ނިއޯ ނޭޓަލް ކެއަރއަކީ ހަމައެކަނި ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ދޭ ފަރުވާ ނޫންކަމަށާއި، މިއީ އެ ކުއްޖެއްގެ މުޅި އުމުރުގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ވަރަށް މުހިންމު ފަރުވާގެ ދުވަސްތަކެއްކަމަށާއި އެ ފަރުވާގެ ނިޒާމަށް އިންސާނީ ވަސީލަތްތައް އިތުރުކުރަންޖެހޭކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
”ނިއޯކެއަރ ކޮންފަރެންސް“ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ އުފެދިފައިވާގޮތުން ޚިދުމަތްތައް ދިނުމަށް ގޮންޖެހުންތައް ބޮޑު ކަމަށެވެ. މިފަދަ ކޮންފަރެންސްއެއްގެ ސަބަބުން ހޮސްޕިޓަލްތަކުގެ ގުޅުން ބަދަހިވެ، ފަންނީ މާހިރުންގެ އިރުޝާދު ފޯރުކޮށްދީ ނިއޯނޭޓަލް ކެއަރއަށް ހޭލުންތެރި ޚިދުމަތްތެރިން ތަކެއް މުޅި ރާއްޖޭގައި ބިނާކުރުމަށް މަގުފަހިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ޚިދުމަތް ދެވޭ ހޮސްޕިޓަލްތަކުގައިވެސް، ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމަށް އަބަދުވެސް އެ އަންނަ ތަރައްޤީއާއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ނިއޯނޭޓަލް ފަރުވާގެ ނިޒާމަކީ ވަރަށް ދުރަށް ވިސްނައިގެން ތަރައްޤީކުރަން ޖެހޭ ޚިދުމަތްތަކެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިއީ ޚިދުމަތްތައް ދޭ ގޮތަށް އަންނަ ބަދަލާއި ފަރުވާދޭން ބޭނުންކުރާ ވަސީލަތްތަކަށް ފަރިތަ ބަޔަކަށް ހެދުމަށް، އިންސާނީ ވަސީލަތުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންޖެހިފައިވާ ޚިދުމަތެއްކަމަށްވެސް ވިދާޅުވިއެވެ.
”އެއްފަހަރު ތަމްރީންކޮށްލާފައި ދޫކޮށްލަނީއެއް ނޫން. މިއީ ދެމެހެއްޓެނިވި ތަމްރީންތައް ދޭންޖެހޭ ދާއިރާއެއް. ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް، ކްލިނިކަލް މެންޓޯޝިޕް އަދި މިނޫންވެސް ޚިދުމަތްތައް ދޭނެގޮތްތައް ވަރަށް ރަނގަޅަށް އެނގިތިބި ބަޔަކަށް ވާންޖެހޭ، ޒިންމާ ބޮޑު މަސައްކަތެއް.“
މިނިސްޓަރު ވިދާޅުވީ، ފަރުވާއަށް ފަހު ކުއްޖާ ދޫކޮށްލާ ހިސާބަކީ، އެ ކުންދިންގެ ސިއްޙީ އެހީތެރިންގެ ޒިންމާ ނިމޭ ހިސާބު ނޫން ކަމަށެވެ. އެ ކުންދިންގެ ފޮލޯއަޕްތަކާއި އާއިލާއަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދީ، އެފަދަ ކުއްޖެއްގެ ސިއްޙަތަށް ބަހައްޓަންޖެހޭ ފަރުވާތެރިކަމުގެ ކަންކަން ބުނެދިނުމަކީ އެންމެ ބޮޑު އެއް ޒިންމާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގައި މި ޚިދުމަތްތައް އެންމެ ފުރިހަމައަށް ޤާއިމުވެފައި ނެތް ނަމަވެސް، ޓަރޝަރީ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި ތަޖުރިބާކަރުން ގުޅިގެން ކުރާ މަސައްކަތުން، މިކަމަށް ބޭނުންވާ އެންމެހާ މަޢުލުމާތާއި އެހީތެރިކަން ދެވިގެންދާކަމަށާއި އަދި އެއްވެސް ކުއްލި ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢަމަލުކުރަންވީ ގޮތްތަކަށް ސިއްޙީ އެހީތެރިން ވަރަށް ބޮޑަށް ހޭލުންތެރިކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

