ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ފުށިދިއްގަރު ފަޅު ހިއްކަން ނިންމައި އެކަމަށް ބޭނުންވާ ފައިސާ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމެނި ނަމަވެސް އެ މަޝްރޫއު އުނިކޮށް 49،8 ބިލިއަން ރުފިޔާގެ ބަޖެޓެއް ބަޖެޓު ދިރާސާ ކުރާ ކޮމެޓީން ފާސްކޮށްފިއެވެ.
ކޮމިޓީން ބަޖެޓަށް ގެނައި ބަދަލުތަކުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ގެނައި ބަދަލު ހިމެނެއެވެ. ސަރުކާރުން ވަނީ އެ މަޝްރޫއަށް 400 މިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފައެވެ. އެ މަޝްރޫއު ހުށަހަޅާފައިވަނީ ޕީއެސްއައިޕީ މަޝްރޫއެއްގެ ގޮތުގައެ
ބަޖެޓު ކޮމިޓީން ގެނައި އިސްލާހުތަކުގެގެ ސަބަބުން 3.7 މިލިއަން ރުފިޔާ ވަނީ ކުރިން ހުށަހަޅާފައިވާ ބަޖެޓަށް އިތުރުވެފައެވެ. އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅީ 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރަށް ފާސްކުރީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކުރީ ސަރުކާރުން ހުށަހެޅި މި ބަޖެޓަށް ބަދަލު ގެނެސް 49.8 ބިލިއަން ރުފިޔާ ފާސްކުރީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ބަޖެޓްގެ ބައެއް އަދަދުތަކަށް ބަލާއިރު އަންނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާއެވެ. ބަޖެޓުގެ 70.2 އިންސައްތަ ނުވަތަ 34 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާނީ ރިކަރަންޓް ހަރަދަށެވެ. ރިކަރަންޓް ހަރަދުގެ ބޮޑުބައެއް ހަރަދު ކުރަނީ މުވައްޒަފުންގެ މުސާރައާއި ސަބްސިޑީއާއި އެހީއަށެވެ.
އެގޮތުން 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ ބަޖެޓުގެ ރިކަރަންޓް ހަރަދު 7.5 އިންސައްތަ އިތުރުވާނެކަމަށް އަންދާޒާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ބަޖެޓުގެ 29.8 އިންސައްތަ ހަރަދުކުރުމަށް ރޭވިފައިވަނީ ކެޕިޓަލް ހަރަދަށެވެ. މީގެ ތެރެއިން 8.6 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 17.5 އިންސައްތަ ހަރަދުކުރަނީ ޕީއެސްއައިޕީ މަޝްރޫއު ތަކަށެވެ.
ބަޖެޓުގެ ތެރެއަށް ކޮމިޓީން އިތުރު ކުރި ހަރަދުގެ ތެރޭގައި ޖަމާލުއްދީން ސްކޫލްގެ ސްޕެޝަލް ނީޑް ކުލާސް ރޫމަށް ކަނޑައަޅާފައިވާ ތިން ލައްކަ ރުފިޔާގެ ބަޖެޓު ތިން މިލިއަން ރުފިޔާއަށް އިތުރު ކުރުމާއި، މާފުށީ ހެލްތު ސެންޓަރު ތަރައްގީ ކުރުމަށް ތިން މިލިއަން ރުފިޔާ އިން 11 މިލިއަން ރުފިޔާއަށް އިތުރު ކުރުމާއި، މާފުށީ މަގު ހެދުމުގެ މަޝްރޫއު 2.2 މިލިއަން ރުފިޔާ އިން ހަތް މިލިއަން ރުފިޔާއަށް އިތުރުކުރުމާއި، އއ. ހިމަންދޫ މަގު ހެދުމުގެ މަޝްރޫއަށް އެއް މިލިއަން ރުފިޔާ އިން ތިން މިލިއަން ރުފިޔާއަށް އިތުރުކުރުމާއި، ޅ. ކުރެންދޫ މަގު ހެދުމުގެ މަޝްރުއަށް ކަނޑައަޅާފައިވާ އެއް މިލިއަން ރުފިޔާ ހަތް މިލިއަން ރުފިޔާއަށް އިތުރުކުރުމާއި، އަދި އއ. މާޅޮހު މަގު ހެދުމުގެ މަޝްރޫއަށް ކަނޑައަޅާފައިވާ ފަސް ލައްކަ ރުފިޔާ 2.5 މިލިއަން ރުފިޔާއަށް އިތުރުކުރުން ހިމެނެއެވެ.
މީގެ އިތުރުން ބައެއް ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔުމަށް ކަނޑައަޅާފައިވާ 70 މިލިއަން ރުފިޔާއިން 10 މިލިއަން ރުފިޔާ އުނިކުރުމަށްފަހު 60 މިލިއަން ރުފިޔާ އެ މަޝްރޫއުތަކަށް ވަނީ ބަޖެޓުގައި ކަނޑައަޅާފައެވެ.

