އަންހެނުންގެ އުފެއްދުންތައް ވިއްކުމަށް ވަކި ސަރަހައްދެއް ހުޅުމާލޭގައި ކަނޑައަޅައި، ވިޔަފާރިކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ”ހިޔަލަ ވީކެންޑް މާކެޓު“ގެ ނަމުގައި ޚާއްސަ މާކެޓެއް ހުޅުމާލޭގެ ކޮންޓެއިނަރު ޕާކު ސަރަހައްދުގައި ހުޅުވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ހަފްތާ 14ގެ މަގުޗާޓާ އެއްގޮތަށް އަންހެނުންގެ އުފެއްދުންތައް ވިއްކުމަށް ހުޅުވާފައިވާ މި މާކެޓަކީ އިކޮނޮމިކް ޑިވެލްޕްމަންޓް އެންޑް ޓްރޭޑް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި ގުޅިގެން ކޮންމެ ހަފްތާ ބަންދަކު ކުރިއަށް ގެންދަން ހަމަޖެހިފައިވާ މާކެޓެކެވެ.
ހިޔަލަ މާކެޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ، އަންހެނުން ބާރުވެރިކުރުވުން ކަމަށާއި އެކަން ކުރުމަށްޓަކައި އަންހެނުން ފުދުންތެރި ބަޔަކަށް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ސަރުކާރުން ޤަބޫލުކުރައްވާ ކަމަށެވެ. އަދި ހުޅުވުނު މި ވީކެންޑް މާކެޓަކީ އަންހެން އުފެއްދުންތެރިންނަށާއި ވިޔަފާރިވެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފަލަކަށް ވާނެކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި މާކެޓުން ވިޔަފާރި ކުރައްވާ ފަރާތްތަކުގެ އިތުރުން، މިއީ އެފަރާތްތަކުގެ ޢާއިލާތަކަށާއި، ޖުމްލަގޮތެއްގައި މުޅި މުޖުތަމަޢަށްވެސް ލިބިގެންދާ ފަހި ފުރުޞަތަކަށް، ކުރި އެރުމަކަށް އަދި ފުދުންތެރިކަން އިތުރުކުރެވޭނެ އާ މަގަކަށް ވެގެންދާނެ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެއްތަނަކުން އެތައް އަންހެނުންނެއް، އެތައް މަސައްކަތެއްގެ ތެރެއިން ބައްދަލުވެ، އެއް އަމާޒަކަށް މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެން ދިޔުން މިއީ ގިނަ އަންހެނުންތަކަކަށް ލިބޭ ބޮޑު ކުރިއެރުއެރުމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި މާކެޓުގެ ސަބަބުން ތަނަވަސްވެގެން މި ދަނީ ދިވެހި އަންހެނުންގެ އުފެއްދުންތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމުގެ އިތުރު މަގެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދުނިޔޭގެ އެހެން ޤަޢުމުތަކުގައިވެސް މިފަދަ ވީކެންޑް މާކެޓުތަކަކީ ގިނަ، އާންމުން ވިޔަފާރިކުރާ އަދި އާންމުންނާއި ފަތުރުވެރިންގެ ތެރޭގައި މަޤްބޫލު ތަންތަން ކަމަށާއި އެހެންކަމުން މިކަމުން އެންމެ ބޮޑު ފައިދާއެއްވާނީ ދިވެހި ވިޔަފާރިތަކަށާއި، އަންހެން ވިޔަފާރިވެރިންނަށާއި އުފެއްދުންތެރިންނަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ފުދުންތެރި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުޙިއްމު ދެ ވަޢުދެއް ވަރަށް އަވަހަށް ފުއްދަވާދެއްވާނެ ކަމުގެ ޔަޤީކަން ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ އަރުވާފައެވެ. އެގޮތުން އަންހެނުންނަށް ޙާއްސަކުރެވިފައިވާ ސަތޭކަ މިލިޔަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެކަމާއި ކުދި ވިޔަފާރިތަކަށް ޙާއްސަކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޙާއްސަ ލޯނެއް ވަރަށް އަވަހަށް ތަޢާރަފް ކުރެވިގެންދާނެ ވާހަކަ ވިދާޅުވިއެވެ.

