ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އިންތިހާބުވުމަށް ފަހު މަގާމުގެ ގޮތުން ނިންމަން ޖެހޭ އެއްވެސްކަމެއްގައި ބައިވެރި ނުވަން: ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު/ ފޮޓޯ: އަހުމަދު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވުމާއި އެކު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަގާމުގެ ހައިސިއްޔަތުން ނިންމަން ޖެހޭ އެއްވެސް ނިންމުމެއްގައި ބައިވެރިވެފައި ނުވާނެކަމަށް އެމަނިކުފާނުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސާޖިދާއަކީ އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރު ނަމަވެސް، ސިވިލް ސާވިސްއަށް ހިދުމަތް ކުރެއްވިއިރު ގިނަ ބަޔަކަށް އެއީ ރައީސް މުއިއްޒުގެ އަނބިކަބަލުންކަން އެނގިފައި ނެތެވެ. އެކަމަކު ފަހުން ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ހަރަކާތްތަކުން ފެންނަން ފެށިފަހުން މީޑިއާތަކުގެ ސަމާލުކަމަށް އެކަން އައުމުން އާންމުންނަށް ވެސް ސާޖިދާ އެނގެން ފެށީ އެވެ.

ސަންގު ޓީވީއަށް މިރޭ ދެއްވި ހާއްސަ އެކްސްކްލޫސިވްއެއްގައި ސާޖިދާ ވިދާޅުވީ ސިވިލް ސާވިސްގައި މަސައްކަތް ކުރެއްވިއިރު ވެސް ގިނަ ބަޔަކަށް، އެކަމަނާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުންކަން ނޭނގޭކަމަށެވެ. އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއްވީ އިރު، ސިޔާސީ ގޮތުން އެއްވެސް ކަމެއްގައި އުޅުއްވާފައި ނުވާނެކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި އެކު މަސްއޫލިއްޔަތުތަކެއް ހުރިކަމަށް ގަބޫލު ކުރެވުމުން އެ މަސައްކަތުގެ ތެރެއަށް ނިކުންނެވީކަން ފާހަގަކޮށް ސާޖިދާ ވިދާޅުވީ ސިވިލް ސާވިސްގައި މަސައްކަތް ކުރާއިރު އޮންނަ ފަސޭހައަކީ ރައްޔިތުން އެ މީހަކު ދައްކާ ވާހަކައެއް ގަބޫލުކޮށް އެއަށް އަމަލު ކުރުން ކަމަށެވެ. އެކަމަކު ސިޔާސީ ގޮތުން އެ މީހަކު ދަންނަން ފަށާ ހިސާބުން، އެކަމެއް އާންމުވެގެން އަންނަ ގޮތް ވެސް ތަފާތުކަން ސާޖިދާ ފާހަގަކުރެއްވި އެވެ.

ސާޖިދާ ވިދާޅުވީ ރައީސް މުއިއްޒުގެ އަނބިކަބަލުންކަން އެނގޭނީ މަދު ބަޔަކަށްކަމަށާއި، މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތް ކުރާ އެއް ސެކްޝަނުގެ މުވައްޒަފުންނާއި ތަނުގެ އެހެން ބައެއް މުވަޒަފުންނަށް ވެސް އެކަން އެނގޭނެކަމަށެވެ. އަދި އެކަން ގިނަ ބަޔަކަށް އެނގި އާންމުންނަށް އެނގެން ފެށީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނިކުތް ހިސާބުންކަމަށް ވިދާޅުވި އެވެ.

ދެން އެކަން މާގިނަ ބަޔަކަށް ނޭނގޭނެ.. އަދި އާންމުންނާއި މީޑިއާތަކަށް ވެސް އެނގެން ފެށީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ދުވަސްވަރު.. ދެން އެކީގައި މަސައްކަތް ކުރަން ފެށީމަ މީޑިއާތަކުގައި އެކަން ފާހަގަކުރީމަ ކަންނޭނެ، އެކަން އެނގެން ފެށީ

ސާޖިދާ ވިދާޅުވީ އޭލެވެލް ނިންމައި މަސް ދުވަސް ވެން ނުވަނީސް، ހެލްތް މިނިސްޓްރީގައި މަސައްކަތް ފެއްޓެވީ ލެބް އެސިސްޓެންޓެއްގެ ގޮތުގައި ކަމަށެވެ. އަދި ތަން އޭރު އުފެދިގެން އައީ ރާއްޖެއަށް މަސް އެކްސްޕޯޓު ކުރެވެން ފެށުމާއި އެކުކަމަށްވުމާއި އެކު މަހުގެ ކޮލިޓީއަށް ބަލައި ހެލްތް ސެޓްފިކެޓު ދިނުމަށް ކަމަށެވެ.

އެގޮތުގެ މަތީން މަސައްކަތް ކުރަމުން އައުމަށް ފަހު، ސްކޮލާޝިޕަށް އަހަރެއް ފަހުން ލިބުނު ފުރުސަތުގައި ފަސްޓް ޑިގްރީއަށް ކިޔަވަން ރާއްޖެއަށް ބޭރަށް ދިޔަކަމަށް ސާޖިދާ ވިދާޅުވި އެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކާބޯތެކެތީގެ ކަންކަމުގެ މަސައްކަތް ކުރަމުން އައިއިރު މާސްޓަސް ވެސް ނިންމުމަށް ފަހު 2009 ފަހު ގުޅިގެން ވެސް ކުރަމުން އައީ އެއް ދާއިރާއެއްގައިކަމަށް ސާޖިދާ ވިދާޅުވި އެވެ.

ޑިގްރީ ނިންމައި މައިކްރޮ ބައޮލޮޖީ ލެބް ބަލެހެއްޓުމާއި، ކާބޯތަކެތީގެ ސީދާ ދާއިރާގެ ތެރެއިން މާސްޓަސް ފުރިހަމަ ކުރިކަމަށް ސާޖިދާ ވިދާޅުވި އެވެ. އެހެންވެ މި މަސައްކަތް ސާޖިދާ ފާހަގަކުރީ، ތަނުގައި ވަރަށް ޅަ އުމުރެއްގައި ފެށި މަސައްކަތެއްކަމުން އެކަމަށް ލޯބި ޖެހިފައިވާކަމެއްގެ ގޮތުގަ އެވެ. އަދި ވަރަށް ކުރާ ހިތުން ކުރާ މަސައްކަތެއްކަމަށް ސާޖިދާ ވިދާޅުވި އެވެ.

އަޅުގަނޑު މި މަސައްކަތް ދެކެ ވަރަށް، ވަރަށް ލޯބިވޭ.. އަނެއްހެން ދަންނަވާނަމަ މި މަސައްކަތް ނުކޮށް އުޅެން ވެސް އުނދަގޫ.. ތަން ދެކެ ވެސް ވަރަށް ލޯބިވޭ.  ވަރަށް ޔަންގް އިރުއްސުރެ ފެށުނު މަސައްކަތެއް ވީމަ އެޓޭޗަމްންޓެއް އެބަހުރި.. މޯދެން މަނީ އޯ، އެހެންކަމެއް.. އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް ދެކެ ލޯބިވާ ކުދިންކޮޅެއް އުޅޭނެ ހަމަ މިހާރު ވެސް.. އެމްއެފްޑީއޭގަ..

ސާޖިދާއަކީ ފަސްޓްލޭޑީއަށްވެފައި، ދެން އެ މަސައްކަތް އުނދަގޫ ވެދާނެތޯ ސުވާލު ކުރުމުން ވިދާޅުވީ ބައެއް ބޭފުޅުންގެ ކަންބޮޑުވުންތައް އެބަހުރިކަމަށާއި އެކަން ގަބޫލު ކުރާކަމަށެވެ. ސާޖިދާ ވިދާޅުވީ އެއްވެސް ޑިޒިޝަން މޭކިން ލެވެލްއެއްގައި އުޅުމަށް ބޭނުން ނުވާކަމަށާއި އެކަމަކު ބޭނުންވީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް ކަމަށެވެ.

އެހެން ނަމަވެސް ސާޖިދާ ވިދާޅުވީ ރައީސް މުއިއްޒު އިންތިހާބުވި ހިސާބުން ފެށިގެން ގޮތް ނިންމުމާއި ބެހޭ އެއްވެސް ކަމެއްގައި އުޅުއްވާފައި ނުވާނެކަމަށާއި އެކަން އަމިއްލައިން ގަބޫލު ކުރެއްވި ކަމަށެވެ. އަދި ހަމައެކަނި އެދިފައިވާނީ ކާބޯތަކެތީގެ އެކި ސްޓެންޑާޑް ކަނޑައެޅުމުގައި ޓެކްނިކަލް އެހީ ދިނުމަށްކަމަށް ސާޖިދާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: