ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސްލުވެސް، ބަތްކައްކާ ކުޅުމުގެ ބޭނުމެއް ނެތް!

އިދިކޮޅު މުޒާހަރާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރަނީ. ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިއަކަށް ހުރި މީހަކީ އަނިޔާވެރިއެއްކަމަށް ބުނެ 2007 ގެ އަހަރުތަކުގައި ސަރުކާރާއި ދެކޮޅަށް ރައްޔިތުންތަކެއް ނިކުމެ އަޑުއުފުލަމުން ދިޔައިރު އެކަމުގެ ނަތީޖާއަކަށް ވީ 2008، އޮގަސްޓު 07 ގައި ފެހި ގާނޫނު އަސާސީ ވުޖޫދު ކުރެވުމެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބުނާ ގޮތުން ދައުލަތް ހިންގުމުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށް ބުނާއިރު މަސްލަހަތުތަކުގެ މައްޗަށް ރައްޔިތުން އިސްކުރެވިފައި ހުންނާނީ މަދުފަހަރެއްގަ އެވެ. މިވަގުތު ރާއްޖޭގެ ހާލަތަށް ބަލާއިރު ސިޔާސީ މަންފާ ނަގާލެއް ބޮޑުވެފައި، ރައްޔިތުންގެ ހައްޓަށްވާ ކިރިޔާ ވެސް ފަސޭހައެއް ނެތެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ. 2007 ވަނަ އަހަރުގެ ހިސާބުގައި އިސްލާހީ މަސައްކަތަށް ގޮވާލައި ފެށި އިހުތިޖާޖާއި، މުޒާހަރާތަކުގެ ނަތީޖާއަކަށް ވީ ފެހި ގާނޫނުއަސާސީ ވުޖޫރު ކުރެވުން ނަމަވެސް އޭގެ ބޭނުން އަސްލު ހަގީގީ މާނައިގައި ނުފެނެ އެވެ.

ވާދަވެރި ރިޔާސީ އިންތިހާބަކަށް ފަހު އައު ސަރުކާރު ފެށިގެން އަދި 17 ދުވަސް ވެސް ރަނގަޅަށް ހަމަނުވަނީސް ބައެއްގެ އަމިއްލަ އެދުމާއި ޖާހިލުކަން ކުރިޔަށް ޖައްސަައި މަސައްކަތް ފެށީތީ ހައިރާނެއް ވެސް ނުވެ އެވެ. ސަބަބަކީ ދުނިޔޭގެ ކަން ހިނގާ ގޮތަކީ، އަދި ވަކިން ހާއްސަކޮށް މި ރާއްޖޭގެ އުސޫލަކީ ރައްޔިތުން ވަށާ އެނބުރެން ޖެހޭނީ އެބޭފުޅެއްގެ ފަހަތުންކަމަށް ބަޔަކަށް ގަބޫލު ކުރެވުމެވެ. އެއީ ކޮށި ވިސްނުމެއްކަމަށް ހީކުރެވުނު ނަމަވެސް، ފަހަތުގައި ވާ ފައިދާއަކީ ގޮށްމުށުގެ ބާރެެވެ. އެ މީހަކާއި، އެ މީހެއް އުސޫލުން ކުރިޔަށް ދިއުމެވެ.

ރާއްޖޭގެ އެންމެ ބޮޑު މައްސަލައަކީ އިންތިހާބުގެ ނާކާމިޔާބީތައް ގަބޫލު ކުރުމަށް ދެކޮޅު ހަދައި، ބައެއް ބޭފުޅުން ކުރަމުން ގެންދާ މަސައްކަތެވެ. މަގުބޫލުކަން ދަށްވެ، ސަނާ ކިއުމުގެ އުސޫލާއި ޝުކުރިއްޔާ ރައީސް ކިއުން ހުއްޓގެން ދިއުމަކީ އެބޭފުޅުންނަށް ބަލައިގަންނަން ވަރަށް ވެސް ދަތިކަމަކަށް ވަނީ އެވެ. މީގެ ގާތްގަނޑަކަށް 17 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ހުރި އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތަކީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެ ވަރުގަދަ ވިދުމަށް މިހާ ބޮޑު ފަނޑުކަމެއް އަތުވެދާނެކަމަށް ދުވަހަކު ވެސް ހިތް ގަބޫލެއް ނުކުރެ އެވެ. އެކަމަކު 1978 ވަނަ އަހަރުން ފެށިގެން ދިގު 30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫން މިއަދު އުޅުއްވަން އެޖެނީ ސިޔާސީ ޕާޓީއެއްގައި 3،000 މެމްބަރުން ވެސް ހަމަނުވެގެންނެވެ.

ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ޑީއާރުޕީ ވެސް ގަދަކަނޑެއްގައި ޖެހި ޣަރަގުވެގެން ދިޔައިރު، އޭގެ ފަހުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ވެސް ގަދަކަމުން ބަޔަކު ޖަހައިގަތެވެ. އެހާ ހިސާބުން އެމަނިކުފާނުގެ ވިދުން ކެނޑެމުން، ގޮސް މަޑުމަޑުން އަޑު ކެނޑިދިޔައީ އެވެ. އެކަމަކު ސިޔާސީ އެ ތާއީދު ނެތަސް، އެމަނިކުފާނަށް މިއަދު ވެސް ރާއްޖޭގައި މީހަކަށް އޮތް ސިޔާސީ ތާއީދަކަށް ވުރެ ބޮޑަށް ކުރާ އިހުތިރާމް މާބޮޑުވާނެ އެވެ. އެއީ ކޮންމެ އުމުރުފުރައިގެ މީހަކަށް ވިޔަސް، ރާއްޖޭގެ ވެރިކަން ކުރެއްވީތީ އެބޭފުޅަކަށް ލިބެން ޖެހޭ ގަދަރު އެ އެންމެން ވެސް ދޭތީ އެވެ. އޭގެ ސަބަބަކީ ރައީސް މައުމޫން ސިޔާސީ ގޮތުން އަޑުގަދަކޮށް، ބަޔަކާއި ޖައްސާލައި ރުންކުރުކޮށް ވާހަކަ ނުދައްވާތީ އެވެ.

ދެން އޮތް ސުވާލަކީ އެހެން ވެރިން ވެސް ހަމަ އެ އެގޮތަށް ތޯ އެވެ. މި ފަސް އަހަރުގެ ތެރޭގައި އެންމެ އަޑުގަދަ އެއް ބޭފުޅަކީ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޔާސީ އެއްވެސް މަޝްވަރާއެއް ނުކުރައްވާކަމަށް ވިދާޅުވުވެ ބޮޑު ހާޖާނުގަނޑެއް އުފެއްދި އެވެ. ވަކިން ސިޔާސީ ޕާޓީއެއް އުފައްދައި، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ނަތީޖާއަކަށް ވީ ފަހަރުގައި ފަސޭހަކަމާއި އެކު ދެވަނަ ދައުރެއް ކާމިޔާބު ކުރެވެން އެމްޑީޕީއަށް އޮތް ފުރުސަތު ގެއްލިގެން ދިއުމެވެ.

ރައީސް ނަޝީދުގެ ހާލަތަކީ މިއަދު އެމަނިކުފާނުގެ ސިޔާސީ ޕާޓީގައި ވެސް ކިރިޔާ ތިން ހާސް މެމްބަރުން ތިބުމެވެ. 2008 ގެ ފަހުން އެއައި އަހަރުތަކުގައި ގަބޫލު ކުރެވިފައި އޮތީ މިއީ ފަނޑުވެގެން ދާނެ ނަމެއް ނޫންކަމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ބޮޑު ތާއީދެއް އޮތީ ރައީސް މައުމޫނާއި ރައީސް ނަޝީދު ކަމަށެވެ.

އޭގެ ފަހުން އަނެއްކާ ވެސް ލިސްޓަށް އިތުރުވީ ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ރައީސް މައުމޫންގެ ފޮޓޯފުޅު ވިއްކައިގެން، އެމަނިކުފާނުގެ ތާއީދުގައި ރައީސް ޔާމީން އިންތިހާބަށް ނިކުތް ނަމަވެސް އޭރު ވެސް އެއީ ނުފޫޒުގަދަ ބޭފުޅެކެވެ. އެކަމަކު ވެރިކަމަށް އާދެވޭނެހާ ތާއީދެއް އެއްވެސް ވަރަކަށް ނެތެވެ. ޕީޕީއެމަށް ފުރަތަމަ ފަހަރަށް ރައީސް ޔާމީން ވެރިކަން ހޯދައި ދެއްވައި މަސައްކަތް ކުރައްވަމުން ގެންދަވަމުން ދިޔަ އިރު މަޑުމަޑުން ރައީސް މައުމޫން އެއްކައިރި ކުރެވެން ފެށި އެވެ. ސިޔާސީ ގޮތުން ދޭ ހިޔާލުތަކާއި، ދޭ މަޝްވަރާތައް ގަބޫލު ނުކުށް ރައީސް މައުމޫން އެ ޕާޓީން ބޭރު ކުރުމަށް ފަހު 2016 އިން 2018 އާއި ދެމެދު އެމަނިކުފާނު ކުރިމަތިލާން ޖެހުނީ ދަތި އުނދަގޫ ދުވަސްތަކަކާ އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ގަބޫލު ކުރެވުނީ، ރާއްޖޭގައި އެންމެ ބޮޑު ތާއީދެއް އޮތީ ރައީސް ޔާމީނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށެވެ. ރައީސް ނަޝީދު ދަނީ ތިންވަނައަށެވެ. އެމްޑީޕީން ދެވަނަ ފަހަރަށް ރާއްޖޭގެ ވެރިކަމަށް އައިސް ކުރި މަސައްކަތުން އެމަނިކުފާނަށް ތާއީދު އިތުރުވި އެވެ. މިހާރު ވެސް އެ އޮތް ތާއީދާއި އެކު އެމްޑީޕީގެ ލީޑަރަކަށް ހުންނަވައި އަމާޒު ހިފާފައި ވަނީ 2024 ގެ މަޖިލިސް އިންތިހާބަށެވެ. ކާމިޔާބީގެ އަތްބައި އަތުރާލަން އެމްޑީޕީން ކުރަމުން ދާ މަސައްކަތް ފަސޭހަ ކުރަން ވެސް ބަޔަކު އުޅޭހެން އެބަހީވެ އެވެ.

ކޮންމެ ވެރިކަމެއްގެ ތެރޭގައި ވެސް މި ފެންނަނަ ކޯޅުމާއި، ދެ ބަސްވުންތައް ނިމުމަކަށް އަންނާން ވެއްޖެ އެވެ. މަގުމަތީ ހަފުސްވެ ނިމިގެން ދަނީ ރައްޔިތު މީހާ އެވެ. އަނެއްކާ އަނެއް ފަސް އަހަރު އެއް ބަޔަކު މަގުމަތީ ގަނަތެޅެން ޖެހުމަކީ އިންސާފެއް ވެސް ނޫނެވެ. ރާއްޖޭގައި ހަމަޖެހިލައި، ހިންދެމިގެން އުޅޭވެނެ ފުރުސަތު ދޭން ޖެހެ އެވެ. މި ދެން ބަތްކައްކާ ކުޅެން ޖެހޭ ވަރުގެ ކަންތަކެއް ނޫނެވެ!

ވަރަށް ގަދަ
78%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: