އިލްމީ ގޮތުން ކަންކަން ދިރާސާކޮށް ބެލުމަށް ފަހު އޭގެއިން ފެންނަ ނަތީޖާގެ މައްޗަށް ފިޔަވަޅު އެޅުއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒުކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އަލަށް އުފެއްދި މި މިނިސްޓްރީގެ އެންމެ ބޮޑު އަމާޒެއްކަމަށް އާދަމް ނަސީރު ވިދާޅުވީ ދިވެހިންގެ އަސްލުވަންތަކަމާއި ގުޅުން ހުރި ކަންކަން ދަމަހައްޓައި ރައްކާތެރިކަމާއި އެކު ކުރިޔަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ. އަދި އެ މަސައްކަތަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި، ތައުލީމީ ނިޒާމުގެ ތެރެއިން ވެސް ލަނޑުދަނޑިތައް ހާސިލު ކުރުމުވެ.
ހަފްތާ ސާދައިގެ ދަށުން މިނިސްޓްރީއާއި މައިގަނޑު ތިންކަމެއް ހަވާލު ކުރެވިފައިވާއިރު މިނިސްޓަރ ވިދާޅުވިގޮތުގައި އެއީ ދިވެހިންގެ ސަގާފަތާއި ތަރިކައާއި ބެހޭ ދިރާސާ ކުރާ މަރުކަޒެއް ގާއިމު ކުރުން އަދި އެ މަގްސަދު ހާސިލު ކުރުމަށް ކޮލެޖެއް ގާއިމު ކުރުމާއި ގައުމީ ޗާޕުޚާނާ އިޔާދަ ކުރުމުގެ މަސައްކަތް ފެށުމެވެ.
އާދަމް ނަސީރު ވިދާޅުވީ ގައުމިއްޔަތުގެ ނަމުގައި އައު މާއްދާއެއް ތައާރަފު ކުރުމަކީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އެއް ވައުދުކަމަށްވުމާއި އެކު ދިރާސާތައް އެކުލަވާލުން ހިމެނޭ ކަމަށެވެ.
ދިވެހި މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އަހަރުން އަހަރަށް ބަދަލުވާއިރު، މިކަން ރަނގަޅު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލު ކުރުމުން އާދަމް ނަސީރު ވިދާޅުވީ ރައީސް މުއިއްޒުގެ އަމާޒަކީ އިލްމީ ދިރާސާއެއްގެ މައްޗަށް އޭގެ ނަތީޖާގެ މައްޗަށް މަގުޗާޓެއް އެކުލަވާލުން ކަމަށެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ފުރަތަމަ ތަގުރީރުގައި ވަރަށް ސާފުކޮށް ވިދާޅުވެފައި އޮންނާނެ އިލްމީ ގޮތުން ކަންކަން ދިރާސާކޮށް ބެލުމަށް ފަހު އޭގެއިން ފެންނަ ނަތީޖާގެ މައްޗަށް ކަންކަން އަޅުއްވަމުން ގެންދަވާނެ ވާހަކަ
މީގެއިތުރުން ރާއްޖޭގެ ތާރީހާއި، ސަގާފަތާއި ބެހޭ ގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތަކުގެ ވާހަކަތައް ދައްކާއިރު މިއީ ހަމައެކަނި މައުލޫމާތު ދިނުމުގެ ސެޝަނަކުން ހާސިލު ކުރެވޭނެކަމެއް ނޫންކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އެހެންވެ އެންމެ ބޮޑު މަސައްކަތެއްކަމަށް އާދަމް ނަސީރު ވިދާޅުވީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަންކަން ރޭވުމެވެ.
ތައުލީމީ ނިޒާމުގެ ތެރެއިން، ފޮތްތައް އެކުލަވާލާއިރު ނުވަތަ ފިލާވަޅުގައި އެ މައުލޫމާތުތައް ހިމެނުން މުހިންމުކަމަށާއި އެކަމަށް ކަމާއި ގުޅުން ހުރި މިނިސްޓްރީތަކާއި އެކު މަޝްވަރާ ކުރެވޭނެކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.
ތައުލީމީ ނިޒާމަކީ މިކަމަށް ވަރަށް މުހިންމު ދައުރެއް އަދާކުރެވޭނެ ތަނެއް… ދެން އަޅުގަނޑު ކުރިން ވެސް ދަންނަވާލިހެން އަޅުގަނޑުމެންގެ މަސައްކަތުގެ ވަރަށް މުހިންމު ބައެއް ގުޅިފައި އޮންނާނެ ތައުލީމީ ވުޒާރާއާއި ވެސް…. ހާއްސަކޮށް ގައުމިއްޔަތު މާއްދާގެ މަސައްކަތް.. މި ހިންގާ ދިރާސާގެ މަސައްކަތަކީ ތަފާތު މަސައްކަތެއް.. ދެން އޮތީ މަތީ ތައުލީމުގެ ދާއިރާ.. އެކަމަށް މަސައްކަތް ކުރެވޭނީ ކޮން ގޮތަކުން ތޯ ބެއްލެވުމަށް ގައުމީ ޔުނިވާސިޓީން އެބައޮތް ދަންނަވާފައި.. އިސްވެ އެބޭފުޅުން އަޅުގަނޑުމެންނަށް ގުޅުއްވާލެއްވީތީ ވަރަށް އުފާ ކުރަން..
ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ސްކޫލުތަކުގައި ކިޔަވައިދިނުމަކީ އެއީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައީސް ތަކުރާރުކޮށް ވެވަޑައިގެންނެވި ވައުދެކެވެ.
މިނިސްޓްރީ އޮފް ދިވެހި ލެންގުއެޖް، ކަލްޗަރ އެންޑް ހެރިޓޭޖާއި ހަވާލު ކުރެވިފައިވާ ބައެއް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާއި ގައުމިއްޔަތު ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުން ހިމެނެ އެވެ. އަދި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހަދައި ހިންގުމަކީ ވެސް މިނިސްޓްރީއާއި ހަވާލު ކުރެވިފައިވާ ޒިންމާއެކެވެ.
މީގެއިތުރުން ރާއްޖޭގެ މާނަވީ ތަރިކައާއި މާއްދީ ތަރިކަ ހިމާޔަތްކޮށް ދިރުވައި ދެމެހެއްޓުމުގެ ސިޔާސަތުތަކާއި މިންގަނޑުތައް ކަނޑައަޅައި ހިންގުމާއި، ދިވެހިބަހާއި އަދަބިއްޔާތާއި ތާރީހާއި ސަގާފަތާއި ތަރިކައާއި އާދަކާދަތަކާ ގުޅޭ ޢިލްމު ފެތުމާއި ދިވެހިންގެ އެއްބައިވަންތަކާމާއި އެއްބައެއްވަންތަކަން ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުން ފާހަގަކުރެވެ އެވެ.
އިތުރު މަސައްކަތްތަކުގެ ތެރޭގައި ދަރިވަރުންގެ މެދުގައި ގައުމީ ރޫޙު އާލާކޮށް ގައުމިއްޔަތަށް އިސްކަންދިނުމުގެ ސަގާފަތް އަށަގެންނެވުމަށް، ތައުލީމާއި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ގުޅިގެން ހަރަކާތްތަކާއި ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އެ ތަންތަނުން އިސްނަގައިގެން ހިންގާ އެފަދަ ހަރަކާތްތަކާއި ޕްރޮގްރާމްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. އަދި ދިވެހި ޒުވާނުންގެ މެދުގައި ގައުމީ ރޫޙު އާލާކޮށް ގައުމިއްޔަތަށް އިސްކަންދިނުމުގެ ސަގާފަތް އަށަގެންނެވުމަށް، މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާ ގުޅިގެން މަސައްކަތްކުރުން ވެސް ވަނީ ހަވާލު ކުރެވިފަ އެވެ.

