ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިއޯނޭޓަލް ކެއަރ ހަރުދަނާކުރުމަށްޓަކައި ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުން ތަމްރީނުކޮށް، ފަންނީ ގޮތުން ކުރިއެރުވުމަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
”ނިއޯކެއަރ 2026 – ދަ މޯލްޑިވްސް ކޮންފަރެންސް އޮން ނިއޯނޭޓަލް ކެއަރ އެކްސެލެންސް“ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ ނިއޯނޭޓަލް ކެއަރ ނުވަތަ އަލަށް އުފަންވާ، ޚާއްޞަކޮށް ދުވަސްނުފުރާ ވިހާ ކުދިންނާއި ޞިއްޙީ ގޮތުން އެކި ބަލިތައް ތަހައްމަލުކުރާ އެންމެ ތުއްތު ކުދިންނަށް ދެވޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ފަންނީ ކުރިއެރުމަށް އިންވެސްޓްކުރުން އިތުރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު، އެ ވަސީލަތްތައް ބޭނުންކުރާ މީހުންނަށް ކުރާ އިންވެސްޓްމަންޓްވެސް އެއާ އެއްވަރަށް އިތުރުކުރަންޖެހޭނެކަން ފާހަގަކުރެއްވިއެވެ.
ނިއޯނޭޓަލް ކެއަރގެ ޚިދުމަތް ރަނގަޅުކުރުމަށް ޚާއްޞަ ވަސީލަތްތަކާއި، ޒަމާނީ އާލާތްތަކާއި، އަލަށް ވުޖޫދުވެގެން އަންނަ މެޑިކަލް ޓެކްނޮލޮޖީ މުހިންމުވީ ނަމަވެސް، ފައިދާހުރި ފަރުވާއެއް ދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރަނީ ހުނަރުވެރި، ޞިއްޙީ ޚިދުމަތްތެރިންކަން ސާޖިދާ ފާހަގަކުރެއްވިއެވެ. މިގޮތުން، މެޝިނަކަށް ހިތުގެ ވިންދު ބަލައިލެވުނު ނަމަވެސް، އެ ވިންދުން ދޭހަވަނީ ކޮންކަމެއްކަން ދެނެގަނެވޭނީ ތަމްރީނު ލިބިފައިވާ ޞިއްޙީ ފަންނީ ބޭފުޅަކަށްކަން ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި ޒަމާނީ ނިއޯނޭޓަލް ޔުނިޓަކުން ކުރިއަރާފައިވާ އާލާތްތައް ލިބެން ހުރި ނަމަވެސް، އޭގެ އެންމެ ފުރިހަމަ ބޭނުން ހިފޭނީ ހުނަރުވެރި އަތްތަކަކާއި، ރަނގަޅު ނިންމުންތަކާއި، އޯގާތެރިކަމާއެކު ދެވޭ ފަރުވާގެ މައްޗަށް ބިނާކޮށް ކަމުގައި ސާޖިދާ ވިދާޅުވިއެވެ.
ޞިއްޙީ ދާއިރާގެ ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުންތަކާއެކު ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ޞިއްޙީ ޚިދުމަތްތެރިންނަށް މެދުކެނޑުމެއްނެތި ތަމްރީނު ދިނުމާއި، ޚާއްޞަ ތަޢުލީމާއި، މެންޓަރޝިޕް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސާޖިދާ ގޮވާލެއްވިއެވެ.
މި މަސައްކަތަށް އެއްބާރުލުން ދިނުމުގައި ”ނިއޯކެއަރ“ގެ ދައުރު ފާހަގަކުރައްވައި، ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ 19 މަރުކަޒަކުން 50 މަންދޫބުން، މި އަހަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާކަން ސާޖިދާ ފާހަގަކުރެއްވިއެވެ. މިއީ މަޢުލޫމާތާއި ތަޖުރިބާ ޙިއްޞާކުރުމަށް ލިބުނު ވަރަށް އަގުހުރި މަންސައެއްކަމަށާއި މާލެއިން ފެށިގެން އަތޮޅުތަކަށް، އަދި ޞިއްޙީ ޚިދުމަތްތެރިންގެ އެކި ޖީލުތަކަށް މިފަދަ ފުރުޞަތުތައް ފުޅާކުރުމުގެ މުހިންމުކަންވެސް ސާޖިދާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ނިއޯނޭޓަލް ކެއަރގެ ޚިދުމަތް ހަރުދަނާކުރުމަށާއި ކަންކަން ނިންމުމުގައި މަގުދައްކައިދިނުމަށް، ރާއްޖެއާ ގުޅޭ ޑޭޓާއާއި ދިރާސާތަކުގެ މުހިންމުކަމުގެ މައްޗަށްވެސް ސާޖިދާ އަލިއަޅުއާވާލެއްވިއެވެ.
ސާޖިދާ ވިދާޅުވީ އާއިލާއަށް އިސްކަންދީގެން ދެވޭ ފަރުވާގެ މުހިންމުކަން ފާހަގަކުރައްވަމުން، އިންޓެންސިވް ނުވަތަ ޚާއްޞަ ފަރުވާ ހޯދަމުންދާ ކޮންމެ ތުއްތު ކުއްޖެއްގެ ފަހަތުގައި، އެހީތެރިކަމާއި، ސާފު މަޢުލޫމާތާއި، ޤަދަރާއި އިޙްތިރާމް އަދި އޯގާތެރިކަމަށް ބޭނުންވެފައިވާ އާއިލާއެއް ވާނެކަމަށެވެ. އަދި ޞިއްޙީ ޚިދުމަތަކީ ހަމައެކަނި ބަލި މީހުންނަށް ފަރުވާދިނުން ނޫންކަމަށާއި، އެއީ އިންސާނުންނަށް އަޅާލައި އޯގާތެރިވުންކަމުގައި ސާޖިދާ ފާހަގަކުރެއްވިއެވެ. ނިއޯކެއަރ 2026 ކުރިއަށްދަނީ ”އެޑްވާންސިންގ ނިއޯނޭޓަލް ކެއަރ: ފްރޮމް ނޮލެޖް ޓު ޕްރެކްޓިސް ތްރޫ އިނޮވޭޝަން އެންޑް ކޮލަބަރޭޝަން“ މި ޝިޢާރުގެ ދަށުންނެވެ.

