ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ސްކީމް މަޑުޖައްސާލަން އޭސީސީން އެންގީ ގުރުނަގާ ނިމުނު ފަހުން: އަކްރަމް

ފޮޓޯ/ޕްލޭނިން މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ 4,000 ފްލެޓު ލިބުނު މީހުންނާ ތަންތަން ހަވާލުކުރުން މަޑުޖައްސާލަން އަންގާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސިޓީއެއް ލިބުނީ ފްލެޓު ލިބުނު މީހުންގެ މެދުގައި ގުރުނަގައި ނިމުނު ފަހުންކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ ސްކީމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަން ދިރާސާ ކުރަމުންދާ ޕެޓިޝަން ކޮމިޓީގައި އަކްރަމް ވަނީ އޭސީސީގެ އެންގުމާ ހިލާފަށް ފްލެޓުތައް ހަވާލުކުރި ކަމަށް އޭނާ އާއި ހައުސިން މިނިސްޓްރީގެ މައްޗަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެންފައެވެ.

އަކްރަމް ވިދާޅުވީ ފްލެޓު ލިސްޓު އެކުލަވާލެވުނު ހިސާބުން ފެށިގެން ގުރު ނަގައި، އެއްބަސްވުންތަކުގައި ސޮއިކުރުމާ ހަމައަށް ވެސް ހައުސިން މިނިސްޓްރީން އޭސީސީގެ އެއްވެސް އެންގުމަކާ ހިލާފުވެފައިނުވާ ކަމަށެވެ. ހައުސިން މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާންކުރީ ޝަރުތު ހަމަވާ މީހުންނާއި ޝަރުތު ހަމަނުވާ މީހުންގެ ލިސްޓު ކަމަށާއި އެ ލިސްޓުން އެއްވެސް މީހަކަށް ލިބުނު ޕޮއިންޓެއް ހިމަނާފައި ނުވާކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެ ލިސްޓަށް ޝަކުވާ ހުށައެޅުމަށްވެސް ހުޅުވާލިކަމަށް އަކްރަމް ވިދާޅުވިއެވެ.

ޕޮއިންޓުތައް ހިމަނައި ތަރުތީބުކުރި ލިސްޓު ނުގަޑިއެއްގައި ގެޒެޓުކުރެއްވީ މަސައްކަތް ނިމުމާ އެކީ ލިސްޓު އަޕްލޯޑުކުރަން ނިންމުމާ ގުޅިގެން ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ރައްޔިތުން ލިސްޓު ނުކުންނާނެ ކަމުގެ އުއްމީދުގައި ތިބުމުން ކަމަށްވެސް އަކްރަަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ، ޝަކުވާ ހުށަހަޅަން ފުރުސަތު ދިނުމަށް ފަހު ފްލެޓުތަކުގެ ގުރުއަތުލާން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ އެހާ ހިސާބުން ކަމަށެވެ. އަދި ހައުސިން މިނިސްޓްރީން ހަމަ އެ ދުވަހު ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި ކަމަށެވެ.

ހައުސިން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅަން ފުރަތަމަ ދިނީ ފަސް ދުވަހުގެ މުއްދަތެކެވެ. ނަމަވެސް, ގިނަ ބަޔެއްގެ އެދެމުގެމަތިން ކަމަށް ވިދާޅުވެ ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރެއްވިއެވެ.

އަކްރަމް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން އޭސީސީގެ ސިޓީއެއް ފުރަތަމަ ލިބުނީ އެ މަރުހަލާގެ ތެރޭގައި ކަމަށެވެ. ފުރަތަމަ ލިބުނު ސިޓީގައި ގެދޮރުވެރިޔާ ސްކީމު ހުއްޓާލަން އަންގާފައި ނެތް ކަމަށް އަކްރަމް ވިދާޅުވި އެވެ. އޭގެ ބަދަލުގައި އޭސީސީން އަންގާފައި އޮތީ ޕޮއިންޓު ދީފައިވާ ގޮތާ މެދު ޝަކުވާ ހުށަހަޅަން ފުރުސަތު ދީ އެ ޝަކުވާތައް ބެލުމަށް ފަހު ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަކުވާތައް ބަލައި ނިންމާ ފައިނަލް ލިސްޓު އާންމުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފެށީ ވެރިކަން ނިމެން ދެ ދުވަހަށް ވަނިކޮށް ނޮވެމްބަރު 15 ގައިކަމަށް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ އެ ދުވަހު މަސައްކަތް ނިންމާލުމާ ހަމައަށް ވެސް އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް އާއި ފްލެޓު ކޮމިޓިގެ މެމްބަރުން މުއާމަލާތް ކުރަމުން ދިޔަ ކަމަށެވެ.

އޭސީސީގެ މި ސީޓި ފްލެޓް ކޮމިޓީއަށް ނުލިބޭ ކަމަށާއި، އެހެންކަމުން ކޮމިޓީން ނިންމީ އޭސީސީއަށް ސިޓީއެއް ފޮނުވަން ކަމަށް ވިދާޅުވިއެވެ. އެ ސިޓީގައި އޮތީ ޝަކުވާތަކުގެ މައްސަލަ ބަލައިނިންމި ވާހަކަކަމަށާއި އަދި ސިޓީ ފޮނުވި ދުވަހުގެ ރޭ، ހައުސިން މިނިސްޓްރީން ވަނީ ގުރުނަގައި އެރެއިން އެރެއަށް ފްލެޓު ދިނުމުގެ މަސައްކަތްތައް ނިންމާލާފައި ކަމަށް ވެސް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ އެއްވެސް ކަމެއް ކުރުން ހުއްޓާލަން އަންގައި އޭސީސީގެ ސިޓީ ލިބުނީ ޖެހިގެން އައި ދުވަހު އޮފީހަށް ދިޔުމުން ކަމަށެވެ. އަދި ދައުލަތުން އަވަހަށް ފޮނުވަން ބޭނުންވާ މުހިންމު ލިޔެކިޔުންތަކުގައި ޖަހާފައި އޮންނަ “އަވަސް” ތައްގަނޑު ވެސް އޭގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވަނީ ސިޓީ ލިބުނު ހިސާބުން ހުރިހާ ކަމެއް ހުއްޓާލާފައިވާ ކަމަށް ބުނެ ކޮމިޓީގައި ދިފާއުވެވަޑައިގެންފަ އެވެ. އަދި އޭސީސީގެ ސިޓީގައި އޭގެ ކުރީ ދުވަހުގެ ތާރީހު އޮތް ނަމަވެސް ސިޓީ ލިބުނީ މިދިޔަ މަހުގެ 16 ގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: