ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުންގެ ގޮތުގައި ހުންނަވައި، ވަޒީފާއެއް އަދާކޮށް އެކަމުގެ އެއްވެސް އުޖޫރައެއް ބޭނުން ނުވާކަމަށް މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މެޑަމް ސާޖިދާ ވިދާޅުވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ކުރަމުން އައީ ވަރަށް ގަޔާވެގެން ކުރަމުން އައި މަސައްކަތެއް ކަމަށާއި އަދި އެއީ އަބަދުވެސް ކުރަން ބޭނުންފުޅުވާ މަސައްކަތެއްކަމަށެވެ.
ސާޖިދާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުންނަށް ވާއިރު ފަސްޓްލޭޑީއެއްގެ ދައުރު އަދާ ކުރަމުން ސިވިލް ސާވިސްގައި މަސައްކަތްކޮށް ދެ ދާއިރާއެއްގައި މަސައްކަތް ކުރެވިދާނެތޯ ސަންގު ޓީވީން ކުރި ސުވާލަށް ސާޖިދާ ވިދާޅުވީ ދެ ދާއިރާގައި މަސައްކަތް ނުކުރޭވެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ދެ ދާއިރާއެއްގައި މަސައްކަތް ކުރައްވާތީ ބައެއް ބޭފުޅުންގެ ކަންބޮޑުވުން ހުރިކަމަށް ވިދާޅުވިއެވެ. އަދި އެ ކަންބޮޑުވުމަކީ ރަނގަޅު ކަންބޮޑުވުމެއް ކަމަށާއި ނަމަވެސް ހުރި މަގާމަކީ ޓެކްނިކަލް މެނޭޖީރިއަލް މަގާމެއް ކަމަށް ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ ބައެއް ނިންމުންތައް މަގާމުގެ ގޮތުން ނިންމަން ޖެހޭކަމަށާއި އަދި އެނިންމުންތަށް ނިންމުމުގައި ދަތިތަކާއި ކުރިމަތި ލާން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެެހެން ނަމަވެސް މިހާރު ލިބިފައިވާ ހައިސިއްޔަތުގެ ގޮތުން އެކަމުގެ ތެރޭގައި އުޅެވަޑައިގަންނަވަން ބޭނުންފުޅު ނޫންކަމަށާއި، އެހެން ކަމުން އެދެނީ ހިލޭ ސާބަހަށް ޓެކްނިކަލް ކެޕޭސިޓީގައި، ކާބޯތަކެތީގެ ސްޓޭންޑާޑްތައް ކަނޑައެޅުމާއި، އެފަދަ މަަސައްކަތްތައް ކުރައްވަންކަމަށް ވިދާޅުވއިެވެ.
ސާޖިދާ ވިދާޅުވީ އެ މަސައްކަތަކީ ވަރަށް ކުޑައިރުންވެސް ކުރައްވަމުން އައި މަސައްކަތެއްކަމުން ވަރަށް ބޮޑަށް އެކަމަށް ޝައުގުވެރިކަން ހުންނަވާކަމަށެވެ. އަދި އެ މަސައްކަތުގައި ކުރަން ބޭނުންވަނީ ޓެކްނިކަލް ލެވެލްގެ މަސައްކަތެއްކަމަށާއި އަދި ނިންމުންތަށް ނިންމުމުގައި އުޅުއްވަން ބޭނުންފުޅު ނޫންކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރިޔާސީ އިންތިޙާބު ކާމިޔާބުވެވަޑައިގެންނެވި ދުވަހުން ފެށިގެންވެސް އެފަދަ މައްސޫލިއްޔަތު ތަކުން އެކަހެރިވެވަޑައިގަންނަވާފައިވާ ކަމަށާއި އަދި އެފަދަ އެއްވެސް ކަރުދާހެއްގައި ސޮއި ކުރައްވާފައިވެސް ނުވާނެކަމަށް ސާޖިދާ ވިދާޅުވިއެވެ.
އިންތިހާބު ކާމިޔާބު ކުރެއްވި ހިސާބުންވެސް އަމިއްލަފުޅަށް އެކަން ގަބޫލުފުކުރެއްވިކަމަށާއި އަދި އެފަދަ މަގާމަކުން އެކަހެރިވެ ވަޑައިގަންނަން ޖެހޭ ކަމަށްވެސް ގަބޫލުފުޅު ކުރެއްވި ކަމަށް ސާޖިދާ ވިދާޅުވިއެވެ. ސާޖިދާ ވިދާޅުވީ އެކަމަށް ތިއްބަވާ ފަންނީ މީހުން ވަރަށް ބޮޑަށް ދާއިރާގައި މަދުކަމަށާއި އެހެންކަމުން ހަމައެކަނި ބޭނުންފުޅު ވަނީ ޓެކްނިކަލް މަސައްކަތްތަކެއް ކުރައްވަން ކަމަށެވެ. އަދި އެ މައްސަކަތުގެ ތެރެއަށް އަލަށް ވަދެފައިވާ ކުދިންނަށްވެސް މަގުދައްކައިދިނުމަށް މަސައްތަކުގެ ތަޖުރިބާ ހުރި ބޭފުޅަކު ހުންނެވުން މުހިންމު ކަމަށަވެސް ވިދާޅުވިއެވެ.
މީގެއުތުރުން ސާޖިދާ ވިދާޅުވީ އެ މަސައްކަތަކީ 24 ގަޑިއިރު ކުރައްވާނެ މަސައްކަތެއް ނޫންކަމަށާއި ދުވާލެއްގެ ދެތިން ގަޑިއިރު ތެރޭގައި ގިނަ މަސައްކަތް ތަކެއް ކުރެއްވޭނެ ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ނިންމުމަށްފަހުވެސް ދުވަހުގެ ބާކީ އޮތް ގަޑިތަކުގައި އިޖުތިމާއީ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވިދާޅުވއިެވެ. ސާޖިދާ ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ވަރަށް ތެދުވެރުކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށާއި މިކަމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެވަޑައިގަންނަވާނީ ދެ މަސައްކަތް ބެލެންސްކޮށްގެން ކުރިއަށް ވަޑައިގަތުން ކަމަށެވެ.

