދޭން ޖެހޭކަމަށް ރައީސް ޔާމީން ގަބޫލެއް ނުކުރައްވަ އެވެ.

ހެންވޭރުގައި ހުރި ރައީސް މައުމޫންގެ އޮފީހަށް ގެއްލުންދީ، ތަކެތި ގެންދިޔަ ރޭގައި މައުމޫނަށް ނިސްބަތްކޮށް ހަޑިހުތުރު ބަސްތައް ބޭނުންކޮށްފައި ހުއްޓެވެ. އެކަމަކު އެކަމަށް ރައީސް ޔާމިންގެ ފެކްޝަނުން ބުނީ އެއީ ހަމްދަރުދީ ހޯދަން ރައީސް މައުމޫން ޖެއްސެވި ސްޓަންޓެއް ކަމަށެވެ.

ޕީޕީއެމްއަށް ނިސްބަތްވި ރައީސް ޔާމީނަށް ތާއިދު ކުރައްވާ މެމްބަރުން އެއްވެސް ލަދެއް ނެތި، ރައީސް މައުމޫން ޕާޓީން ބޭރު ކުރުމަށް ފަހު އެމަނިކުފާނު ނެތުމަކުން ލިބޭނެ އެއްވެސް ގެއްލުމެއް ނެތްކަމަށް ވިދާޅުވި އެވެ. އެކަމަކު މުޅިއަކު އެހެންނެއް ނޫނެވެ. އޭގެ ޖެހިގެން އައި އިންތިހާބުތައް ޕީޕީއެމަށް ގެއްލުނެވެ. މިއީ ގާތްގަނޑަކަށް 3 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ހިނގައިދިޔަ އެތައް ކަމެއްގެ ތެރެއިން މަދު ވާހަކައެކެވެ. ހުރިހާ ވާހަކައެއް ދައްކަން ވެއްޖެ ނަމަ، އަދިވެސް ކޮނެގެން ނެގޭނެ އެހެން ކަންތައްތައް ވެސް އެބައްހުއްޓެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން އެހެން ޕާޓީތަކަށް އައި ދަތިތަކާއި، ގޮންޖެހުން އަދި ކޮންމެ ހަމަލާއެއް އެއީ މި ކޯޅުމާއި ގުޅުމެއް ނެތް ވާހަކަތަކެއްކަމުން އެ ވާހަކަ އެހެން ދުވަހަކަށް ބާއްވާނަމަވެ. އެކަމަކު އޭގެ ފަހަތުން ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދައިރާގެ އޭރުގެ މެމްބަރު ފާރިސް މައުމޫނާއި އަރައި ހަމަކުރި ޝަހުސު އޮޅުވާލުމުގެ ދައުވާ މީގެ ތެރޭގައި ހިމެނޭނެ އެވެ. އޭގެ ފަހަތުން ކޮންމެވެސް އެއް ނަމެއްގައި ރައީސް މައުމޫން ގެންގޮސް ބަންދު ކުރުން ވެސް އެއީ ހަމަ މި މައްސަލައިގެ ތެރެއިން ނިއުޅިގެން އައި ތުހުމަތުތަކެކެވެ.

ދެން މިއޮތީ އަސްލު މައުޟޫއުއެވެ. ދުނިޔޭގެ ކަން ހިނގާ ގޮތަކީ، ވެސް އަޖައިބެއްފަދަ ކަމެކެވެ.

ފޯނު ކޯލާއި، ޖަވާބު ނުދިނުމާއި އެ ވާހަކަ ވެސް ބޭއްވުމަށް ފަހު އެއްރޭ ކުއްލި ގޮތަކަށް 10:00 ހާއިރު ތަނުގެ ނިއުސްރޫމް އެލާޓަށް ގެނަން ޖެހުނީ “ޔާމީންގެ ކޮމިޓީއަކުން” ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާތީ އެވެ. ހުރިހާ މީޑިއާތަކެއްގެ ލޯތައް އެ ޕްރެސްއަށް އަމާޒުވި އެވެ. ޕްރެސް ފައްޓަވަމުން މިހާރު ރައީސް ޔާމީން އާއި ވަރަށް އަރިސްކޮށް ކައިރީގައި ހުންނެވި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި އެހެން މެމްބަރުންކޮޅެކެވެ. އެންމެ ފުރަތަމަ ވެސް އިއުލާނު ކުރެއްވީ ޕީޕީއެމަކީ ވަރަށް ބޮޑު ޕާޓީއެއްކަމަށާއި، ޕީއެންސީ ފަދަ ޕާޓީއަކަށް ވެރިކަމުގެ މައި ޕާޓީއަކަށް ވި ސަބަބަކީ ވެސް އެއީ ކަމަށެވެ.

އަސާސީ ގަވައިދުން ތަން ނުދޭ މަގަކުން ޕްރެސްއެއް ބޭއްވި އިރު، އެކަމުގެ ހިލަމެއް ވެސް ލީޑާޝިޕަކަށް ނުލިބުނެވެ. އެރޭ ސަރުކާރުގެ އިސް ވަޒީރުން ނުވަތަ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ތިއްބެވީ ހޮޓެލް ޖެންގައި އޮތް ރަސްމީ ޖަލްސާއެއްގަ އެވެ.

ރައީސް ޔާމީން ވަރަށް ބޮޑަށް ހިތްޕުޅާ ނުވެގެން، ބޮޑު ކޮމިޓީއެއް ނެންގެވީ ވެސް އެމަނިކުފާނުގެ ބޮލުގައި ބޮޑު ވަގުގެ ޓެގާއި، ތިޖޫރީ ވަގުގެ ލަގަބު ދިން ބޭފުޅުންނާއި އެކު އެވެ. ސިޔާސީ ހައިޖާނާއި، ސިޔާސީ ކޯޅުމަށް ފަހު އެކި ބޭފުޅުން އެއް ގަލަކަށް އަރާތަން ފެނުނެވެ. އެކަމަކު މިވަރެއް އަދި ނުފެނެ އެވެ.

 ޕީޕީއެމް/ޕީއެންސީގެ އޮފީހުގައި ކުއްލި ގޮތަކަށް ރައީސް ޔާމީންގެ ކޮމިޓީއަކުން، ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ޔާމީނާއި މަޝްވަރާތައް ނުކުރައްވާކަމަށް މަލީހު ވިދާޅުވީ ސާފު ދިވެހި ބަހުންނެވެ. އަދި ދެބޭފުޅުންގެ ގުޅުން ގޯސްކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވައި ސަރުކާރުގެ އިހުލާސްތެރިކަމާއި މެދު ވެސް ސުވާލު އުފެއްދި އެވެ.

މި މައްސަލަ ގޯސްވެ، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ އެކި މީޑިއާތަކަށް އިންޓަވިއު ދެއްވައި ރައީސްގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ. އަދި އޭނާގެ އެންމެ ބޮޑެތި ތުހުމަތުތައް އަމާޒުވަކީ، އަބްދުއްރަހީމަށެވެ. ޖަމީލް ސިފަކުރެއްވި ގޮތުގައި، ޕާޓީގެ އެތެރޭގައި ބޮޑު ބަޣާވާތެއް ހިންގައި ރައީސް ޔާމީން އެކަހެރި ކުރުމަށް ކުރި މަސައްކަތް ކުރެއްވީ އަބްދުއްރަހީމެވެ. އަދި ޕާޓީގެ ލީޑާޝިޕް ރައީސް ޔާމީނަށް ހިޔާނާތްވެ، މަގާމުތައް ލިބުނު ދުވަހު އެމަނިކުފާނު އެކަހެރިކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް މުއިއްޒަށް އެމްޑީޕީގެ މެމްބަރުން އަމާޒު ކުރި ފާޑުކިއުންތަކަށް ވެސް، އެ ދުވަސްވަރު އެންމެ ފުރަތަމަ ރައްދު ދެއްވީ އަބްދުއްރަހީމެވެ. ތަފާތު ބޮޑެތި ތުހުމަތުތަކުގެ ތެރެއިން، އެންމެ އާންމު އެއް ވާހަކައަކީ ރައީސް ޔާމީން ގުޅުއްވުމުން ރައީސް މުއިއްޒާއި އަބްދުއްރަހީމް ފޯނު ނުނެންގެވުމެވެ. އެކަމަކު އަބްދުއްރަހީމް ވިދާޅުވީ އެއީ އިތުރުފުޅެއްކަމަށާއި، ރައީސް ޔާމީން ގުޅުއްވުމުން ފޯނަށް ޖަވާބު ނުދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ޖަމީލުގެ ތުހުމަތުތައް ދޮގު ކުރައްވައި “ސަންގު” އަށް ދެއްވި އެކްސްކްލޫސިވްއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒަށް ވެރިކަން ލިބުނު ތާރީހުގެ ޖެހިގެން އައި ދުވަހު ރައީސް ޔާމީން ގޭ ބަންދަށް ބަދަލު ކުރެވުނު ކަމަށެވެ. އަދި އޭގެ ފަހުން އެއްވެސް މެސެޖެއް، އަދި ކޯލެއް ވެސް އެމަނިކުފާނުގެ ފަރާތުން ނުލިބޭކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައީސް ޔާމީން ގުޅުއްވުމުން، ފޯނަށް ޖަވާބު ނުދެއްވައި ހުންނަވާނެ ބޭފުޅެއް ނޫން.. ރައީސް ޔާމީން ގުޅުއްވަން ބޭނުންފުޅު ވާނަމަ ގުޅުއްވޭނެ

ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރި ދުވަހުގެ ވީޑިއޯތަކަށް ރަނގަޅަށް ބަލާއިރު ކުރިން އަޅައިނުގަތް ބައެއް ކަންކަން ފާހަގަވެ އެވެ. އެގޮތުން އެމަނިކުފާނު ރައީސް މުއިއްޒާއި އަބްދުއްރަޙީމަށް މާބޮޑު ސަމާލުކަމެއް ނުދެއްވަ އެވެ. އެކަން އަބްދުއްރަހީމް ވެސް ކަށަވަރުކޮށްދެއްވި އެވެ. ރައީސް ޔާމީން ރަނގަޅަށް ވާހަކަ ވެސް ނުދައްކަވާކަމަށާއި، ކުރިން ބޭއްވި ގާތް ގުޅުން ނުފެނުނުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮންމެއަކަސް ރައީސް ޔާމީން ޖެއްސެވި ސަކަރާތެއް ޖައްސަވައި ޖެއްސެވި ހިސާބެއް ޖައްސަވައި އެންމެ ފަހުން ޕީޕީއެމްއިން ވެކިވެވަޑައިގަތެވެ. އައު ސިޔާސީ ޕާޓީއެއް “ޔާނު” ސްޕީޑްގައި ކަމަށް ބުނެ އުފެދުމުގެ މަސައްކަތް މިވަނީ ފަށާފައެވެ. ދެން އޮތީ “ޔާނު” ސްޕީޑުގައި މަސައްކަތްތައްދާ ގޮތް ބަލަން ތިބުމެވެ.

ދެބަސްވެވެވެން ނެތް ހަގީގަތަކީ ރައީސް ޔާމީނަކީ މީގެ ކުރިން ވެސް ބާރު ބޭނުންވެ، އެމަނިކުފާނަށް ވުރެ އެހެން މީހަކަށް ލިބުނު މަގުބޫލުކަމަށް ހިތްހަމަނުޖެހުން ގެންގުޅުއްވި ބޭފުޅެކެވެ. މިހާރު ވެސް އެ ފެންނަނީ އެ މަންޒަރެވެ. އެކަމަކު ކާޑުތައް ތަފާތެވެ.

ވަރަށް ގަދަ
43%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 3%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: