ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރުއީ ދާއިރާއަށް އޮތް އިތުބާރުދަނީ ފަނޑުވަމުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއްގައި ކުރެވޭ ޝަރުއީ މަސައްކަތްތަކަށް ރައްޔިތުންގެ ތެރޭގައި އިތުބާރު އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކޯޓުތަކުން ނިންމާ ނިންމުތަކުގެ އިތުރުން ކުރެވޭ ތަހުގީގުތަކާއި އެފަދަ އެހެނިހެން މަސައްކަތްތަކަށްވެސް ރައްޔިތުންގެ ތެރޭގައި އިތުބާރު އޮތުންވެސް މުހިންމެވެ. އެ ނޫނީ ގައުމު މިސްރާބު ހުންނާނީ ފަސާދައިގެ މަގަށެވެ.

އެހެންކަމުން މިއަދު ރާއްޖޭގައި ރައްޔިތުންގެ ވެރިކަންތަކެއް ކުރެވެމުންދާތާ ފަނަރަ ވަރަކަށް އަހަރުވެފައިވާއިރު އަދިވެސް އެ ދާއިރާގެ ތެރޭގައި ކުރެވެމުންދާ މަސައްކަތްތަކާއިމެދު ސުވާލު އުފެދެމުންދިއުމަކީ ކޮންބޮޑުވުމެކެވެ. ތިން ދައުރުގައިވެސް ޝަރުއީ ދާއިރާއަށް އެތައް ކުރިއެރުންތަކެއް ގެނެސް ހުރިހާ މައްސަލަތަކެއް ހައްލުކޮށްދޭނެކަމުގެ ވައުދުތައް ވެފައިވާނަމަވެސް އެ ލަނޑުދަނޑިތައް ހާސިލުކުރެވިފައިނުވެއެވެ.

މިއަދު ކުށްގިނަވެ މައްސަލަތައް ހުށެއެޅޭ މިންވަރުތައް ގިނަވެ ކޯޓުތައް ހިންގަމުންދާ އިމާރާތްތަކަށް ނުކަތައިގެން އެ ވާހަކަތައް ދާއިރާގެ މަސައްކަތްތެރިންގެ ފަރާތުން އިވެމުންދެއެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއާއިމެދު ވަކި ފަރާތަކަށް ޖެހުމެއް ނެތި ޝާއުއިކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓުން ޝާއިއުކުރާ ރިޕޯޓުތަކުގައި ހިއްސާކޮށްފައިވާ ވާހަކަތައް ފާހަގަކުރުން މުހިންމެވެ. އެ ޑިޕާޓުމެންޓުން ބުނާގޮތުން ޝަރުއީ ނިޒާމުގެ މިނިވަންކަންވަނީ ގާނޫނީ ގޮތުން ކަށަވަރުކުރެވިފައިއެވެ. އަދި ސަރުކާރުންވެސް އެ މިނިވަންކަމަށް އާންމު ހާލަތެއްގައި އިހުތިރާމްކުރާކަމަށްވާނަމަވެސް ބައެއް އެހެނިހެން ނުފޫޒުތައް ފަންޑިޔާރުންނަށާއި ޝަރީއަތްތަކަށް ކުރިމަތިވާކަމަށް ބުނެފައިވެއެވެ.

ކޮރަޕްޝަން ފަދަ އަމަލުތައް ހިންގާ ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅޭނެ ގޮތްތައް ގާނޫނުގެ ތެރޭގައި އިންތިޒާމުވެފައިވާކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ދިވެހި ސަރުކާރާއި ޝަރުއީ ނިޒާމުގެ ތެރޭގައިވެސް ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައާއި ދައުވާ ކުރުން އަދި އަދަބު ދިނުމުގައިވެސް އަމަލުކުރަމުންދަނީ ލަސްކޮށްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ބައެއް މީހުން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދަނީ އެކަމެއް ހިންގުމުގެ ސަބަބުން އެއްވެސް އަދަބެއް ލިބިގެން ނުދާނެކަމަށް ދެކިގެން ފަދަ ގޮތަކަށް ކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް ކުރެވެމުންދާ ތަހުގީގީ އަދި ތަންފީޒީ މަސައްކަތްތަކުގައި މައްސަލަތައް ހުރި މިންގަނޑު ފެނިގެންދަނީ ރާއްޖޭގެ އެންމެ ބޮޑު ދެ މަރުގެ މައްސަލައިގައި އެއްވެސް ކުރިއެރުމެއް ނުލިބި އޮތުމަށްފަހު ތުހުމަތުކުރެވޭ ދެ މީހެއްގެ މައްޗަށް ދައުވާތައް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ހެކި ނެތްކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވާލުމުންނެވެ. އެކަށީގެންވާ މިންވަރަށް ހެއްކެއް ނެތީސް އާންމު ދިރިއުޅުންތަކެއް އުޅެމުންދިޔަ ބަޔަކު މީހުންގެ މުޅި ދިރިއުޅުމަށް ބުރޫ އަރުވާލައި ޖަލުގައި ދުވަސްތަކެއް ތަހައްމަލުކުރަންޖެހުމަކީވެސް ނާއިންސާފުން ހިންގި އަމަލެކަމަކެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް މި މައްސަލައާއި ގުޅޭގޮތުން މީގެ ކުރިން ވާހަކަދައްކަވާފައިވެއެވެ. އެގޮތުން ކޯޓުގައި މައްސަލައެއްގެ ޝަރީއަތް ތިން އަހަރަށް ވުރެ ދިގުލައިގެން ދިއުމުގެ ސަބަބުން ކުށް ސާބިތު ކުރުމުގައި ދަތިތައް ދިމާވާކަމަށާއި ދިގުލައިގެން ދިއުމުގެ ސަބަބުން ކޯޓުގައި ހެކިބަސް ދޭ މީހާ ސީދާ އެ ހާދިސާ ހިނގައިދިޔަ ގޮތް ހަނދާނުގައި ނެތުންފަދަ ގޮންޖެހުންތައްވެސް ކުރިމަތިވެގެންދާކަމަށް ވިދާޅުވިއެވެ.

ދާދި ފަހުން ސުޕްރީމް ކޯޓުން ގާނޫނުލްއުގޫބާތުގެ މާއްދާއެއް ބާތިލުކުރުމަށް ނިންމި ނިންމުމުންވެސް ދިވެހިރާއްޖޭގެ ޝަރުއީ މަސައްކަތްތައް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ މިންވަރަކަށް އަހައްމިއްޔަތުކަން ދީގެން ކުރެވިފައިނުވާކަން ސާފުވެއެވެ. ސުޕްރީމް ކޯޓުން ބާތިލުކުރުމަށް ނިންމީ ގިސާސް ހިފުމަށް ހުރަސް އެޅޭ ގޮތަށް ފަރުމާކުރެވިފައި އޮތް ގާނޫނުލްއުގޫބާތުގެ މާއްދާއެކެވެ.

ރާއްޖޭގައި ހިނގި އެންމެ ބޮޑު ހިޔާނާތުގައި މައްސަލައިގައި ދައުވާކުރެވި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ މައްޗަށް އެއަށްވުރެވެސް ހުކުމެއް އައުމުގެ ފުރުސަތު އޮތްކަމަށް ކަމާއި ބެހޭ ފަރާތްތަކުން ބުނަމުންދިޔައިރު، ސަރުކާރާއިއެކު އެކުލަވާލި އިއުތިރާފުގެ އެއްބަސްވުމެއް މެދުވެރިކޮށް މިއަދު މިނަވަނެއްގެ ގޮތުގައި ހުންނެވުމަކީވެސް ޝަރުއީ ދާއިރާގެ ތެރެއިން ކުރެވޭ މަސައްކަތްތަކުގެ އޮއްޓަރާއިމެދު ސުވާލު އުފެދޭ ކަމެކެވެ. އެކަމާއިމެދު ޕީޖީ ޝަމީމްވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އަދީބަށް މިނިވަންވެވަޑައިގެންނެވުމުގެ މަގު ތަނަވަސްކޮށްދެއްވީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުުގެ ގާނޫނުގެ ދަށުން ރިޔާސީ ދައުރު ނިމުމަށް ދެ ދުވަހަކަށް ވެފައިވަނިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުކަމަށްވާއިރު، އެއީ ސިޔާސީ ގޮތުން ނިމިގެންދިޔަ ޑީލެއްކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ. އެހެންނަމަވެސް އެ ވާހަކަތަކަށް އެމަނިކުފާނު އަދި ސަރުކާރުގެ ފަރާތުންވެސް ރައްދެއް ދީފައިނުވެއެވެ.

ރާއްޖޭގައި ހިންގާފައިވާ އަނިޔާވެރި އަދި ނާއިންސާފުވެރި އަމަލުތަކާއިމެދު ގާނޫނީ ފިޔަވަޅުތައް އެޅުމުގައި ލަސްވެގެންދާކަން ސާފުވެގެންދާ އެތައް އިތުރު ކަމެއްވެސް ފެނިގެންދާއިރު، މާލޭގައި ހިންގާފައިވާ އެންމެ އަނިޔާވެރި އެއް އަމަލު ހިންގިކަން ރޭގަނޑާއި ދުވާލުވެސް ސާފުވާ މިންވަރަށް ސާފުވާ މީހާއަށް އަދަބު ނުދެވެނީ އޭނާ ވާހަކަ ނުދައްކާތީކަމަށް ޕީޖީ ހާމަކުރުމުން އަވަސް ގޮތަކަށް އިސްލާހުތަކެއް ގެންނަން ޖެހިފައިވާކަން ފެނިގެންދެއެވެ.

ގާނޫނެއް އެކުލަވާލުމުގެ މަގުސަދަކީ ރައްޔިތުންނަށް މަންފާތަކެއް ހާސިލުކޮށްދިނުންކަމަށްވުުން ދިވެހިރާއްޖޭގެ ޝަރުއީ މަސައްކަތްތައް މިހާރަށްވުރެ ހަލުވި އަދި ހަރުދަނާ އުސޫލެއްގެ މަތިން ކުރެވިގެންދިއުން މުހިންމެވެ.

މިވަގުތު ދިވެހިރާއްޖޭގެ ގާނޫނީ މަސައްކަތްތަށް ކުރެވެމުންދާ ގޮތަށް ބަލާއިރު، އެންމެ ފުރިހަމަ މިސާލެއް ފެނިގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ނޮވެމްބަރު 28 2019 ގައި ކުރި ހުކުމް ހައިކޯޓުން ދަމަހައްޓާފައިވަނިކޮށް ސުޕްރީމް ކޯޓުން އެ ހުކުމްތައް ބާތިލުކުރި ކުރުމުންނެވެ.

ރައީސް ޔާމީން  ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ. އެމަނިކުފާނު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 30 2021ގައެވެ. ސުޕްރީމް ކޯޓުންވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމަށް ރައީސް ޔާމީންގެ މައްޗަށް ހެކި ވަޒަންކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ކުރި ހުކުމްވެސް ބާތިލުކޮށްފައެވެ.

އެހެންކަނުން ރާއްޖޭގެ ޝަރުއީ ދާއިރާގެ މަސައްކަތްތައް މިހާރު ހުރިގޮތުން ސާބިނުވާ މައްސަލައެއްގައި ދުވަސްތަކެއް ޖަލުގައި ތަހައްމަލުކުރަންޖެހުމަށްފަހު މިނިވަންވެގެންދާ ގޮތަށް މިވަގުތު ޝަރުއީ އޮނިގަނޑު އޮތްކަމަށް ފެނިގެންދާ ދިއުމަކީވެސް ހައްލުކުރަންޖެހޭ މައްސަލައެއްކަން ޔަގީނެވެ. މިވަގުތު ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާއަށް އޮތް އިތުބާރުދަނީ ފަނޑުވަމުންކަމަށްވުމުން މިއީ އަވަސް ޝިފާއެއް ބޭނުންވާ މައްސަލައެއްކަން ޔަގީނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: