ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުންނަށް ނުފޫޒެއް ނެތި ޒިންމާ އަދާކުރެވޭނެ، މަސައްކަތް އެ ކުރަނީ މިނިވަންކަމާއި އެކު: ރައީސް

ރައީސް ސާލިހު އަދި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު އަސާސީގެ ދަށުން ފަނޑިޔާރުގެތަކަށް ޒިންމާ އަދާކުރުމުގެ ބާރު ލިބިދީފައިވާކަމަށާއި، ޝަރުއީ ދާއިރާ މިހާރު މަސައްކަތްކުރަމުންދަނީ ފުރިހަމަ މިނިވަންކަންމިތީކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

”ގަޟާއީ އަހަރު 2023“ އިފްތިތާހުކުރައްވައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ފަނޑިޔާރުގޭގެ ޒިންމާތައް އަދާ ކުރުމުގެ ބާރު އޮތީ ގާނޫނުއަސާސީގެ ދަށުން ފަނޑިޔާރުގެތަކަށް ލިބިދީފައިކަމަށެވެ. އަދި ޝަރުއީ ދާއިރާ މިހާރު މަސައްކަތްކުރަމުންދަނީ ފުރިހަމަ މިނިވަންކަމާއި އެކުކަމަށާއި ދާއިރާގެ ތެރޭގައި އަމަލު ކުރަންވީ ގޮތްތަކާއި ނުކުރަންވީ ގޮތްތައް ބުނެދޭނެ އިތުރު ބަޔަކު ނުތިބޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފަނޑިޔާރު ގެތަކާއިމެދު ރައްޔިތުންގެ ތެރޭގައި ކުރިން އޮންނަނީ ނުރަނގަޅު ތަސައްވުރެއްކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެ ތަސައްވުރު މިހާރު އަންނަނީ ރަނގަޅުވަމުންކަމަށް މިހާރު ދެންނެވިދާނެކަމަށެވެ. އަދި ޝަރުއީ ދާއިރާގެ ތެރެއިން ނިންމާ ނިންމުންތަކަށް އިތުބާރު ހިފެމުންދާކަމަށާއި، އެ އިތުބާރު އުފެއްދުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން މުހިންމު އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަމާޒު ހިފާފައިވާ ގޮތުގެމަތިން ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެއްދޭނީ، އަދުލު އިންސާފުގެ މައްޗަށް ބިނާކޮށް ހުކުމް ކޮށްގެންކަމަށެވެ. އަދި ހުކުމްތަކަކީ ކަމުގެ މުއާލާތް ނުކެނޑެނީސް އިއްވާ ހުކުމަކަށް ވާންޖެހޭކަމަށާއި، މިއަދުވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކޯޓު ތަކުން މައްސަލަތައް ބެލުމުގައި ލަސްވާކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ކަމަށް ހައްލުތަކެއް ހޯދުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ހައްލު ހޯދައިދިނުމުގެ ގޮތުން ކުރެވުނު އެއް ކަމަކީ، އޮންލައިންކޮށް ޝަރީއަތްތައް ހިންގޭނެ ނިޒާމެއް ރާއްޖޭގެ އެންމެހާ ކޯޓުތަކުގައި ގާއިމު ކުރުންކަމަށެވެ. އަދި އެކަމުގެ ސަބަބުން، ކޯޓަށް ހާޒިރުވުމުގެ ބޭނުމުގައި އެއްތަނުން އަނެއްތަނަށް ދަތުރު ކުރަންޖެހުމުގެ ތަކުލީފާއި ހަރަދުތަކުން މިއަދު ރައްޔިތުން ސަލާމަތްކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޝަރުއީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަކީ މިހާރު ކުރިއަށް ދާ މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން ފެށިގެން އައިސްފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައިކަމަށާއި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ ލަނޑުދަނޑި ހާސިލު ކުރުމަށް 22.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ޑިސްޓްރިކްޓު ކޯޓުތައް އުފެއްދުމާއިމެދުވެސް ރައީސް ސާލިހުވަނީ މި ފުރުސަތުގައި ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ޑިސްޓްރިކްޓު ކޯޓުތައް އެކި ސަރަހައްދުތަކުގައި އުފެއްދުމަށް މިހާރުވަނީ ކޯޓުތަކުގެ ގާނޫނަށް އިސްލާހެއް ހުށައަޅާފައިކަމަށެވެ. އަދި އެއީ މާލޭގައި ހުރި ސުޕީރިއަރ ކޯޓުތަކުގެ ދަށުން ހިނގާ މައްސަލަތައް ބެލުމަށް އުފެއްދުމަށް ކަނޑައެޅިފައިވާ ކޯޓުތަކެއް ކަމަށާއި، އެކަމުގެ ސަބަބުން މާލެ ނޫން އެހެނިހެން ރަށްތަކުގައި ދިރިއުޅޭ މީހުންނަށް އަދުލު އިންސާފާއި ހަމައަށް ވާސިލުވުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ޝަރުއީ ދާއިރާގެ ތެރެއިން އިތުރު ބަދަލުތައްވެސް ގެނައުމަށް އަމާޒުކުރައްވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖޭގެ ޝަރުއީ ދާއިރާގެ ތެރޭގައި ސާރކިޓް ކޯޓުގެ ނިޒާމު ތައާރަފް ކުރުމަށް ކަނޑައަޅާފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން މެޖިސްޓްރޭޓު ކޯޓުތަކަށް ހުށައެޅޭ މައްސަލަތައް އަވަށް ނިންމުމަށް ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިންޓަރގްރޭޓެޑް ކޭސް މެނޭޖުމަންޓު ސިސްޓަމެއް އެކުލަވާލުމުގެ މަސައްކަތްތައްވެސް ކުރެވެމުންދާކަމަށެވެ. އަދި މި އަހަރުގެ ފަހުކޮޅުގައި އެ ސިސްޓަމް ބޭނުންކުރަން ފަށާނެކަމަށް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އަދުލު އިންސާފު ގާއިމު ކުރުމުގެ ދާއިރާއަށް މުހިންމު ބަދަލުތަކެއް އައިސްފައިވާކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ގެނެވިފައިވާ މުހިންމު އެއް ބަދަލަކީ މަދަނީ އިޖުރާއަތު ގާނޫނަށް އަމަލު ކުރަން ފެށުންކަމަށެވެ. އަދި 47 އަހަރަށްފަހު، ހެއްކާއި ބެހޭ މުޅިން އާ ގާނޫނެއް އެކުލަވާލައި އެ ގާނޫނު ތަސްދީގުކުރެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާއަށް އިތުރު ބަދަލުތައްވެސް ގެންނަންޖެހޭކަމަށެވެ. އެގޮތުން ކޯޓުތަކުގެ އުމްރާނީ ތަރައްގީއަކީވެސް އަދުލު އިންސާފު ގާއިމު ކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެއްކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުންވަނީ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އާ ކޯޓުތައް އިމާރާއި ކުރުމާއި ޖާގަ އިތުރު ކުރުމުގެ މަސައްްކަތްތައް ކޮށްފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: